އަނބިމީހާއަށް ގެވެށި އަނިޔާކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އަނބިމީހާއަށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 55 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަޔާނާއި ފޮޓޯތައް ހުށަހަޅާފައި ވާއިރު އޭނާއަށް އަނިޔާ ކުރި މަންޒަރު އަންހެން މީހާގެ ދެ ދަރިންނަށްވެސް ވަނީ ފެނިފައެވެ.

އެ ފިރިހެންމީހާ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނީ އަނިޔާގެ ބާވަތަށް ބަލާއިރު އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮވެދާނެ ކަމަށް ފެންނަކަމަށެވެ. މީގެ އިތުރުން އެ މަންޒަރު ފެނުނު ދެ ދަރިންނާ، އަނިޔާ ލިބުނު ފަރާތާއި މަންޒަރު ދުށް ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ބިރުވެސް އެބައޮތްކަމަށް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވާފާނެތީއެވެ.