ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު 'ދަ ކެރެލާ ސްޓޯރީ' ސިނަމާތަކުގައި ދައްކަން ފެށުމާއެކު މި ފިލްމަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އެހެންނަމަވެސް މި ފިލްމަކީ ވަރަށް ބޮޑަށް ހަގީގަތް އޮޅޭ ގޮތައް އުފައްދާފައިވާ ފިލްމެއް ކަމައް ބުނެ އިންޑިއާގެ މުސްލިމުން ދަނީ މި ފިލްމު ސިނަމާތަކުގައި ދެއްކުން ހުއްޓާލުމަށް ގޮވާލަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަކީ އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ 32،000 އަންހެން ކުދިން ކުއްލިއަކަށް ގެއްލެން ދިމާވި ހާދިސާއާއި އެ ކުދިން އައިއެސްގެ ޓެރަރިޒަމް ގްރޫޕަކާ ގުޅުނު ގޮތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ދައްކުވައި ދީފައިވާ ކަންތައްތަކަކީ އޭގައި ގިނަ އޮޅުވާލުންތަކެއް އެކުލެވޭ ކަންތައްތަކެއް ކަމަށް އިންޑިއާގެ މުސްލިމުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި މިއީ އިންޑިއާގައި ދިރިއުޅޭ މުސްލިމުންނާއި އެހެން ދީންތަކަށް ނިސްބަތްވާ މީހުންނާ ދެމެދު ދެކޮޅުވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައި އުފެއްދި ފިލްމެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މި ފިލްމުގައި 32،000 އަންހެންކުދިން ގެއްލުނު ކަމަށް ބުނާ ވާހަކައަށް ރައްދު ދެމުން އިންޑިއާގެ މުސްލިމުން ވަނީ މިއީ ފިލްމުގެ ޑައިރެކްޓަރު އަމިއްލައަށް ހަދައިގެން އުޅޭ އަދަދެއް ކަމަށެވެ.

'ދަ ކެރެލާ ސްޓޯރީ'ގެ މައްސަލަ ބޮޑުވެ އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުން އަންނައިރު ތެމިލް ނާޑޫ ސްޓޭޓްގައި މި ފިލްމު ދެއްކުން މިހާރު ވަނީ މަނާކޮށްފައެވެ. ކެރެލާގެ ޗީފް މިނިސްޓަރު ޕިނާރައި ވިޖަޔަންގެ ސްޓޭޓްމަންޓެއްގައި ވެސް ބުނެފައި ވަނީ މިއީ ކެރެލާއާ މެދު އެހެން މީހުންގެ ހިތުގައި ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ފަތުރާ ފިތުނައެއް ކަމަށެވެ.