ބާހުބަލީ އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް އާއި ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް" ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުގެ ޓީޒާކޮޅެއް މިދިޔަ އަހަރު ދައްކާލިއިރު އެ ޓީޒާ އަށް ގިނަ ބަޔަކު ފާޑުކިޔުންތަކެއް ކިޔަމުން ބުނީ ފިލްމުގައި ވީއެފްއެކްސް ފެންވަރު މާ ދަށްކަމަށެވެ. ނަމަވެސް އިއްޔެ ރިލީޒްކުރި ޓްރެއިލާ އިން ފިލްމުގެ ޓީޒާ އާއި ގުޅޭގޮތުން އެއްޗެހި ކީ އެންމެންގެ އަނގަތައް ބަންދުވިއެވެ. ވީއެފްއެކްސްގެ ފެންވަރު ރަނގަޅުކޮށް ފިލްމުގެ ޓްރެއިލާ އާންމުކުރިއިރު އެ ޓްރެއިލާ އަށް އަންނަނީ ގިނަ ބަޔަކު ތައުރީފްކުރަމުންނެވެ. ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާން ވެސް މި ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.

ފިލްމުގައި މި ތަރިންގެ އިތުރުން ސަނީ ސިންހް ވެސް ހަރަކާތްތެރިވެއެވެ. ފިލްމުގައި ސަނީ ކުޅޭނީ ލަކްޝްމަން ކިޔާ ކެރެކްޓާއެކެވެ. ޕްރަބާސް ރާމް ކެރެކްޓާ ކުޅޭއިރު ކްރިތީ ކުޅޭނީ ސިތާ ކެރެކްޓާއެވެ. އަދި ރާވަން ގެ ރޯލު ކުޅޭނީ ސައިފެވެ. "އަދިޕުރުޝް" ވެގެންދާނީ ސައިފް އާއި ޕްރަބާސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަދި މި ފިލްމުވެގެންދާނީ ކްރިތީ ވެސް މިދެތަރިންނާއެކު މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. އޯމް ރައުތު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.