ދާދި ފަހުން ސޯޝަލް މީޑިއާއިން ފެނުނު ވަރަށް ހިތަށް އަސަރު ކުރުވި ޕޯސްޓެކެވެ. "ވަޒީފާއަށް ދާ މައިންގެ ކުދިން ކިޔެވުމަށް ވަރަށް ދަށް ވާހަކައެވެ. ވަޒީފާއަށް ދާ މައިން ކުރާ ކަމަކީ ހަމައެކަނި ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް ގޮސް އަރާމުކުރުން. ބޭރަށް ދިއުން. ދަރިން ބަލަނީ މާމައިން، ނުވަތަ ބޭރު މީހުން" މި ޕޯސްޓަށް ރައްދު ދެމުން މީހަކު ބުނެފައި ވެއެވެ. "ވަޒީފާއަށް ނުދާ މައިން ކުރާ ކަމަކީ ހަމައެކަނި ކުދިންނަށް ކައްކާފަ ކާންދިނުން. ދެން ލިބޭ ހުސްވަގުތު އޮންނަނީ ނިދަން. ނުވަތަ ފޯނާ ކުޅެން." އެވެ.
މިއީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ބަހުސް ކުރެވޭ މައުޟޫއެކެވެ. ވަޒީފާއަށް ދާ މައިންނާ، ވަޒީފާ އަދާނުކުރާ މައިންގެ 'ޒިންމާ' ތަކުގެ ވާހަކަ އެވެ. ދަރިންގެ ޒިންމާތައް ދޫކޮށްލާފައި ވަޒީފާއަށް ދާ އަންހެނުންނަށް ފަޑުކިޔުމާ، ހަރަދު ބޮޑު ޒަމާނެއްގައި ވަޒީފާއަށް ނުގޮސް ދަރިން ބަލަން ގޭގައި ތިބޭ އަންހެނުންނަށް ފާޑުކިޔާތަން ވަރަށް ބޮޑަށް ފެނިގެންދެއެވެ. އެހެންނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ ޒިންމާތަކަށް ބަލާއިރު މިއިން އެއްވެސް ގިންތިއެއްގެ މަންމައަކު އުފުލާ ޒިންމާ ކުޑަ ނޫންކަމެވެ. ވަޒިފާއަށް ނުގޮސް ގޭގައި ތިބޭ މައިންނެކޭ އެއްފަދައިން ވަޒީފާއަށް ދާ މައިންނަކީ ވެސް ދަރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ މަންމައިންނެވެ.
ވަޒީފާއަށް ދާ މަންމައިން: އެކަނި އުޅެން ވީމައި ވަރަށް އުނދަގޫވޭ!
ހަރަދު ބޮޑު މި ޒަމާނުގައި އާއިލާގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ދެމީހުން [މަންމަ އާއި ބައްޕަ] ވެސް މަސައްކަތް ކުރަން ޖެހެއެވެ. ބައެއް އަންހެނުންނަކީ ތިމާގެ އަމިއްލަ ހިތްހަމަޖެހުމާ، ކުރިއެރުމަށްޓަކައި ވަޒީފާ އަދާކުރާ މީހުންނަށް ވާއިރު ބައެއް މީހުންނަކީ ދިމާވާ މަޖުބޫރީ ހާލަތުގެ ސަބަބުން ވަޒީފާއަށް ނުގޮސް ވާން ނެތިގެން ދާ މީހުންނެވެ. ވަޒީފާއަށް ދާ މައިން އޮފީހުގައި އަދާކުރާ ޒިންމާތަކާ އެއްވަރަށް ގޭގައި ދަރިންގެ ހައްގުތައް އަދާކުރުމަށް ވެސް މަސައްކަތް ކުރަން ޖެހެއެވެ.
"ކޮންމެ ދުވަހަކު ހެނދުނު ޑިއުޓީއަށް އައުމުގެ ކުރިން ދަރިފުޅާ ފިރިމީހާގެ ކަންތައްތައް ހަމަޖައްސަން ޖެހޭ. ދަރިފުޅު ސްކޫލަށް ލާފަ މި އަންނަނީ ޑިއުޓީއަށް. ޑިއުޓީއަށް އައިސް ބުރަކޮށް އުޅެމުންވެސް ކުދިން ސްކޫލުން ބަލާ ދިއުމާ، ޓިއުޝަނާ، ކެއުމުގެ ކަންތައްތައް ހަމަޖައްސަންޖެހޭ. އޮފީހުގެ މަސައްކަތް ކުރަމުން މި ހުރިހާ ކަމެއް ހަމަޖައްސަން ޖެހުމުން ޑިއުޓީ ނިމޭ އިރު ފިޒިކަލީ އަދި މެންޓަލީވެސް އެހާ ވަރުބަލިވޭ. ދެން ގެއަށް ގޮސްވެސް އަދި އަރާމުކޮށްލަން ވަގުތެއް ލިބެނީ އެއް ނޫން. ކުދިންގެ ހޯމް ވޯކާ، ސްކޫލުގެ ކަންތަކާ އަދިވެސް ގޭތެރޭގަ ހަމަޖައްސަން ޖެހޭ ކަންކަން ނިންމޭ އިރު މީހާ ވަރުބަލިވެފަ ހުންނަނީ. މިއީ ހަމަ ކޮންމެ ދުވަހަކުވެސް އުޅެންޖެހޭ ހާލު. އާއިލާގެ މީހުންގެ އެހީތެރިކަން ނުލިބޭނަމަ މި ވަރުވެސް ނުވާނެ" ވަޒީފާއަށް ދަމުން ކުދިންގެ ކަންކަން ބަލަހައްޓަމުންދާ މަންމައަކު ބުންޏެވެ.
ބައެއް މައިންނަށް ދަރިން ބެލުމަށް އާއިލާގެ އެހީތެރިކަން ލިބުނު ނަމަވެސް އެކަނި ދަރިން ގޮވައިގެން އުޅޭ މައިންނަށް މިއީ ވަރަށް ބޮޑު ބުރައެކެވެ. ޑޭ ކެއާ ސެންޓަރަަކަށް ދަރިފުޅު ލާފައި ޑިއުޓީއަށް ދިޔަނަމަވެސް ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް އައިސް ކުރަންޖެހޭ މަސައްކަތްތައް އިންތިހާ ގިނައެވެ.
"ޑޭ ކެއާ ސެންޓަރުތައް ވަރަށް މަދު. ޖާގަ، ހޯދަންވެސް އެހާ އުނދަގޫ. މިހާރު ދެން ސަރުކާރުގެ ބައެއް މުވައްސަސާތަކުން އެތަންތަނުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ޑޭ ކެއާ ސެންޓަރުތައް އެބަހަދާ. އަސްލު މިއީ ހުރިހާ އޮފީހަކަށްވެސް ވަރަށް މުހިއްމު ތަނެއް." އެމްޕީއެލް އާއި އެސްޓިއޯ އަދި ސްޓެލްކޯ އިން ތައާރަފްކުރި ޑޭ ކެއާ ސެންޓަރުތައް ފާހަގަކުރަމުން މަންމައަކު ބުންޏެވެ.
މާލޭގައި މިހާރު މަދު މަދުން ޑޭ ކެއާ ސެންޓަރުތައް ހުޅުވަމުން ދިޔަނަމަވެސް މިއީ އަދި އަތޮޅުތެރޭގެ ރަށްތަކުގައި ވަރަށް ބީރައްޓެހި ކަމެކެވެ.
