ބައެއްް ސިޔާސީ ޕާޓީތަކުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅާ ކަމަށާއި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުރައްސާރަ ކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިއުވާން ވިދާޅުވީ ސަރުކާރުގެ އިދާރާތަކާ ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ހުރަސްއަޅާ ކަމަށާއި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުރައްސާރަ ކުރަމުންގެންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމުގައެވެ.
މުވައްޒަފުންގެ ސަލާމަތާ ރައްކާތެރި ކަމަށް ބުރޫއަރާ އަދި އޮފީސްތަކުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވާ މިއުވާން ވިދާޅުވީ ސިޔާސީ ޕާޓީތަކުން އަމަލު ކުރެވޭނެ އުސޫލުތަކުގެ ތެރެއިން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް އެދޭކަމަށެވެ.
މީގެ އިތުރަށް މިއުވާން ވިދާޅުވީ މިއަހަރުގެ މި އަހަރު އަމީރުލްހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ފުރާ ވަޑައިގަންނަވާނެ ކަމަށާއި ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދާ ހުރިހާ ހައްޖުވެރިން މިހާރު ސައުދީއަށް ގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް ދިވެހި ހައްޖު ކޮމިޝަންއިން މައުލޫމާތު ދޭ ކަމަށެވެ.