ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ ރަތަފަންދޫ ގޮނޑުދޮށުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކަމަށެވެ.

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ:އެމްޓީސީސީ

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީ އާއި ހަވަލުކުރީ އެޕްރީލް 11، 2022ގައެވެ.

މި މަޝްރޫއަކީ 210 ދުވަހުގެ ތެރޭގައި ނިންމުމަށް، 26.27 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.