"ވިހައިގެން 6 މަސް ދުވަހުގެ ޗުއްޓީ ލިބުނީމަ ވަރަށް ހިތްހަމަޖެހުނު. ދަރިފުޅުގެ އެންމެ މުހިއްމު ދުވަސްކޮޅު ކައިރީގަ ހުރެވޭތީ. އެހެންނަމަވެސް މިހާރު ޑިއުޓީއަށް ނިކުންނަ ދުވަސް ޖެހުނު އިރު ދަރިފުޅު ކައިރީ ހުންނާނެ މީހެއް ނެތް. ބޭރު މީހަކު ގެނައުމަކީވެސް މިހާރު ފަސޭހަކަމެއް ނޫން. ހާއްސަކޮށް މި ޒަމާނުގަ ބޭރު މީހެއްގެ އަތަށް ދަރިފުޅުގެ ޒިންމާތައް ދޫކޮށްލަންވެސް ޖެހިލުންވޭ. އެކަމަކު ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ވަޒީފާވެސް ވަރަށް މުހިއްމު. އަސްލު އައްޑޫ ސިޓީ ކަހަަލަ ބޮޑު ސިޓީތަކުގައިވެސް ޑޭ ކެއާ ސެންޓަރުތައް ތައާރަފް ކުރަންވީ. ކުންފުނިތަކުންވެސް އަތޮޅުތެރޭގެ މުވައްޒަފުންނަށް ވެސް މި ހިދުމަތް ލިބޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަންވީ" އައްޑޫ ސިޓީ އިން ވާހަކަދެއްކި މަންމައަކު ބުންޏެވެ.
ކޮންމެ މީހަކުވެސް ދަރިންނަށް އުޖާލާ އުފަވެރި މުސްތަގުބަލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާއިރު، އެމީހުންނަށް ދިމާވާ ހިތްދަތި ތަޖުރިބާތައްވެސް ގިނައެވެ. އޮފީސް މަސައްކަތްތަކާ ބައްދަލުވުންތަކުގެ ސަބަބުން ދަރިންގެ މުހިއްމު ހަފްލާތައް ދޫކޮށްލަންޖެހުމަކީ އެއްވެސް މަޔަކު ބޭނުންވާނެ ގޮތެއް ނޫނެވެ. އެހެންނަމަވެސް މަޖުބޫރު ހާލަތުގައި މިފަދަ ގިނަ ކަންތައްތައްވެސް ގުރުބާން ކުރަން ޖެހެއެވެ. ޗުއްޓީ އާއި މުހިއްމު ހަފްލާތައް ގުރުބާން ކޮށްލާ މައިންގެ ހިތުގައި އަޅާ ވޭނަކީ އެފަދަ ހާލެއްގައި އުޅެން ޖެހޭ މަޔަކަށް ނޫނީ އިހްސާސް ވާނެ ކަމެއް ނޫނެވެ.
"ކުރިން ވަޒީފާ އަދާކުރިތަނުގަ ވަރަށް ފަސޭހަކޮށްދީފަ އޮންނަނީ ދަރިންގެ ކަންތައްތަކަށް ވަގުތު ލިބޭ ގޮތަށް. އެކަމަކު މިހާރު މަސައްކަތްކުރާ އޮފީހުގަ އެކަންކަން ވަރަށް އުނދަގޫ. ކުރަންޖެހޭ މަސައްކަތް ގިނަވެ ޒިންމާތައް ގިނަ. އެކަންކަން ދޫކޮށް އަމިއްލަ ކަމަކަށް ވަގުތު ހުސްކޮށްފިނަމަ ވެރިމީހާގެ ނުރުހުމަ ކުރިމަތިލާންޖެހޭ. މިއީ އަދިވެސް ވަރަށް ގިނަ އޮފީސްތަކުގަ ދިމާވާ ގޮންޖެހުމެއް. ކޮންމެހެން ކުރަންޖެހޭ މުހިއްމު ކަންކަމަށް ރިލީޒްއެއް ދޭންވެސް ބޭނުންނުވާ. އެކަމަކު ކުރިއާ ބަލާއިރު މިކަން ވަރަށް ބޮޑަށް ރަނގަޅު" އަމިއްލަ އޮފީހެއްގައި ވަޒީފާ އަދާކުރާ މަންމައަކު ބުންޏެވެ.
ގޭގައި ތިބޭ މައިން އުފުލާ ބުރަ ކުޑައެއް ނޫން!
