ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ގެ މަރަކީ މުޅި ބޮލީވުޑްގެ އިތުރުން މުޅި ދުނިޔެ ވެސް ސިއްސުވާލި މަރެކެވެ. އޭނާގެ އާއިލާ އަށާއި އޭނާގެ ފޭނުންނަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް މި މަރުގެ ސަބަބުން ލިބުނު އިރު މިއަދުވެސް އެ އާއިލާ އިން މަސައްކަތް ކުރަމުން އަންނަނީ ސުޝާންތަށް އިންސާފު ހޯދޭތޯއެވެ.
2020 ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިންނެވެ. އޭރު ސުޝާންތު މަރުވަން ދިމާވީ ކީއްވެގެންކަން އެކަކަށްވެސް ނޭނގެއެވެ. މުމްބާއި ފުލުހުން ސުޝާންތުގެ ހަށިގަނޑާ ހަވާލުވާން ގެއަށް ދިޔައިރު ސުޝާންތު އޮތީ އެނދުމަތީގައެވެ. އެކަކަށްވެސް ސުޝާންތު ދަންޖެހިފައި ހުއްޓާ ނުފެންނަ ކަމަށް ވެއެވެ. ނަމަވެސް އޭނާގެ މަރު ފުލުހުންނާ ހަމައަށް ރިޕޯޓްކުރިތާ 15 މިނެޓް ފަހުން މީޑިއާތަކުގައި އެވާހަކަ ހަލުވި މިނެއްގައި ފެތުރުނެވެ. ސުޝާންތު މަރުވީ ދަންޖެހިގެން ކަމަށެވެ. އެހިސާބުން ނިންމާލީ އެއް ނޫނެވެ. އެ ހަބަރު މީޑީއާތަކުގައި ފެތުރުނުތާ ގަޑިއިރެއްހާ އިރު ފަހުން އަނެއްކާވެސް އާ ވާހަކައެއް ތިލަވިއެވެ. އޭނާ އަކީ ބައިޕޯލާ އަށާއި ޑިޕްރެޝަނަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށާއި އޭގެ ސަބަބުން އޭނާ މުޅިން މާޔޫސްވެ އަމިއްލަ އަށް ދަންޖެހިގެން މަރުވީ ކަމަށެވެ. ނަމަވެސް މި ވާހަކަ އަކީ އޭނާގެ އާއިލާއިން ވެސް އަދި ރަހުމަތްތެރިން ވެސް ގަބޫލުކުރާ ވާހަކައެއް ނޫނެވެ. އޭނާގެ ފޭނުންވެސް ގަބޫލު ކުރަނީ އޭނާ އަކީ އަމިއްލަ އަށް މަރުނުވާނެ މީހެއް ކަމަށެވެ.
އިންޑިއާގެ ޕަޓްނާގެ ބިހާރަށް އުފަން ސުޝާންތު އަކީ ކްރިޝްނާ ކުމާރު ސިންހް އާއި އުޝާ ސިންހް އަށް ލިބުނު ފަސް ދަރިންހެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އަދި އެ އާއިލާ އަށް ލިބުނު ހަމައެކަނި ފިރިހެން ކުއްޖާވެސް މެއެވެ. އުމުރުން ވަރަށް ހަގު އިރު މަންމަ މަރުވުމާއެކު ސުޝާންތު އާއި އޭނާގެ އާއިލާ ޕަޓްނާ ދޫކޮށް ދިއްލީ އަށް ބަދަލުވިއެވެ. އަދި ދިއްލީ ސްކޫލަކުން ސުޝާންތު ތައުލީމް ހާސިލް ކުރިއެވެ.
