ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރު އަތުލައިގަތް ދޯނީގައި ތިބި މީހުން ބޮޑު އަދަދަކުން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުން ކޮށްފިއެވެ.

ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީ އުފުލި 'އިރުއަލިމަސް' ނަމަކަށް ކިޔާ ދޯނީގައި ތިބި މީހުންގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތު އުމުރަށް ޖަލަށް ލުމަށް ހުކުން ކޮށްފައިވާއިރު 100،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ޕާކިސްތާނާއި އީރާންގެ ނެޓްވޯކްތަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ކުށް ސާބިތުވެ ހުކުން ކޮށްފައިވަނީ:

- އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4

- އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ

- ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ

- ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން

- މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު

- މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

މި މީހުން ބަންދުގައި 3 އަހަރާއި 2 މަހާއި 5 ދުވަސް ހޭދަކޮށްފައި ވާތީ ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 9 މަހާއި 5 ދުވަހުގެ ހުކުމެކެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ޖުމްލަ 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރި މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށެވެ. އަދި އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ފޭރުމާއި، ހެކި ނައްތާލަން އުޅުމާއި، ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ހިމެނޭ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި އަދި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އަހުމަދު ވިސާމް (މއ. ބޮއިލިންގްފިޝް) އާއި މުހައްމަދު ހަމީދު (ގދ. ރަތަފަންދޫ، ގުލްދަސްތާގެ) މުހައްމަދު ޝާމިން (މއ. ވިރާހު) އަދި މުހައްމަދު މާއިޝް(މ. މާކޮޅު)ގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

މި ހަތަރު މީހުންވެސް މާލެ އާއި ހުޅުމާލެއިން ހައްޔަރު ކޮށްފައި ވާއިރު އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ކަނޑައަޅާފައި ވަނީ އެ މީހުންނަކީ މަސްުތުވާތަކެތި ފެނުނު ދޯނީގައި އެ ވަގުތު ތިބި މީހުންނަށް ނުވުމުންނެވެ. އަދި އެ ތަކެތި ދެއްކުމަށް އެ މީހުން ދޯންޏަށް ވެސް ގެންގޮސްފައި ނުވާތީ އާއި އެ މީހުންނާއި ދޯންޏާއި މަސްތުވާތަކެއްޗާ އޮތް ގުޅުން ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދޭނެ ހެކި ހުށަހަޅާފައި ނުވާތީއެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި މުހައްމަދު ނަޝީދު، މ.މުލި/ހުދުފިނިފެންމާގެ ވަނީ މައްސަލަ ކުރިއަށްދަނިކޮށް މަރުވެފައެވެ.