ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސަލްމާން ހާން އާ ކައިވެނިކުރަން އިންޑިއާގެ ނޫސްވެރިއަކު އަހައިފިއެވެ.

އައިފާ އެވޯޑްގެ ގްރީން ކާޕެޓް އިވެންޓްގެ ތެރެއިން އެކްޓަރު ސަލްމާން ގާތު ކައިވެންޏަށް އެހީ އެލީނާ ހަލީފާ ނަމަކަށް ކިޔާ ނޫސްވެރިއެކެވެ. އޭނަ ސަލްމާނަށް ކައިވެނި ހުށައެޅުމުން ސަލްމާން ބުނީ ހަގީގަތުގައި ވެސް ކައިވެންޏަށް އެހީ އޭނާ ގާތުން ތޯއެވެ. ސަބަބަކީ އާންމުގޮތެއްގައި ގިނަ މީހުން ޝާހްރުކް ހާން އާ ވާހަކަ ދައްކާއިރު، ފޭނުންވެސް ޝާހްރުކް ގާތު ކައިވެންޏަށް އަހާތީއެވެ. ސަލްމާންގެ ސުވާލަށް ޖަވާބުދެމުން އެލީނާ ބުނީ ހަގީގަތުގައި ވެސް ކައިވެނިކުރަން ބޭނުންވަނީ ސަލްމާން އާ ކަމަށެވެ. ފުރަތަމަ ފެނިލުމުން ވެސް ސަލްމާން ދެކެ އިންތިހާ އަށް ލޯބިވި ކަމަށްވެސް އެލީނާ ބުންޏެވެ. ސަލްމާން ބުނީ ކައިވެނީގެ ވާހަކަ ދައްކަން މިހާރު ވަގުތު ފާއިތުވެއްޖެ ކަމަށާއި މީގެ 20 އަހަރު ކުރިން އެލީނާ އާއި ބައްދަލުވި ނަމަވެސް އެކަމާ މެދު ވިސްނާނެ ކަމަށެވެ.

ބޮލީވުޑްގައި މަޝްހޫރު އެކްޓަރު ސަލްމާން އަކީ ލޯބީގައި ވަރަށް ނާކާމިޔާބު އެކްޓަރެކެވެ. އޭނާ ލޯބީގެ ގޮތުން ގުޅުނު ބައެއް ތަރިންގެ ތެރޭގައި ކުރީގެ ބަތަލާ ސަންގީތާ، ސޯމީ ޚާން، އައިޝްވާރިޔާ ރާއި ބައްޗަން އަދި ބަތަލާ ކެޓްރިނާ ކެއިފް ހިމެނެއެވެ. ސަލްމާން އާއި އައިޝްވާރިޔާގެ ލޯބީގެ ވާހަކައަކީ އެދުވަސްވަރު އެންމެ ގަދައަށް ދެކެވުނު ވާހަކައެވެ.

އެކި އިވެންޓުތަކުގައި ވެސް ކައިވެނީގެ ވާހަކަ ސަލްމާނަށް އަމާޒުވަމުންދާއިރު ސަލްމާން އެ މައުޟޫ އަށް ވާހަކަ ދައްކާކަށް ބޭނުމެއްނުވެއެވެ.