ރޭ އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިނގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މަރުވީ 27 އަހަރުގެ މީހެކެވެ..

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި މާރާމާރީ ހިނގާފައި ވަނީ ދެބައިންގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގައި ކޮއްކޮ، ބޭބެ ގަޔަށް ވަޅި ހަރައިގެންނެވެ. އޭނަގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އެއިން ފެންނަ ގޮތުގައި ހަށިގަނޑުގެ އެކި ތަންތަނަށް ދިން ހަމަލާއާ ގުޅިގެން އޭނަ ލައިގެން އޮތް ގަމީސް ވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.