ޕީޕީއެމް-ޕީއެންސީގެ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެ ހ. ދޫވެހި އަދި އިތުރު 3 ގެއެއްގައި ދަމާފައި ހުރި ބެނާ ނެގި ފުލުހުންގެ މައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށް ހައިކޯޓުން ބުނެފިއެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުން ވަނީ ބެނާތައް ނެގުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންގެ ނަމާއި ރޭންކުތަކާއި އަދި އެ އޮޕަރޭޝަންތަކުގައި ކޮމާންޑިން އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވި އޮފިސަރުންގެ ނަން ހޯދުމަށް ހުށަހަޅާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފުލުހުންގެ އިދާރާއަށް އެ މައުލޫމާތު ދިނުމަށް އަންގަވައި އަމުރުކުރެއްވި ނަމަވެސް އެ އަމުރާ އެއްގޮތަށް އެ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި އިންފޮމޭޝަން ކޮމިޝަންގެ ނިންމުން ފުލުހުންގެ އިދާރާއިން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އިސްތިއުނާފީ އެ މައްސަލައާ ގުޅިގެން ހައިކޯޓުން ބުނެފައި ވަނީ ގާނޫނުން އިސްތިސްނާ ކޮށްފައިވާ މައުލޫމާތުގެ ތެރެއިން ޝަރުތަކާއެކު އިސްތިސްނާ ކޮށްފައިވާ މައުލޫމާތު ހާމަކުރުމާމެދު ގޮތެއް ނިންމާ އިރު ބަލަން ޖެހޭނީ އެ މައުލޫމާތު ހާމަނުކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތަށް ވުރެ އެ މައުލޫމާތު ހާމަކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތު ބޮޑުކަމުގައި ވާނެތޯ ކަމަށެވެ. އަދި ދައުލަތުގެ އިދާރާއެއްގައި މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގަން ޖެހޭނީ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށް ފަހު އާންމު މަސްލަހަތު ދެމެހެއްޓުމަށް އެ މައުލޫމާތު ހާމަކުރުން މުހިންމުކަމަށް ފެންނަ ހާލަތުގައި ކަމަށެވެ.

އެހެންކަމުން އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ހާމަކުރުމަކީ ގާނޫނާ ހިލާފު އަމަލުތައް ހިނގިޔަ ނުދިނުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެކަންކަން ކުރުމަށް ހަދާފައިވާ އުސޫލުތަކުގެ ބޭނުންތެރިކަން އެގޮތުގައި ނެގެހެއްޓުމަށް ބުރޫއަރާނެ ކަމަށް ވެސް ހައިކޯޓުގެ އަމުރުގައި ވެއެވެ. ހައިކޯޓުން ނިންމާފައި ވަނީ މި މައްސަލައިގައި މަސްލަހަތު އޮތީ އެ މައުލޫމާތު ހާމަ ނުކުރުމުގައި ކަމަށެވެ.

"އިންޑިއާ އައުޓް" ބެނާތައް ފުލުހުން ނަގާފައި ވަނީ އެފަދަ ބެނާތައް އާންމުންނަށް ފެންނާނެހެން ދެމުން މަނާކޮށް އެކަން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން ފުލުހުންނަށް އަންގަވާފައި ވާއިރު އެ ހަރަކާތަކީ ވަކި ގައުމަކާ ދެކޮޅަށް ހިންގޭ ނަފުރަތު އުފެއްދުމުގެ ހަރަކާތްތަކެއް ކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓުވަން ޖެހޭނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަން އެ ގަރާރުގައި ފާހަގަ ކޮށްފައި ވެއެވެ.