މީޑިއާނެޓްގެ މަލްޓް ސްކްރީނަށް ދޫކޮށްލި ފިލްމު "ހިނދުކޮޅެއް" ގައި ލީޑު ރޯލު ކުޅުނު ދެ އެކްޓަރުން ކަމަށްވާ އާމިނަތު ރަޝްފާ (އާޝާ) އާއިި ޝަރަފް އަބްދުﷲގެ ކުރިއަށް އޮތް ފިލްމު "މީ އިޝްގް"ގެ ޝޫޓިން އިއްޔެ ފަށައިފިއެވެ.

ފިލްމު "ހިނދުކޮޅެއް" އިން މި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު ބެލުންތެރިން ދެން އެންމެ އިންތިޒާރު ކުރީ އަނެއްކާވެސް މިދެތަރިން އެކުގައި ފިލްމެއް ކުޅޭނެ ދުވަހަކަށެވެ. "ދަރަކަ" އަދި "މިރާއީ" ޑައިރެކްޓްކޮށް އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "މީ އިޝްގް" އަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ.

ލީނާޒް ހުސައިން ޕްރޮޑިއުސްކޮށް ޝަހީދު ލެގަސީ ފިލްމުގެ ލަވައިގެ މިއުޒިކް ހަދާ މި ފިލްމަކީ މާލޭ އާއި މާފުށީގެ ހިތްގައިމު މާހައުލުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އާޝާ އާއި ޝަރަފްގެ އިތުރުން ގިނަ ތަރިންނެއް މި ފިލްމުން ފެނިގެންދާއިރު މި ފިލްމު އޮލިމްޕަސް ސިނަމާއަށް އަންނާނީ އަންނަ އަހަރު ކަމަށް ބެލެެއެވެ. މި ފިލްމު މިދިޔަ މަހު ލޯންޗްކުރަމުން އަޒްހާން ބުނީ މި ފިލްމަކީ ބެލުންތެރިން ރޮއްވާލާނެ ކަހަލަ އަސަރުގަދަ ފިލްމެއް ކަމަށެވެ. ތަފާތު ގިނަ ކަންތައްތަކެއް މި ފިލްމުން ފެނިގެންދާއިރު މިއީ ލޯބީގެ ރީތި ފިލްމެއްކަމަށް ވެސް އަޒްހާން އޭރު ވަނީ ބުނެފައެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ލީނާޒް ހުސައިނެވެ. ފިލްމުގެ މިޔުޒިކް ހަދަނީ ޝަހީދު ލެގަސީ އެވެ.