ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި ނަމަ ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުކޮށް، ރާއްޖެއަށް ކާޑު ލިބުމުގެ ދަތިކަން ވެސް ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ހައި ކޯޓުގައި ބުނެފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން އެދުނީ "ދިޔަރެސް" ނޫހުންނެވެ. ނަމަވެސް އެ މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބުނެ، މައުލޫމާތު ހާމަ ނުކުރެވޭނެ އިސްތިސްނާ ހާލަތްތަކެއް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައި ވާތީ އައިކޮމްއިން ވަނީ އެކަން ހާމަ ނުކުރަން ނިންމާފައެވެ.

އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ދިޔަރެސްގެ ފަރާތުން އެ ނޫހުގެ އެޑިޓަރު އަހުމަދު އަޒާން، ހައި ކޯޓުގައި އެ މައްސަލަ އިސްތިސްނާފު ކޮށްފައި ވާއިރު އެ މައްސަލައިގައި އޮތް އަޑުއެހުމުގައި އޮތީ އިސްތިއުނާފީ ނުކުތާތަކަށް އައިކޮމް އާއި ދައުލަތަށް ޖަވާބު ދިނުމާއި އެ ވާހަކަތަކަށް ރައްދު ދިނުމެވެ.

ހައި ކޯޓުގައި ހައިކޮމުން ބުނީ އެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީއާ އެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި އަޒާންގެ ފަރާތުން ހޯދަން އެދުނީ ކޮންޓްރެކްޓެއްގެ ތެރޭގައި ހިމެނޭ އަދި ސިއްރު ހިފެހެއްޓުމަށް ޝަރުތު ކޮށްފައިވާ މައުލޫމާތެއް ކަމަށެވެ. އެހެންކަމުން އެފަދަ މައުލޫމާތެއް ހާމަކުރުމުން ދެ ގައުމުގެ ގުޅުމަށް ބުރޫއެރުމުގެ ފުރުސަތު އޮތް ނަމަ، އެ އިދާރައަކަށް އެ މައުލޫމާތު ދޫނުކުރެވޭނެ ކަމަށް އައިކޮމްގެ ވަކީލުން ކޯޓުގައި ވިދާޅުވިއެވެ.

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ގާނޫނުއަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެކަމުގެ ބިރު އޮތްކަމަށް ވާނަމަ، އެފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވާ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި އޮންނަކަން ވެސް އައިކޮމްއިން ފާހަގަ ކުރިއެވެ.

އައިކޮމްއިން އިން އެންމެ މުހިންމު އެއް ކަމަކަށް ފާހަގަކުރީ ރާއްޖެއަކީ ކާޑާއި ބޭސް ފަދަ އަސާސީ ތަކެތިވެސް ބޭރުން އެތެރެކުރާ ގައުމަކަށް ވާ ކަމެެވެ. އެފަދަ ގިނަ ތަކެތި އެތެރެ ކުރަނީ އިންޑިއާއިން ކަަމަށް ވީއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިވެދާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ނަންބަރު ހާމަވުމަކީ އެހެން ގައުމުތަކުން ވެސް އެ އަދަދަށް ރާއްޖޭގައި ސިފައިން ބައިތިއްބަން މަސައްކަތް ކޮށްފާނެ ކަމެއް ކަމަށް އައިކޮމް އިން ވަނީ ބުނެފައެވެ.

އަދި ބޭރުގެ ހަމަލާއެއް ދޭނަމަ އެންމެ ފުރަތަމަ ބަލާނީ އެ ގައުމެއްގައި ތިބި ސިފައިންގެ ނިސްބަތަށް ކަމުން އެފަދަ މައުލޫމާތެއް ހާމަ ކުރުމަކީ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުން ކަމަށް އައިކޮމް އިން ވަނީ ފާހަގަ ކޮށްފައި ވެއެވެ.