ދައުލަތުން ހިލޭ އެއްޗެއް ދޭނަމަ އެ އެއްޗެއް ދައުލަތުގެ ދަރަނި ފޮތަށް އަރާނެ ކަމަށާ މިހާރު އެންމެ ބޮޑީ އިންޑިއާގެ ދަރަނި ފޮތްކަމަށް މިއަހަރު ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ކެމްޕެއިން ޓީމްގައި މަސައްކަތްކުރާ ދަރުމަވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އޭނާގެ މެނިފެސްޓޯ މިއަހަރު ފެބްރުއަރީ މަހު ލޯންޗްކޮށްފައިވާކަަމަށާ އެހެން ކެންޑިޑޭޓުން އެކަން ކުރަން ފެށީ އަދި ކިރިޔާ ކަމަށެވެ.

ބައެއް ކެންޑިޑޭޓުންގެ މެނިފޯސްޓޯގައި ހިމަނާފައިވާ ކަންކަމަށް ފާޑު ވިދާޅަވަމުން އުމަރު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ރިޔާސީ ކެންޑިޑޭޓުން މިހާތަނަށް އާންމުކުރި ހުރިހާ މެނިފެސްޓޯއެއްގައި ވެސް ހުރީ ހިލޭ މެޓާ ބެހުމުގެ ވާހަކަ ކަމަށެވެ. " މެނިފެސްޓޯގައި ހިލޭ އައިސްކްރީމާ މެޓާ ބަހާ ވާހަކަ ނޫން އެހެން ވާހަކައެއް ނުހިމެނޭ. ހިލޭ އެއްޗެއް ދޭނެމާ. މިވެނި އެލަވެންސެއް ބޮޑުކުރާނަމޭ" އެހެން ކެންޑިޑޭޓުންނަށް ވެސް އިހްތިރާމް ކުރާކަން ހާމަކޮށް އުމަރު ވަނީ އެހެން ކެންޑިޑޭޓުންގެ މެނިފޯސްޓޯ އަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ ދައުލަތުން ހިލޭ ދޭ ކޮންމެ އެއްޗަކީ ދައުލަތުގެ ދަރަނި ފޮތަށް އިތުރުވާ އެއްޗެއް ކަމަށާ މިހާރު ހިލޭ ބަހާ ހުރިހާ އެއްޗެއްވެސް އިންޑިއާގެ ދަރަނި ފޮތަށް އިތުރުވަމުން ދާނެކަމަށެވެ.

އުމަރު ނަސީރު ވިދާޅުވީ އޭނާ މަސައްކަތްކުރަނީ ސަރުކާރުން ހިލޭ ދޭ އެއްޗެއް ހޯދުމަށް އަތް ދިއްކޮށްގެން އުޅޭ މުޖުތަމައު އެއް ބިނާ ކުރުމުގެ ބަދަލުގައި ޒިންމާދާރު، މަސައްކަތްތެރި ހީވާގި، އަހްލާގް ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކަމަށެވެ.