ރަޝިއާގެ ހަނގުރާމައަށް މަދަދުވެރިވާން ޕުޓިން އުފެއްދެވި ހަނގުރާމަވެރި ޖަމާއަތުން، ރަޝިއާގެ ދެކުނު ބިތުގެ ސިޓީއެއް ކަމަށް ވާ ރޮސްޓޯވް ގެ އަސްކަރީ މަރުކަސު ހިފައިފިއެވެ.

ވެގްނާ ގްރޫޕުގެ ބޮސް ޔެވްގެނީ ޕްރޮގޯޒިން އާ ހަވާލާދީ އޭއެފްޕީން ބުނީ، އޭނާ މިހާރު އިނި އަސްކަރީ މަރުކަޒުގެ ތެރޭގައި ކަމަށާއި އެތަނުގެ ކޮންޓްރޯލް ނަގާފައި ވާ ކަމަށެވެ.

އަދި އެ ސިޓީގައި ހުންނަ އަސްކަރީ ތަންތަނާއި ވައިގެ ބަނދަރުވެސް އަތުލާފައި ވާ ކަމަށް ބުނެއެވެ.

ރޮސްޓޯވްގެ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވާ އިރު، ވެގްނާގެ ސިފައިން ބަރުހަތިޔާރާއެކު ރޮސްޓޯވްގެ މަގުމަތީގައި ހަރަކާތްތެރިވާތަން ފެނެެއެވެ. އަދި ޓޭންކް ތަކާއެކު އެ ޖަމާއަތުން އަސްކަރީ ހެޑްކުއާޓަރު ވަށާލާފައި ވާތަންވެސް ފެނެއެވެ.

އެހެން ބައެއް ހަބަރުތައް ބުނާގޮތުން، ސްޕެޝަލް އޮޕަރޭޝަންސް ފޯސަސް (އެސްއެސްއޯ) ގެ ކޮމާންޑަރު މޭޖާ ޖެނެރަލް ވަލެރީ ފުލުސްޓިކޯވް ވަނީ މޮސްކޯގެ ފްރެންޒެސްކަޔާގައި ހުންނަ އަސްކަރީ މަރުކަރުގެ ކޮންޓްރޯލް ނަންގަފާވައެވެ. އެތަނަކީ މިހާރު ހިނގަމުން ދާ ރަޝިއާ ޔޫކްރައިން ހަނގުރާމައިގައި އަސްކަރިއްޔާގެ އިސްވެރިން ތިއްބަވާ އެއް މަރުކަޒަށް ވާއިރު އެތާނގައި ޑިފެންސް މިނިސްޓަރު ސާޖީ ސޮއިގޫ ހުންނެވި ކަމެއް އަދި ސާފު ނުވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އަދި ވެލެރީ ވެގްނާ އަށް ބައިތު ހިފީ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ވެގްނާ ގްރޫޕަކީ ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ފަށާފައި ވާ ހަނގުރާމައިގައި ބައެއް ސަރަހައްދުތަކުން ޔޫކްރައިންގެ ފައުޖުތަކާ ކުރިމަތިލާން އުފެއްދި ހަނގުރާމަވެރި ޖަމާއަތެވެ. މުޅިން ޖަލު ކުށްވެރިން ހިމެނޭ އެ ޖަމާއަތުގައި 50،000 މީހުން ހިމެނޭ އިރު އެމީހުންގެ އަތުގައި ޒަމާނީ ހަތިޔާރާއި ބަރުހަތިޔާރުވެސް އެބަހުއްޓެވެ.

ޖެހިލުން ކުޑަ އަދި ބޭނުން އެއްޗެއް ބުނަމުން ދާ އެ ގްރޫޕުގެ ލީޑަރު މީގެ ގަޑިއިރުތަކެއްގެ ކުރިން ބުނެފައި ވަނީ، ރަޝިއާގެ އަސްކަރީ ސަރުކާރު ވައްޓާލުމަށްޓަކައި އެމީހުން މިހާރު ސަރަހައްދީ އިމުން ރަޝިއާގެ ތެރެއަށް ވަދެގެންފައި ވާ ކަމަށާއި މަރުވާންވެސް ތައްޔާރަށް ތިބި 25،000 މީހުންނާއި އަދި އިތުރު 25،000 މީހުންނާއެކު ރަޝިއާގެ އަސްކަރިއްޔާ އާ ކުރިމަތިލާނެ ކަމަށެވެ.

އޭނާ އާންމު ކުރި އޯޑިއޯ މެސެޖެއްގައި ބުނެފައި ވަނީ، އޭނާގެ ފޯސް ޔޫކްރައިން އާ ހަނގުރާމަ ކޮށް، އެތައް ސަރަހައްދެއް އަތުލައި ރަޝިއާ ސިފައިންނާ ހަވާލު ކުރުމަށް ފަހު އެނބުރި ދިޔަ މަގުމަތީގައި ރަޝިއާ ސިފައިން ވަނީ އެ ޖަމާއަތުގެ މީހުން މަރަން މައިން ވަޅުލާ އަދި ހަމަލާ ދީފައި ކަމަށެވެ. އެއީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ރަޝިއާގެ އަސްކަރީ ސަރުކާރު ވައްޓާލުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން އެ ޖަމާއަތުން ރަޝިއާގެ ތެރެއަށް ވަދެގެންފައި ވާ ކަމަށެވެ.

އެކަމާ ގުޅިގެން ރަޝިއާގެ އިދާރާތަކުން ބުނީ، ވެގްނާ ގްރޫޕުގެ ސިފައިން ރަޝިއާގެ ދެކުނު ބިތުގެ ސަރަހައްދެއް ކަމަށް ވާ ރޮސްޓޯވް އަށް ވަދެފައި ވާ ކަމަށާއި އެތާނގައި ހުންނަ ސަރުކާރުގެ އިމާރާތްތައް ވަށާލައި، ބަރުހަތިޔާރާއެކު ހަރަކާތްތެރިވަމުން ދާ ކަމަށެވެ. ނަމަވެސް ރަޝިއާއިން އެމީހުންނަށް ފުރުސަތު ނުދޭނެ ކަމަށާއި ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލައިފައި ވާ ކަމަށް ވެސް ބުނެއެވެ.

އަދި ގިނަ ސަހަރައްދުތަކެއްގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފައި ވާ ކަމަށާއި ރޮސްޓޮވްގެ އާންމުން ގޭތެރޭގައި ތިބިމަށް އިސްތިމާސް ކުރާ ކަމަށް މޮސްކޯގެ މޭޔަރާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ވެގްނާ ގްރޫޕުން ދާހިލީ ހަނގުރާމައަކަށް އެނބުރިފައިވާ އިރު، އެ ގްރޫޕުގެ ލީޑަރު ބުނެފައި ވަނީ "ކުރިމަތިލާ ހުރިހާ އެއްޗެއް [މީހުން] ނައްތާލާނެ" ކަމަށެވެ. މި ފައުޖު ރޮސްޓޯވްގެ ތެރެއަށް ވަގެފައި ވާ އިރު އެސަރަހައްދުން ރަޝިއާގެ އަސްކަރީ ހެލިކޮޕްޓަރެއްވެސް ވައްޓާލަފައި ވާކަމަށް އެ ޖަމާއަތުން ބުނެއެވެ.

އެ ގްރޫޕުގެ ލީޑަރު ބުނީ، އެމީހުން ނައްތާލުމަށް ރަޝިއާ ސިފައިން މިސައިލް ހަމަލާވެސް ދީފައި ވާ ކަމަށާއި އެ ހަމަލާތަކުގައި ގިނަބަޔަކު މަރުވެފައި ވާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ، އެއީ އަސްކަރީ ބަޣާވާތެއް ނޫން ކަމަށާއި ނަމަވެސް އަސްކަރީ ލީޑާޝިޕް ނައްތާލަން ޖެހޭ ކަމަށެވެ. އެއާއެކު އޭނާ ވަނީ އެ ޖަމާއަތާ ގުޅުމަށް ރަޝިއާގެ ސިފައިންނަށް ގޮވާލާފައެވެ. މީގެ އިތުރުން އޭނާ ބުނީ، އޭނާގެ ފައުޖުތައް ނައްތާލަން އުޅެނީ ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާޖީ ޝޮއިގޫ އާއި ސީފް އޮފް ޖެނެރަލް ސްޓާފް ވެލަރީ ގެރަސިމޯވް ކަމަށެވެ.

މިއާއެކު ރަޝިއާއިން ބުނެފައި ވަނީ، އެ ޖަމާއަތުން މިހާރު އެ އުޅެނީ 'ރަޝިއާ ސިފައިންގެ ގަޔަށް ވަހަތުން ވަޅި ޖަހަން' ކަމަށާއި އެފުރުސަތު ނުދޭނެ ކަމަށެވެ.

ވެގްނާ ގްރޫޕަކީ، ރަޝިއާ ސިފައިންނަށް އެހީވުމަށް އެގައުމުގެ ރައީސް ވަލްޑިމިއާ ޕުޓިން ތައްޔާރު ކުރެއްވި ރިޒާވް ފޯސްގައި ހިމެނޭ ޖަލު ގައިދީންނެވެ. އެމީހުންނާ އެއްބަސްވެފައި އޮތީ، ބަކްމޫތް ހިފައިފިނަމަ އެންމެނަށް މައާފު ދޭ ގޮތަށެވެ. އެގޮތުން ބަކްމޫތް ހިފާ، އެތަން ރަޝިއާ ސިފައިންނާ ހަވާލުކޮށްފައި ވާ އިރު، 33،000 މީހުން އަނބުރާ ގެއަށް ގޮސްފައި ވާ ކަމަށް އެ ގްރޫޕުގެ ލީޑަރު ބުނެފައި ވެއެވެ. އަދި އެ ހަނގުރާމައިގައި އެ ޖަމާއަތަށް ނިސްބަތްވާ 11،000 މީހުން މަރުވެފައި ވާކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.