ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު 5 މައްސަލައާ މެދު ގޮތެއް ނިންމެންދެން މި ހިނގާ ދައުރު ދަންމާލުމުގެ ފުރުސަތު ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެދިއްޖެއެވެ.
ރޭގެ ވަގުތެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މަޖިލީހުގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިދާރާ އާއި ކޮމިޓީތަކާއި ޖަލްސާތަކާއި މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ފަރާތަކީ މަޖިލީހުގެ ރައީސް ކަމަށްވާއިރު ނަޝީދު އިސްވެ ހުންނަވައި ޖަލްސާތައް ހުއްޓުވާފައި އޮތުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސާއި ނައިބު ރައީސް އުޒުރުވެރިވެފައިވާއިރު ކަމަށް ވެއްޖެނަމަ، ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅާފައިވާ 5 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކާ އެ މަސްއޫލިއްޔަތު ހަވާލުނުކުރެއްވުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއާއި މަސްއޫލިިއްޔަތު އަދާ ނުކުރެއްވުން ކަމުގައެވެ.
ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ސަބަބަކީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ "އެއް ފަހަރާ" ހުށަހެޅުން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެއީ ހަގީގަތާ ހިލާފް ވާހަކައެއްކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށްފަހު ރިޔާސަތު ބެލެހެއްޓުމުން އެކަހެރިވާން ލާޒިމް ކުރަނީ ހަމައެކަނި ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލުކޮށް ކުރިޔަށްދާ މަޖިލީހުގެ ޖަލްސާގައިކަން ގާނޫނު އަސާސީގއި ކަނޑައެޅިގެން އެނގެން އޮންނަކަން އަަސްލަމް ވަނީ ވިދާޅުވެފަައެވެ.
މީގެ އިތުރަށް އަސްލަމް ވިދާޅުވީ ޒާތީ ސަބަބުތަކާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިޔަށްދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުވެރިވާ ހާލަތެއް އޮތްކަމަށް ގަބޫލުކުރަން ޖެހިފައިވާ މިހާލަތުގައި ވެސް މަޖިލިސް މެދުނުކެނޑި ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ހެއްދެވުމަކީ ނަޝީދުގެ ޒިންމާއެއް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ، އިދިކޮޅުފަރާތްތަކާ ގުޅިގެން މަޖިލިސް ހުއްޓުމަކަށް ގެނައުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް ވެސް މަޖިލީހުގެ ގަވައިދާ ހިލާފަށް ގަސްދުގައި ހުއްޓުމަށް ގެނައުން ކުށްވެރިކުރާ ކަމަށާއި އެ މައްސަލަ ހުށަހެޅުމަށް މި މަހުގެ 13 ޖޫންގައި އިސްލާހު ހުށަހަޅާފައިވާނެ ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ 5 މައްސަލަ
- މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ
- ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ
- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހް ގެނައުމުގެ މައްސަލަ
- އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލަ
- ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ
މަޖިލީހުގެ މުހިންމު މައްސަލަތަކަށް ގޮތެއް ނުނިންމާ، މަޖިލީހުގެ ޖަލްސާއެއް ވޭތުވެދިޔަ 2 ދުވަހު ތާވަލުނުކޮށް މަޖިލީހުގެ ގަވާއިދާ ހިލާފަށް ބޭއްވުމަށްފަހު މިއަދު ހަމައެކަނި ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުން ތަމްސީލުކުރެވޭނެ ގޮތާ މެދު މަޝްވަރާކުރުމުގެ މައްޗަށް މަޖިލީހުގެ އެޖެންޑާ އެކުލަވާލައްވާ މަޖިލީހުގެ ޖަލްސާއަކަށް ކިޔުމަކީ މަޖިލީހުގެ ގަވާއިދާ މިހާތަނަށް މަޖިލީހުގައި އަމަލު ކުރަމުން އައިސްފާވާ ގޮތާ މުޅިން ހިލާގު ކަމެއް ކަން ވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ. އަދި މަޖިލީހުގެ ރައީސް ކުރައްވައިގެން ހުންނެވި ހުވަޔާ އެއްގޮތަށް މަޖިލީހުގެ ރައީސްގެ ޒިންމާތައް އަދާކުރުމަށް އަސްލަމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަމިއްލަފުޅު އުޒުރުތަކަށްވުރެ ރައްޔިތުންގެ މަސްލަހަތު ހިފަހައްޓަން ޖެހޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު ވަނީ ރިޔާސަތާ ހަވާލުވެ ވަޑައިގެންފައެވެ.