އިންޑިއާ ހައިކޮމިޝަންގައި ރޯކޮށްލަން ގޮވާލި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ،ޝަރީއަތަށް ހާޒިރުނުކުރެވުމުގެ ސަބަބުން ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ނަމަވެސް ހާޒިރުކުރެވިފައި ނުވާތީ، އައްބާސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ކުރި އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:30 ގެ ކުރިން އެ ކޯޓަށް އައްބާސް ހާޒިރުކުރުމަށެވެ.

އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް (9991442) ގުޅުމަށް، ފުލުހުން ވަނީ އެދިފައެވެ.

އައްބާސްގެ މައްޗަށް ދައުލަތުން ކުރަނީ "ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ" ދައުވާއެވެ. އައްބާސްގެ މައްޗަށް ދައުލަތުން އެ ދައުވާކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ދާ ގޮތާ މެދު ހިތްހަމަނުޖެހި، ޕެޓްރޯލާއި ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅު ޖެހުމަށް މިދިޔަ ޑިސެމްބަރު މަހުގެ 22 ގައި ހިތްވަރުދީ ވާހަކަ ދައްކާފައިވާތީ އާއި، ޖެހިގެން އައި ދުވަހު އިންޑިއާގެ ހައިކޮމިޝަންގައި ރޯކޮށްލަން ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އިންޑިއާ ހައިކޮމިޝަންގައި ރޯކޮށްލަން ގޮވާލާ ކުރި ޓްވީޓާ ގުޅިގެން އައްބާސް ހައްޔަރުކުރި ނަމަވެސް، މިދިޔަ ޖެނުއަރީ މަހުގެ 13 ގައި އޭނާ ވަނީ ޝަރުތުތަކާ އެކު ދޫކޮށްލައިފައެވެ.

ދައުލަތުން އައްބާސްގެ މައްޗަށް މިދިޔަ ފެބްރުއަރީ މަހުގެ 19 ގައި އުފުލި ދައުވާގެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ފުރަތަމަ ތާވަލުކުރީ މިދިޔަ މާޗް މަހުގެ ފަސްވަނަ ދުވަހުގައެވެ. އޭގެ ފަހުން މި މަހުގެ 16 އަސް ވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް އައްބާސް ހާޒިރުކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ދެ ފަހަރު ވެސް ކެންސަލްކޮށްލާފައެވެ.