ވަޒީފާއަށް ނުދާނަމަ އެއީ ޒިންމާއެއް ނެތް މީހެއް ނޫނެވެ. ގޭތެރޭގެ ޒިންމާ އަދާ ކުރާ އަންހެނުންގެ ވަޒީފާވެސް އެހާ ބުރައެވެ. ކެއްކުމާއި ގޭތެރެ ސާފު ކުރުމާއި ދަރިންގެ ކަންކަން ބެލެހެއްޓުމަކީ އެއްވެސް ބަދަލެއް މުސާރައެއް ހޯދުމަށް އަދާކުރާ ވަޒީފާއެއް ނޫނެެވެ. ކުދިންނަށް ކާން ދިނުމާއި ކިޔަވައި ދިނުމުގެ އިތުރުން ގޭތެރޭ މަސައްކަތް ކުރަން ޖެހެއެވެ.
"ހެނދުނު ހޭލާ ގޮތަށް އެކި މަސައްކަތް ކޮށްކޮށް ހުންނަ މިޖެހެނީ. ބައެއް މީހުން ބުނޭ ކުދިންގެ ކަންކަން ކޮށްލާފަ ދެން އޮންނީ ހުސް އަރާމުކުރަން ވަގުތޭ. އެކަމަކު ކުދިން ގެންގުޅޭ މީހުންނަށް އެގޭނީ. ތަނެއްގަ ފަސް މިނިޓަށް އިށީނަސް ކުދިން އައިސް ގޮވަން ފަށާނެ. އެހާ ހިސާބުން އަނެއްކާ ތެދުވެގެން އެ ކުދިންގެ ކަންކަން ކޮށް ދޭންޖެހޭ" ކުޑަ ދެކުދިންގެ މަންމައަކު ބުންޏެވެ.
އެހެންނަމަވެސް ގޭގައި މަސައްކަތް ކުރަން ތިބޭ އަންހެނުންގެ އަގުވަޒަން ކުރެވެނީ މަދު ފަހަރެއްގައެވެ. އަންހެނުންގެ ދުވަހާއި މައިންގެ ދުވަހާ މިފަދަ ހާއްސަ ދުވަސްތައް ފާހަގަކުރާ އިރު އެމީހުންގެ މަތިން ހަނދާންކޮށްލަނީ މަދު ފަހަރެއްގައެވެ. "ގޭގައި ތިބޭތީ އިހުސާސް ކުރެވެނީ މާބޮޑު ކަމެއް ނޯވޭ. އެކަމަކު ހަގީގަތުގަ ވަޒީފާއަށް ދިޔަޔަސް އަދި ގޭގައި ހުއްޓަސް މަންމައަކަށްވުމުގެ ޒިންމާ އަކީ ފަހަތަށް ޖެހެވޭނެ ޒިންމާއެއް ނޫން. މިއީ ދަރިފުޅު ދުނިޔެއަށް އުފަންވާ ހިސާބުން ފެށިގެން އަދާކުރަންޖެހޭ ޒިންމާއެއް. "މަންމައަކު ބުންޏެވެ.
މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު ތެދެކެވެ. މަޔަކަށްވުމުގެ ޒިންމާއަކީ ވަރަށް ބުރަ އަދި އެހާމަ ތަފާތު އިހްސާސްތަކެއް ކުރުވާ ކަމެކެވެ. މަންމަގެ މަގާމަކީ އެހެން އެންމެނަށްވުރެ އިސް މަގާމެކެވެ. އެންމެ މާތް ވެގެންވާ ގުޅުމަކީ މަޔަކާއި ދަރިޔަކާ ދެމެދު އޮންނަ ގުޅުމެވެ. މައިވަންތަކަމުގެ ލޯތްބާ ކުލުނަކީ އެހެން އެއްވެސް ކަމަކާ ނުބައްދަލު، ފުން އަދި އަސަރު ގަދަ ގުޅުމެވެ. މަޔަކު ދަރިއަކު ދެކެވާ ލޯތްބަކީ އެއްވެސް ބަދަލެއް އަމިއްލަ އެދުމެއް ނެތް ސާފުތާހިރު ލޯތްބެކެވެ.
ދަރިއަކު ދުނިޔެއަށް އުފަންވުމަށް ފަހުގައިވެސް އެ މަންމަ ހިދުމަތުން އެއްކިބާ ނުވެއެވެ. ފިރުކެން ފެށި އުމުރާ، ދުވަން ފެށި އުމުރު އަދި އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން ވެސް އެ މަންމަގެ ހިދުމަތްތައް ދެމިހުރެއެވެ. އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތި ދަރިންނަށްޓަކައި އަމިއްލަ އުފަލާ ހިތްހަމަޖެހުންތައް ގުރުބާން ކޮށްލައެވެ. މަންމަގެ އުނގަކީ ދަރިންގެ އެންމެ ފުރަތަމަ މަދަރަސާއެވެ.
