2013 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ޔޭ ޖަވާނީ ހޭ ދިވާނީ" ގެ ސީކުއަލެއް ހަދަން ބޭނުންވާ ކަމަށް އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ.

ރަންބީރު ލީޑު ރޯލު ކުޅުނު މި ފިލްމުގެ ސީކުއަލެއް ހަދަން ބޭނުންވާ ވާހަކަ ބުނަމުން އޭނާ ބުނީ މި ފިލްމަކީ އޭނާގެ ކެރިއަރުގެ ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރްޖީ މި ފިލްމުގެ ސީކުއަލެއް ހަދަަން އޭރު ނިންމި ކަމަށެވެ. އަދި ސީކުއަލްގެ ވާހަކަ ވެސް ލިޔެ ވަރަށް ފުރިހަމަކޮށް ނިންމާލި ކަމަށް ވެސް ރަންބީރު ބުންޏެވެ. ނަމަވެސް އެދުވަސްކޮޅު ކަންދިމާކުރި ގޮތުން އެކަން ކާމިޔާބު ނުވުމުން އަޔާން ފޯކަސް ކުރީ އޭނާގެ ޑްރީމް ޕްރޮޖެކްޓް "ބުރައްމަސްތުރާ" މަސައްކަތް ކުރުމަށް ކަމަށް އޭނާ ބުންޏެވެ. ރަންބީރު ބުނީ ޔޭ ޖަވާނީ ހޭ ދިވާނީގެ ސީކުއަލްއެއް އުފައްދައިފިނަމަ ރީތި ފިލްމަކަށް އެފިލްމު ވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މި ފިލްމުގެ ސީކުއަލެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ރަންބީރު ވަނީ ދީފައެވެ.

އެކްޓަރު ރަންބީރު ކަޕޫރު، ދީޕިކާ ޕަޑުކޯން، އަދިތްޔާ ރޯއީ ކަޕޫރު އަދި ކަލްކީ ކޮއެޗްލިން ލީޑު ރޯލުން ފެނިގެން ދިޔަ މި ފިލްމުގެ ސީކުއަލެއް ކުރިއަށް އޮތްތަނުގައި އަންނަނަމަ ބޭނުންވަނީ މި ތަރިން ގޮވައިގެން ކުޅެން ކަމަށާއި ސީކުއަލް ހަދާނަމަ ފިލްމުގައި ދައްކާނީ އެ ކެރެކްޓަރުންގެ 10 އަހަރު ފަހުގެ ދިރިއުޅުން ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

40 ކުރޯޑުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 400 މިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. މި ފިލްމަކީ ރަންބީރުގެ ފިލްމީ ކެރިއަރުގެ އެންމެ ހިނގި އެއް ފިލްމުވެސް މެއެވެ.