ސްކޫލް ދައުރުން ފެށިގެންވެސް ސުޝާންތު އަކީ އެސްޓްރޮނޮލޮޖީ އަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އަދި ނޭޝަނަލް އޮލިމްޕިއަޑް ޕިޒިކްސް އިން އެއްވަނަ އޭނާ ވަނީ ހޯދާފައެވެ. ސްކޫލު ނިންމުމަށްފަހު ދިއްލީ ޓެކްނޮލޮޖިކަލް ޔުނިވާސިޓީ އިން ބެޗެލާސް އޮފް އިންޖީނިއަރިން އިން މެކޭނިކަލް ކިޔެވިއިރު ސުޝާންތު އޭރު ދުށް ހުވަފެނަކީ އެސްޓްރޮނޯޓަކަށް ވުމުގެ ހުވަފެނެވެ. އޭގެފަހުން އެއާ ފޯސް ޕައިލެޓަކަށް ވުމުގެ ހުވަފެން ދުށް ސުޝާންތު އެންމެފަހުން ފައިތިލަ ސާބިތުކޮށްލީ ބޮލީވުޑްގައެވެ.
ސުޝާންތު ތިން އަހަރު ދުވަހު އިންޖީނިއަރިން ދާއިރާއިން ތައުލީމް ހާސިލް ކުރުމަށް ފަހު ފިލްމީ ކެރިއަރު ފަށައިގަތީ 2008 ވަނަ އަހަރު ސްޓާޕްލަސް އިން ގެނެސްދިން ޑްރާމާ ސިލްސިލާ "ކިސް ދޭޝް މޭ ހޭ މޭރާ ދިލް" އިންނެވެ. އެ ޑްރާމާގައި ސައިޑް ކެރެކްޓާއަކުން ސުޝާންތު ފެނިގެން ދިޔައިރު އެންމެ ފުރަތަމަ ލީޑު ރޯލަކުން އޭނާ ފެނިގެން ދިޔައީ 2009 ވަނަ އަހަރު ދެއްކި ޝޯ "ޕަވިތުރަ ރިޝްތާ" އިންނެވެ. އެ ޑްރާމާގައި އަންހެން ލީޑު ރޯލު ކުޅުނު ބަތަލާ އަންކިތާ ލޯކަންޑޭ އާ ލޯބީގެ ގޮތުން ގުޅުނު އިރު 2011 ވަނަ އަހަރު އޭނާ ވަނީ އެ ޝޯ ދޫކޮށް ގޮސްފައެވެ. ބޮލީވުޑުން ފުރުސަތެއް ލިބޭތޯ އެކި ގޮތްގޮތުން މަސައްކަތް ކުރި ސުޝާންތަށް އެކަން ކާމިޔާބުވީ 2013 ވަނަ އަހަރު އެވެ. "ކައި ޕޯ ޗޭ" އަކީ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އެ ފިލްމުން އޭނާ ވަނީ ސްކްރީން އެވޯޑުގައި އެންމެ ޒުވާން މޮޅު އެކްޓަރުގެ މަގާމު ހޯދާފައެވެ. އެ ފިލްމަށް ފަހު ގިނަ ފުރުސަތު ތަކެއް ބޮލީވުޑުން ސުޝާންތަށް ލިބުނެވެ. އާމިރު ހާން އާއި އަނުޝްކާ ޝަރުމާ އާއެކު ކާމިޔާބު ފިލްމު "ޕީކޭ" އިން ވެސް ފެނިގެން ދިޔަ ސުޝާންތު އެންމެ ބޮޑަށް ވިދާލީ 2016 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު އެމްއެސް ދޯނީ: އަންޓޯލްޓް ސްޓޯރީއިންނެވެ. ބަތަލާ ދިޝާ ޕާޓްނީ އާއެކު އެ ފިލްމު ކުޅުނުއިރު އެ ފިލްމު ކުޅެގެން އޭނާ ވަނީ އެންމެ މޮޅު އެކްޓަރު (ކްރިޓީކް) އެވޯޑް ހާސިލްކޮށްފައެވެ. އޭގެފަހުން ބަތަލާ ކްރިތީ އާ އެކު "ރާބްތާ" އިން ފެނިގެން ދިޔައެވެ. އެއީ 2017 ވަނަ އަހަރެވެ. އެ އަހަރު އަންކިތާ އާއި ސުޝާންތު ވަކިވެ ކްރިތީ އާ ގުޅުނުކަމުގެ އަޑު ފެތުރުނެވެ.
ސުޝާންތު މަރުވިއިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބަތަލާ ރިއާ ޗަކްރަބަތީ އާއެވެ. އެކްޓަރު މަރުވިއިރު އެންމެންވެސް ބުނަމުން ގެންދިޔައީ ސުޝާންތުގެ މަރުގެ ފަހަތުގައި ރިއާގެ އަތެއް ވާނެ ކަމަށެވެ. ސުޝާންތުގެ މަރުގެ މައްސަލައިގައި ރިއާއަށް ދައުވާ ކުރިއިރު އޭނާ ވަނީ ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ.
ސުޝާންތު މަރުވި ދުވަހު ކަންތައްވީ ކިހިނެއް؟
އެއީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. ހެނދުނު 09:30 ހާއިރު އޭނާގެ ދައްތަ އަކާ ވާހަކަ ދެއްކުމަށް ފަހު ސުޝާންތު ގުޅީ އޭނާގެ އެންމެ ގާތް އެކުވެރިޔާ މަހޭޝް ޝެޓީ އަށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން މަހޭޝް އަށް އެ ފޯނު ކޯލެއް ނުނެގުނެވެ. ސުޝާންތު ހެނދުނުގެ ނާސްތާކުރަން ނައިސް ލަސްވުމުން 11:30 ހާއިރު އެގޭގައި ގެންގުޅޭ މީހާ ސުޝާންތު ކޮޓަރީގައި އެތައް ފަހަރަކު ޓަކި ޖެހިއެވެ. ނަމަވެސް ހަބަރެއް ނުވިއެވެ. ކޮޓަރިން ނުނިކުމެ މާ ލަސްވާން ފެށުމުން ތަޅުދަނޑި ހަދާ މީހަކަށް ގުޅައި އެ ދޮރު ހުޅުވިއިރު ސުޝާންތު އޮތީ ދަންޖެހިގެން މަރުވެފައި ކަމަށް ގޭގައި ގެންގުޅޭ މީހާ ބުންޏެވެ. ވަގުތުން ސުޝާންތުގެ ދައްތަ އަށާއި ފުލުހުންނަށް ގުޅިއެވެ. އޭނާގެ ދައްތަ އެގެއަށް ދިޔައިރު ސުޝާންތު އޮތީ އެނދުމަތީގައެވެ. މާނައަކީ އޭނާ ދަންޖެހިފައި ހުރިތަން ނުވަތަ އޮއްވާ ފެނުނީ ހަމައެކަނި ގޭގައި ގެންގުޅޭ މީހާ އަށެވެ. ފުލުހުންނަށް ސުޝާންތު ދަންޖެހިފައި ހުރިތަން ނުފެނުނުއިރު އޭނާ ދަންޖެހިގެން މަރުވި ވާހަކަ ފެތުރީ ކީއްވެތޯ ގިނަ ބަޔަކު އޭރުވެސް ސުވާލުކުރިއެވެ. ފުލުހުން ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށާއި އޭނާގެ މަރުގެ ފަހަތުގައި އެއްވެސް މީހެއްގެ އަތެއް ނުވާކަމަށެވެ. އަދި އޭނާ މަރުވީ އެ ދުވަހު 11:30 އާއި 1:30 ދޭތެރޭ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ސުޝާންތުގެ އާއިލާ އިން އެކަން ގަބޫލުނުކޮށް އެބެޓްމެންޓް އޮފް ސުއިސައިޑް ކޭހެއް ފުލުހުންނަށް ހުށައެޅިއެވެ. އެ މައްސަލަ ރަނގަޅަށް ތަހުގީގް ނުކުރެވިގެން އުޅެނިކޮށް ޖުލައި މަހުގެ 31 ވަނަ ދުވަހު އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އަށް ސުޝާންތުގެ އާއިލާ އިން ހުށައެޅީ މަނީ ލޯންޑަރިންގެ މައްސަލައެކެވެ. އޭރު ސުޝާންތުގެ ލޯބިވެރިޔާ ރިއާ، ސުޝާންތުގެ އެކައުންޓް އެއްކޮށް ދޮވެލި މައްސަލަ ފެންމަތިވެގެން އުޅެނިކޮށް 19 އޮގަސްޓް 2020 ގައި ސުޕްރީމް ކޯޓުން ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގުކުރަން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާ ހަވާލުކުރިއެވެ. އޭގެފަހުން އެ މަރުގެ މައްސަލައިގެ ތެރެއަށް ވަދެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ޑްރަގް މައްސަލަތަކެއް ތަހުގީގުކުރަން ފެށިއެވެ.
