މި ދުވަސްވަރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް އޫޅޭ މިންވަރަށްވުރެ އިތުރުވުމުން ޗުއްޓީ ދުވަސްވަރު މިފަދަ އާންމު ރޯގާތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަށް އޮތީ އީދު ބަންދާ، ސްކޫލު ޗުެއްޓީކަމުން މި ދުވަސްވަރު ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ދަތުރުކުރުމާއި، ގޭގެއަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެ ކަމަށެވެ.

މިދުވަސްވަރު ޑެންގީ، އަރުދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކާތީ، ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން ކުޑަކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ބަލިޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ:

  • އަރާމު ކުރުން- މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރުން ވެސް ރައްކާތެރިވޭ
  • ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން- ފައިދާ ހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނުޕެކެޓް އަދި ސޫޕް ފަދަ ތަކެތި ހިމެނޭ.
  • ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސިޓަމޯލް ބޭނުން ކުރެވިދާނެ.

މި ބަލީގައި މާ ބޮޑުވަރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

މި ބަލިތަކަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު އީދު ޗުއްޓީއަށް މާލެ ކައިރި ރަށްރަށުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް މީހުން ދަތުރުކުރާނެއެވެ. އަދި އީދަށް އަތޮޅުތަކަށް ދާ މީހުންގެ އިތުރުން ރާއްޖެއިން ބޭރަށް ވެސް އެތައް ބަޔަކު އާންމުކޮށް ދަތުރު ކުރެއެވެ.