ހައްޖުގެ އަޅުކަމަށް ދާ ހައްޖުވެރިންނަށް ހޫނުކަން ކުޑަކުރުމުގެ ގޮތުން މިނާގައި ޓެންޓްތައް ހުންނަ ސަރަހައްދުގައި ސްޓްރެޓެޖިކް ވޯޓާ ސްޕްރޭ ޕޮއިންޓްތަކެއް ސައުދީ ސަރުކާރުން ވަނީ ބަހައްޓާފައެވެ.
ހައްޖުގެ މި ދުވަސްވަރަަކީ އާންމުކޮށް މައްކާގައި ހޫނުގަދަވުމާއި ފިނިހޫނުމިން މައްޗަށް ދާ ދުވަސްވަރެވެ. އިއްޔެގެ މެންދުރު ފަހު މައްކާގެ ފިނިހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާފައި ވަނިކޮށް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހައްޖުވެރިންނަށް ހޫނު ގަދަވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ވެސް ދީފައެވެ.
ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ މިއަހަރުގެ ހައްޖު މޫސުމުގައި އެ ތަންތަނުގެ ފިނިހޫނުމިން 42 ޑިގްރީ އާއި 45 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށެވެ.
ހޫނުމިން އިތުރުވަމުން ދާތީ، ހައްޖުވެރިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ވާއިރު، ހައްޖަށް ދާ މީހުން ގިނައިން ފެން ބުއިމަށާއި، މާގިނައިން ކަސްރަތު ނުކުރުމަށާއި، ހީޓްސްޓްރޯކުން ރައްކާތެރިވުމަށް ސިއްހީ ގައިޑްލައިންތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މިނާގެ ހޫނުކަން ކުޑަކުރުމުގެ ގޮތުން ޓެންޓުތައް ހުންނަ ސަރަހައްދުގައި ފިނި ފެން ސްޕްރޭ ކުރާ ސިސްޓަމްތަކެއް ވަނީ ބަހައްޓާފައެވެ. މި މިސްޓިން ސްޓޭޝަންތަކުން ފައިން ސްޕްރޭއެއް ދޫކުރާ އިރު ވަށައިގެންވާ ޖައްވު ގާތްގަނޑަކަށް 5-7 ޑިގްރީ ސެލްސިއަސް އަށް ފިނިކޮށްދޭނެ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.
ހޫނުގަދަވުމުގެ ސަބަބުން ދިމާވާ ކޮންމެ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ހެލްތު މިނިސްޓްރީން ވަނީ ސަންސްޓްރޯކްގެ ކޭސްތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށް 217 އެނދު ހާއްސަކޮށްފައެވެ. އޭގެ ތެރެއިން 166 އެނދު އަޅުކަމުގައި މީހުން އުޅޭ ސަރަހައްދުތަކުގައި ހުންނަ ހޮސްޕިޓަލްތަކުގައި ހުރި އިރު ބާކީ 51 އެނދު ހާއްސަކޮށްފައި ވަނީ މައްކާގައެވެ.
މައްކާގެ އިރުން 6 ކިލޯމީޓަރު ދުރުގައި އޮންނަ މިނާއަކީ މައްކާގެ ސިޓީ ސެންޓަރުން ފެށިގެން މުޒްދަލިފާއާ ހަމައަށް އޮންނަ 16.8 ކިލޯމީޓަރުގެ ސަރަހައްދެކެވެ. ޓެންޓް ސިޓީގެ ނަމުން ނަން ދީފައިވާ މި ސިޓީއަކީ އެއް ލައްކައަށް ވުރެ ގިނަ އެއާކޮންޑިޝަން ޓެންޓުތަކުގައި 3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖާގަ ދެވޭނެ ތަނަވަސްކަން އޮތް ސަރަހައްދެކެވެ.
މިއީ ސައުދީގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްޖަށް ދާ މީހުންނަށް ޖާގަ ދިނުމުގެ ގޮތުން އަހަރަކު 2.6 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ގެނައުމުގެ ފުރުސަތު ފަހިކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު ޓެންޓް ސިޓީއެވެ. މި ޓެންޓުތައް ހަދާފައި ވަނީ ޓެފްލޯން އިން ފޮރުވިފައިވާ ބިއްލޫރި ފޭރާންތަކަކުންނެވެ. ޓެންޓުތަކަކީ ވެސް އެއާކޮންޑިޝަން އަދި ކްލައިމެޓް ރެސިސްޓެންޓް ޓެންޓުތަކެކެވެ.