އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމާއި ހާބާ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މިހާރު، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 97 އިންސައްތަ ފުރިހަމަ ކުރެވިފައި ވާކަމަށެވެ.

އެމްޓީސީސީ އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 5 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 484 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، 1,640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

އއ.އުކުޅަސް ބަނދަރު ހެދުމާއި ފެރީ ޓަރމިނަލް ތޮށި ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ނޮވެމްބަރު10، 2020 ގައެވެ.

މި މަޝްރޫއަކީ 40.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.