މައްސަލަ ތަހުގީގު ކުރަނިކޮށް ޖެހިގެން އައި މަހު ރިއާ އާއި އޭނާގެ ކޮއްކޮ ޝޮވިކް އެންސީބީ އިން ހައްޔަރުކުރީ ޑްރަގް ލިންކުގެ މައްސަލަ އެއްގައެވެ. އެ މައްސަލައިގައި ބޮލީވުޑްގެ ނަން މަޝްހޫރު އެތައް ތަރިންނަކާ ސުވާލު ކުރިއިރު 35 މީހަކު ވަނީ އޭރު ހައްޔަުކޮށްފައެވެ. ނަމަވެސް ކަލާފަތުގެ ދަށުން ރިއާ އާއި އޭނާގެ ކޮއްކޮ މިނިވަން ވިއެވެ.
ސީބީއައި އިން ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނީ ސުޝާންތު މަރުވީ އަމިއްލަ އަށް ކަމަށާއި މީހަކު އޭނާ މަރާލީ ނޫން ކަމަށެވެ. އޭނާގެ ހަށގަނޑުގައި އިތުރު އެއްވެސް ނިޝާނެއް ނެތް ކަމަށާއި ހަމައެކަނި ހުރީ ދަންޖެހިގެން މީހަކު މަރުވުމުން ހުރި ނިޝާންތަކެއް ކަމަށެވެ. ނަމަވެސް އޭގެ މަހެއް ފަހުން އަނެއްކާވެސް ސީބީއައި އިން ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފެށީ ބަޔަކުވެގެން ސުޝާންތު މަރުވުމަށް ހިތްވަރުދިން ކަމަށް ބާރުލިބޭ ހެކިތަކެއް ލިބުމުންނެވެ.
ސުޝާންތުގެ މަރުގެ މައްސަލަ އާ ގުޅޭގޮތުން އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވާއިރު ސުޝާންތުގެ މަރާއެކު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކީ ބަތަލާ ކަންގަނާ ރަނައުތު އާއި ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭއެވެ. ކަންގަނާ ބުނީ ސުޝާންތަކީ އިންޖީނިއަރިން ކިޔެވިއިރު ރޭންކް ހޯލްޑަރެއް ކަމަށެވެ. ސުޝާންތުގެ އިންޓަވިއުތަކުގައި ވެސް ބޮލީވުޑުން އޭނާ އާ މެދު ތަފާތުކޮށް ކަންތައްތައް ކުރާ ވާހަކަ ބުނެފައިވާ ކަމަށާއި ފިލްމީ ދާއިރާގެ އާއިލާގެ މެންބަރެއްގެ ގޮތުގައި ބޮލީވުޑުން އެއްވެސް އިރަކު ސުޝާންތު ބަލައިގަނެފައި ނުވާ ކަމަށްވެސް ކަންގަނާ ބުންޏެވެ. ކަންގަނާ ބުނީ ސުޝާންތު ފަދަ ހުނަރުވެރި އެކްޓަރަކަށް ބޮލީވުޑުން ކުރިއަށް ދިޔުމަށް ހުރަސް އަޅައި އޭނާގެ އަތުން އެތައް ފަހަރަކު ފިލްމުތައް އަތުލި ކަމަށެވެ. އަދި ސުޝާންތު މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި އެކަމަކީ ބަޔަކު މީހުން ދުރާލާ ރާވައިގެން ކުރިކަމެއް ކަމަށްވެސް ކަންގަނާ ތުހުމަތު ކުރިއެވެ.
