ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފިއެވެ.
އަހްމަދު ރަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެންފިކަން އިއުލާނު ކުރެއްވިތާ އިރުކޮޅެއްގެ ފަހުންނެވެ. އަހްމަދު ރަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގަތުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް އެޑްރެސް ކުަރއްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ މިއަދުން ފެށިގެން އެ ޕާޓީއިން ވަކިވެފައިވާ ކަމަށެވެ.
އަހްމަދު ރަޝީދަކީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ސޮއިނުކުރެއްވި 5 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. އަހުމަދު ރަޝީދުގެ އިތުރުން އެ މައްސަލާގައި ސޮއިނުކުރެއްވީ އިނގުރައިދާ ދާއިރާގެ މެންބަރު އަހުމަދު ހަސަން (ހަސަންޓޭ) އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު އާއި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
މިއަދު ރައީސް ނަޝީދު އެމްޑީޕީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މި ވަގުތު ރާއްޖޭގައި ކަންކަން ހިންގަމުންދާ ގޮތަށް ބައްލަވައި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑަގެންފައިވާ އިރު، އެމަނިކުފާނު އިސް ވެ ހުންނަވާ އެމްޑީޕީން ވަކިވި "ފިކުރެއްގެ ދިރުން" ފެކްޝަންގެ ބައިވެރިން ހެދި 'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީއަށް ނަޝީދު ގުޅިވަޑައިގަންނަވާ ފަދަ މޭރުމަކުން ދާދި ފަހުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނީ، އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ރައީސް ނަޝީދު އޭރު ވިދާޅުވެފައި ވަނީ އެމްޑީޕީގައި ހުންނެވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެ ޕާޓީގައި މަޑުކުރައްވައިގެން ހުންނެވީ އެމްޑީޕީން ޑިމޮކްރެޓްސް އަށް ހެޔޮވަރަކަށް މެންބަރުން ގެންދެވުމުގެ މަގްސަދުގައި ކަމަށެވެ. ހަމައެއާއެކު ސިޔާސީ ޕާޓީއެއް ހެދުމަށް ސަރޔުކާރުން ހުރަސް އަޅާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ އިރު، އެމަނިކުފާނަކީ 20 އަހަރު އެމްޑީޕީއަށް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އެމްޑީޕީ ތަމްސީލު ކުރައްވައި ލީޑަރެއްގެ ގޮތުން ގިނަބައެއްގެ މަގްބޫލުކަން ހޯއްދެވި ބޭފުޅެކެވެ. އެމްޑީޕީ ސަރުކާރެއްގައި ރައީސް ނަޝީދު ވަނީ މީގެ ކުރިން ރައީސް ކަން ވެސް ކުރައްވާފައެވެ.
އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގެން އިރު ރައިސް ނަޝީދަކީ އެމްޑީޕީގެ ރައީސްއެވެ.
ދެން ފައްޔާޒު އެމްޑީޕީގެ ރައީސްކަމާ ހަވާލުވޭ. ބަލަ މީހަކު ހަމެއްދުއްވާލައިގެން ކުރި މަސައްކަތެއް އަދި ރަނގަޅު ކަމުން ވެރިކަން ހޯދާދިނީމާ ބުރަކައްޓަށް ވަޅިހަރާނީ ތިޔަހެން. ދެން ލާހޫރޭތަކަށް 2ވަނަ ދައުރެއް ލިބޭތަން ބަލަން މަހުންނާނަން އަނގަ ޗޭކޮށްގެން