ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ޖޫން 11 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު، އެޖެންޑާއިން ނަގައިފިއެވެ.
މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ، މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށައި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރާ ގުޅިގެން ކުރެވޭ ބަހުސްގައި މެންބަރުން ވާހަކަ ދެއްކުމަށް ދެވޭ ވަގުތު މަޖިލީހުގެ 108 ވަނަ މާއްދާގެ ދަށުން އަދި ކަނޑައެޅިފައި ނުވާކަމަށް ނިއުޝާގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން އެ ސީޓިގައިވަނީ އެ ވަގުތު ކަނޑައަޅައި ނިމުމުން އެ މައްސަލަ ފަހުން އެޖެންޑާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް މެންބަރުންނަށް އަންގާނެކަމަށް ސިޓީގައި ވަނީ ބުނެފައެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށް ފަހު ނަގާފައިވާއިރު ކޮމިޓީ އެކުލަވާނުލެވޭތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތް މައްސަލަވެސް ޖޫން 6 ވަނަ ދުވަހު އެޖެންޑާކުރުމަށް ފަހު، އެޖެންޑާއިން ވަނީ ނަގާފައެވެ.މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައިވާ މި ދަނޑީވަޅު ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އަދި މި މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.