ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "އާޝިގީ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފްރެންޗައިޒެކެވެ.
މީގެ ދެ ފިލްމެއް މިހާތަނަށް ދެއްކިއިރު އެ ދެ ފިލްމަށް ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފައެވެ. "އާޝިގީ 3" ކާރްތިކް އާރްޔަން އާއެކު އިއުލާންކުރުމުން ފިލްމުގެ ފޭނުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ސަބަބަކީ މި ފިލްމުގެ ތިން ވަނަ ބަޔަށް އެންމެ އެކަށީގެންވާނީ ފިލްމުގެ ދެވަނަ ބައި ކުޅުނު އެކްޓަރު އަދިތްޔާ ރޯއީ ކަމަށް އެމީހުން ގަބޫލުކުރާތީއެވެ. ފިލްމުގައި ރާހުލް ޖޭކަރުގެ ކެރެކްޓާ އަދިތްޔާ ވަނީ ވަރަށް ފުރިހަމައަށް ގެނެސްދީފައެވެ.
ފިލްމަށް ކާރްތިކް ހަމަޖެއްސުމާއި ގުޅިގެން އަދިތްޔާ ބުނީ އެދުވަސްވަރު ފޭނުން އެކަމާ ވަރަށް މެސެޖު ކުރިކަމަށާއި އެންމެން ވެސް ބޭނުންވީ އަދިތްޔާ އެ ފިލްމު ކުޅެން ބޭނުންވިތޯ ބެލުމަށެވެ. އެ ސުވާލަށް ޖަވާބުދެމުން އަދިތްޔާ ބުނީ ފިލްމުގެ ދެވަނަ ބައިގައި ރާހުލްގެ ކެރެކްޓަރު މަރުވީ ކަމަށާއި އެހެންވެ އެ ކެރެކްޓަރު އަލުން އެނބުރި އައުން ގަބޫލެއް ނުކުރާ ކަމަށެވެ. ފިލްމުގެ ޓީމުން ނިންމާނީ އެންމެ ރަނގަޅަށް ކަމަށާއި ފިލްމު ބަލަން ވަރަށް ކެތްމަދުވެފައި ހުރި ކަމަށާއި ބޭނުންވަނީ ދެވަނަ ބައި ނިމުނު ހިސާބުން ފިލްމު ކުރިއަށް ގެންދަނީ ކިހިނެއްކަން ބެލުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ފިލްމުގެ ބަތަލުގެ ރޯލު ކާރްތިކް އަށް ދިން ނަމަވެސް ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ ތަރިއެއް އަދިވެސް ފައިނަލެއް ނުވެއެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ އާމިރު ހާން އާއެކު ފިލްމު "ޑަންގަލް" އިން ތައާރަފްވި ބަތަލާ ފާތިމާ ސަނާ ޝެއިހް އެވެ. މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަންް މަސައްކަތް ފެށިގެން ކުރިއަށްދާއިރު އެ ފިލްމުގެ ޝޫޓިން ފަށާނީ ޑިސެމްބަރު މަހުއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު މެދެއްހާ ތެރޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
2013 ވަނަ އަހަރު ގެނެސްދިން "އާޝިގީ 2" ގައި ލީޑު ރޯލު ކުޅުނީ އަދިތްޔާ އާއި ޝްރައްދާ ކަޕޫރެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 1.09 ބިލިއަން އިންޑިއަން ރުޕީސް (14 މިލިއަން ޑޮލަރު)ގެ އާމްދަނީ އެއް ލިބިފައެވެ.