މި ހުރިހާ ސަބަބަތަކާ ހުރެ މައިމީހާގެ ދަރަޖަ ތިން ގުނަ އުފުލިގެންވެއެވެ. ދަރިއެއްގެ ސަބަބުން މައެއްގެ ލޮލުން ކަރުނަ އަޅަންޖެހިއްޖެ ނަމަ، އެ ދަރިއަކަށް، މައިމީހާ މައާފް ނުކުރާހާ ހިނދަކު އެ މީހަކު ސުވަރުގެއަށް ނުވަންނާނެ އެވެ. ދަރިއަކު މުޅި އުމުރު ދުވަހު މަސައްކަތް ކުރިނަމަވެސް މައިމީހާ ދިން ލޯތްބާއި ގުރުބާނީގެ އަގު އަދާނުކުރެވޭނެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަންމައިންގެ ދުވަހު މުޅި ސޯޝަލް މީޑިއާ ފުރާލާފައި ވަނީ މަންމައިންނަށް ހާއްސަ މެސެޖުތަކުންނެވެ. މި ދުވަސް ފާހަގަކޮށް މައިން ކުރާ ބުރަ މަސައްކަތް ބަލައިގަތުމަކީ ކޮންމެ މަންމައަކަށް ވެސް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބިގެންދާނެ ކަމެކެވެ. އެކަމަކު މިއީ ހަމައެކަނި މަންމައިންގެ ދުވަހު އަދާކުރަން ޖެހޭ ޝުކުރެއް ނޫނެވެ. މައިން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އެމީހުންނަށް ހެޔޮކޮށް ހިތުމަކީ ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭ ކަމެކެވެ. ރަނގަޅު ޖީލެއް ބިނާކުރުމުގައި މައިން ވާ ގުރުބާނީގެ އަގު އަބަދުވެސް އަދާކުރަން ޖެހެއެވެ.
އެކަކުވެސް ގޭގަ ތިބޭމައިންނަށް ނުބަވާ. ބޭރަށް ، ވަޒީފާއަށް ދެވޭނީކޮންމެވެސް ބައެއްގެ އެހީތެރިކަން ލިބޭތީ . އެކަނިމާއެކަންޏަށް ދަރިން ގޭތެރެއަށް ދޫކޮއްލާ 8 ގަޑިރަށް ބޭރުން ތަޅުލާފަ އެއްމަންމައެއްވެސް ވަޒީފާއަކަށް ނުދާނެ ޖެހިލުން ވާނެ ބިރުވެސް ގަންނާނެ . ގޭގަތިބެން ޖެހެނީފައިސާ ބޭނުން ނުވާތީއެއް ނޫން . ފަގީރު ހާލަށް ކެއްތެރިވެ ، ޒަރޫރީ ބޭނުން ތައް ނުފުދި ތިބެން ޖެހުމަކީވަރަށް ބޮޑު މަޖްބޫރީއެއް . އެފަދަ މައިން ބޭރަށް ދާނީ ތުއްތު ކުދިން ގޭގަ ތިބޭއިރު ބޭރުން ދޮރު ތަޅުލާފަ . މިއީކީވަކި ބިރު ނެތް ކަމެއް ނޫން . އެއީކިތަންމެ ކައިރި ފިހާރަކަށް ދާން ޖެހުނު ނަމަވެސް . އެއްދަރިއަކު ބަހައްޓާ އަނެއްދަރިއަކު ގޮވައިގެން ދާން ޖެހުނު ނަމަވެސް ކަން އޮތީމިގޮތައް . . 3 ދަރިން ތިބޭނަމަ އަހަރުނުވާޅަދަރިކޮޑުއަޅާދެންތިބި ދަރިން ގޮވައިގެން ސުކޫލުދޮށަށް ދާނީވެސް .