ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުން، މިއަދަކީ ހިތާމަވެރި ދުވަހެއްގެ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސިފަ ކުރައްވައިފިއެވެ.

ފައްޔާޒް ވިދާޅުވީ، ޕާޓީގެ ނަމުގައި އަދި އަމިއްލަ ނަމުގައި ރައީސް ނަޝީދަށް ކާމިޔާބާއި މަރުހަބާ ދަންނަވާ ކަމަށެވެ. މިއަދަކީ ހިތާމަވެރި ދުވަހަކަށް ވާއިރު، މިކަމުގެ ސަބަބުން ހުރިހާ ޕާޓީތަކަކަށް ވެސް އެ ޕާޓީއެއް އިހްތިޔާރު ކުރާ މަގުގައި ކުރިއަށް ދިއުމަށް މަގު ފަހިވެގެން ދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގެ ތެރެއިން އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތްޕުޅުތަކާއި އެމަނިކުފާނުގެ ލީޑާޝިޕްގައި ހޯއްދެވި ކާމިޔާބީއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގަތުމަށް އެ ޕާޓިއަށް ފޮނުއްވި ސިޓީފުޅުގައި ވަނީ، މި ވަގުތު ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބައްލަވައި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިނުގަންނަވާތީ ޕާޓީން ވަކިވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑަގެންފައިވާ އިރު، އެމަނިކުފާނު އިސް ވެ ހުންނަވާ އެމްޑީޕީން ވަކިވި "ފިކުރެއްގެ ދިރުން" ފެކްޝަންގެ ބައިވެރިން ހެދި 'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީއަށް ނަޝީދު ގުޅިވަޑައިގަންނަވާ ފަދަ މޭރުމަކުން ދާދި ފަހުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނީ، އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގައި ހުންނެވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެ ޕާޓީގައި މަޑުކުރައްވައިގެން ހުންނެވީ އެމްޑީޕީން ޑިމޮކްރެޓްސް އަށް ހެޔޮވަރަކަށް މެންބަރުން ގެންދެވުމުގެ މަގްސަދުގައި ކަމަށެވެ. ހަމައެއާއެކު ސިޔާސީ ޕާޓީއެއް ހެދުމަށް ސަރުކާރުން ހުރަސް އަޅާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ އިރު، އެމަނިކުފާނަކީ 20 އަހަރު އެމްޑީޕީއަށް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އެމްޑީޕީ ތަމްސީލު ކުރައްވައި ލީޑަރެއްގެ ގޮތުން ގިނަބައެއްގެ މަގްބޫލުކަން ހޯއްދެވި ބޭފުޅެކެވެ. އެމްޑީޕީ ސަރުކާރެއްގައި ރައީސް ނަޝީދު ވަނީ މީގެ ކުރިން ރައީސް ކަން ވެސް ކުރައްވާފައެވެ. އަދި ޕާޓީން ވަކިވެވޑައިގެން އިރު ނަޝީދަކީ އެ ޕާޓީގެ ރައީސް ވެސް މެއެވެ.