2005 ވަނަ އަހަރު އުފެއްދި ކާމިޔާބު ފިލްމު "ގަޖްނީ" ގެ ދެވަނަ ބައެއް އަންނާނެ ކަމުގެ ވާހަކަ ފިލްމުގެ ޕްރޮޑިއުސަރު އައްލޫ އަރަވިންދު ދޮގުކޮށްފިއެވެ.

ފިލްމީ މަސައްކަތުން ކުޑަ ބްރޭކެއް މިހާރު ނަގައިގެން އުޅޭ ކުޅަދާނަ އެކްޓަރު އާމިިރު ހާން ލީޑު ރޯލުން ފެނިގެން ދިޔަ މި ފިލްމުގެ ދެވަނަ ބައި ވެގެން ދާނީ އާމިރު އެނބުރި އައުން ފާހަގަ ކުރާ ފިލްމަށް ކަމަށް މީގެ ކުރިން ރިޕޯޓްތައް ބުންޏެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ އައްލޫ އަރަވިންދް އާއި ގީތާ އާޓްސް އާއެކު އާމިރު މި ފިލްމުގެ މަޝްވަރާ ކުރަމުން ދާ ކަމަށާއި މި ފިލްމު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޕްރޮޑިއުސަރު އައްލޫ ބުނީ ގަޖްނީ ގެ ދެވަނަ ބައެއް ހެދުމުގެ ވިސްނުން ތަންކޮޅެއް ކުރިން ގެންގުޅުނު ކަމަށާއި ނަމަވެސް އެ ހިޔާލު ފަހުން ދޫކޮށްލި ކަމަށެވެ. އަދި މި ފިލްމުގެ ދެވަނަ ބައެއް ކުރިއަށް އޮތްތަނުގައި ވެސް ހެދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ މީޑިއާތަކުން މި ފިލްމުގެ ސީކުއަލެއް ހަދަން އުޅޭ ވާހަކަ އާއި އާމިރު އާއެކު މި ޕްރޮޖެކްޓްގެ ކަންކަން މަޝްވަރާ ކުރަން ދިމާކުރާ ވާހަކައަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

އާމިރު ހާން އާއެކު ބަތަލާ ޖިއާ ހާން ލީޑު ރޯލު ކުޅުނު މި ފިލްމަކީ 650 މިލިއަން އިންޑިއަން ރުޕީސް ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް 700 މިލިއަން އިންޑިއަން ރުޕީސް ލިބުނެވެ. މި ފިލްމަކީ އެ އަހަރު އެޅުވި ފިލްމުތަކުގެ ތެރެއިން ބްލޮކްބަސްޓާއެކެވެ.