ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ އެންގޭޖްވެއްޖެއެވެ.

ޕަރިނީތީ އާއި އޭނާގެ ލޯބިވެރިޔާ ރާގަވް ޗައްޑާ ދިއްލީގައި އިއްޔެ އެންގޭޖްކުރިއިރު ޕަރިނީތީ ވަނީ ދެމީހުންގެ ފޮޓޯ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ދެމީހުންގެ އެންގޭޖްމަންޓް ފޮޓޯ ހިއްސާކުރަމުން ޕަރިނީތީ ބުނީ ރާގަވް އަކީ އޭނާ އަބަދުވެސް ބޭނުންވި ކަހަލަ ފިރިހެނެއް ކަމަށާއި އޭނާ ކައިވެންޏަށް އެދުމުން އެ ހުށައެޅުން ގަބޫލުކުރީ ކަމަށެވެ. ބަތަލާ ޕަރިނީތީގެ ދެބޭންގެ ދެދަރި މަޝްހޫރު ބަތަލާ ޕްރިޔަންކާވެސް ވަނީ ދެމީހުންނަށް މަރުހަބާ ކިޔައި އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

ޕްރިޔަންކާ ބުނީ ކައިވެނި ހަފްލާ އަށް ކެތްމަދުވެފައިވާ ކަމަށާއި އެންގޭޖްމަންޓުގެ ސަބަބުން ބަޔާންކުރަން ދަތި އުފަލެއް އިހުސާސްވެއްޖެ ކަމަށެވެ. ޕަރިނީތީ އާއި ރާގަވް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ އަޑުއަރާފައިވަނީ މިދިޔަ މާޗު މަހު ރާގަވް އާއެކު ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް އާންމުވުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން ދެމީހުން ކުރެ އެކަކުވެސް ވާހަކަދައްކާފައިނުވާއިރު އޭގެ ފަހުން ދެމީހުންވެސް އެއްކޮށް މަގުމަތިން ފެނެއެވެ. ރާގަވް އަކީ އިންޑިއާގެ މަޖިލީހުގެ އެންމެ ޒުވާން މެންބަރުވެސްމެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕަރިނީތީ އާއި ރާގަވްގެ ކައިވެނި ހަފްލާ ކުލަގަދަކޮށް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. ދެމީހުން ކައިވެނިކުރާ ތާރީޚް އަދި ފައިނަލް ނުވިނަމަވެސް މި އަހަރު ނިމުމުގެ ކުރިން ދެމީހުންވެސް ކައިވެނިކުރާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ޕަރިނީތީ އާއި ރާގަވް އަކީ ވަރަށް ކުރީއްސުރެ ވެސް ގާތް އެކުވެރިންނެވެ. މިދެމީހުން ލަންޑަނުގައި އެއްކޮށް ކިޔަވަން އުޅުމުގެ ތެރޭގައި ދިމާވެ އެކުވެރިވިއެވެ. އަދި އެންމެފަހުން އެ ގުޅުން ލޯތްބަށް ބަދަލުވެ އިއްޔެ އެންގޭޖްވެސް ކުރީއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "ލޭޑިސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕަރިނީތީ ވަނީ އާންމުން ބަލައިގަންނަ ފެންވަރުގެ މޮޅު ފިލްމުތަކެއް ކުޅެ އޭނާގެ ހުނަރު ދައްކާލާފައެވެ.