ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ގެނެސްދީ "ސިންގަމް 3" ގައި ކުޅަދާނަ ތަރިން ކަމަށްވާ އަޖޭ ދޭވްގަން، އަކްޝޭ ކުމާރު އަދި ރަންވީރު ސިންހް ލީޑު ރޯލު ކުޅޭނެ ކަން ހާމަވެއްޖެއެވެ.
މި ފިލްމުގެ ތިން ވަނަ ބައި އަންނަ އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރިކަން އިއުލާންކުރިއިރު ހާމަކުރީ ފިލްމުގެ ލީޑު ތަރިންނަކީ އަޖޭ އާއި ދީޕިކާ ޕަޑުކޯން ކަމަށެވެ. ޕިންކްވިލާ އިން ބުނީ މި ފިލްމު ވެގެންދާނީ މުޅި ބޮލީވުޑްގެ ތާރީހުގައި ވެސް އުފައްދާ އެންމެ އަގުބޮޑު އެންމެ ބޮޑު ފުލުހުންގެ ފިލްމަށް ކަމަށެވެ. ފިލްމުގައި އަޖޭ ކުޅޭނީ ސިންގަމްގެ ރޯލު ކަމަށާއި ރަންވީރު ފެނިގެންދާނީ ސިމްބާގެ ރޯލުން ކަމަށާއި އަދި އަކްޝޭ ފެނިގެންދާނީ ސޫރިޔަވަންޝީގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގެ މައިގަނޑު ކެރެކްޓަރު އަޖޭ ފެނިގެންދާނީ ވަރުގަދަ ކޭހެއް އިންވެސްޓިގޭޓް ކުރުމުގެ ތެރެއިން ކަމަށާއި އަޖޭ އަށް އެހީތެރިވާން އަންނަ ފުލުހަކީ އަކްޝޭ ކަމަށެވެ. މި ފިލްމުގައި ރަންވީރުގެ މުހިއްމު ރޯލެއް ހިމެނޭ ކަމަށާއި ރަންވީރު ކުޅޭނީ ފިލްމު "ސިމްބާ" ގައި އޭނާ ކުޅުނު ކަހަލަ މަޖާ ސީރިއަސް ފުލުސް އޮފިސަރެއްގެ ރޯލު ކަމަށެވެ.
މި ފިލްމުގެ ދެވަނަ ބައި ސިންގަމް ރިޓާންސް ރިލީޒްކުރީ 2014 ވަނަ އަހަރުއެވެ. 10 އަހަރުގެ މެދުކެނޑުމަކަށްފަހު މި ފިލްމު އަންނަ އަހަރު ސިނަމާއަށް ގެނެސްދޭއިރު މި ފިލްމު ވެގެންދާނީ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގެ ޝޫޓިން މަސައްކަތް އަންނަ އޮގަސްޓް މަހު ފަށާނެއެވެ. މި ފިލްމު ބެލުމަށް އިންތިޒާރު ކުރަމުން އަންނައިރު ސިންގަމްގެ ބައިތަކަކީ މީގެ ކުރިންވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެކެވެ.
އަޖޭ ފުލުސް އޮފީސް މީހެއްގެ ރޯލުން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ބައި 2011 ވަނަ އަހަރު ވަނީ ގެނެސްދީފައެވެ. އެ ފިލްމުގައި އަޖޭ އާއެކު ބަތަލާގެ ރޯލުން ފެނިގެންދިޔައީ އޭނާގެ އަނބިމީހާ ބަތަލާ ކާޖޮލްއެވެ. ފިލްމުގެ ދެވަނަ ބައި "ސިންގަމް ރިޓާންސް" 2014 ވަނަ އަހަރު ގެނެސްދިން އިރު އެ ފިލްމުގައި އަޖޭ އާއެކު ފެނިގެންދިޔައީ ބަތަލާ ކަރީނާ ކަޕޫރެވެ.