ސުޝާންތުގެ މަރާގުޅޭގޮތުން އަންކިތާ ބުނީ ސުޝާންތު އަކީ ބައިޕޯލާ ހުންނަ މީހެއް ނޫން ކަމަށާއި އޭނާ ޑިޕްރެޝަނަކަށް ވެސް 'ނުވެއްޓޭނެ' ކަމަށެވެ. ސުޝާންތު އާއެކު ހަތް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ އަންކިތާ ބުނީ ކުޑަ އަވަށަކުން އެތައް ހުވަފެންތަކެއް ދެކެމުން އައި ސުޝާންތު އޭނާގެ އަމިއްލަ ބުރަ މަސައްކަތުން ކުރަން ބޭނުންވާ ކަންތައްތައް ހާސިލް ކުރިކަމަށެވެ. އަދި ސުޝާންތު އަމިއްލަ އަށް މަރުނުވާނެ ކަން އޭނާ އަށް ޔަގީންވާ ކަމަށާއި މީޑިއާތަކުގައި ވެސް އޭނާ އަމިއްލަ އަށް މަރުވީއޭ ކިޔާ ވާހަކަ ފެތުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް އަންކިތާ އޭރު ބުނެފައި ވެއެވެ.
ސުޝާންތު މަރުވިތާ ތިން އަހަރު ފަހުން އާ ވާހަކައެއް!
މީގެ ހަތަރު މަހެއްހާ ކުރިން ސުޝާންތުގެ ޕޯސްޓްމޯޓަމް ހެދުމުގައި ބައިވެރިވި މީހަކު މީޑިއާތަކަށް ބުނީ އެންމެ ފުރަތަމަ ވެސް ސުޝާންތުގެ ހަށިގަނޑު ފެނުނު ވަގުތު އޭނާ އަމިއްލަ އަށް މަރުނުވާކަން އޭނާ އަށް އެނގުނު ކަމަށެވެ. މުމްބާއީގެ ކޫޕާ ހޮސްޕިޓަލުގެ މޯޗަރީގައި މަސައްކަތް ކުރާ ރޫޕުކުމާރު ބުނީ އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ޒަހަމްތަކެއް ހުރިކަމަށާއި ދަންޖެހިގެން މަރުވާ މީހުންގެ ނުހުންނަ ނިޝާންތަކެއް ސުޝާންތުގެ ހަށިގަނޑުން ފެނުނު ކަމަށެވެ. އެ މައްސަލަ ސުޝާންތުގެ ޕޯސްޓްމޯޓަމް ހެދުމުގައި އިސްކޮށް އުޅުނު މީހުންނަށް ހުށައެޅި ނަމަވެސް އޭރު އެމީހުންވެސް އޭނާ ދެއްކި ވާހަކަ އަށް ބީރުކަންފަތެއް ދިން ކަމަށް ވެސް ބުންޏެވެ. އަދި ސުޝާންތުގެ ޕޯސްޓްމޯޓަމް ހެދީ ވަރަށް އަވަސްއަރުވައިލައިގެން ކަމަށާއި ބަޔަކަށް ކަމެއް ފޮރުވަން އުޅޭ ކަހަލަ ގޮތަކަށް ކަމަށް ވެސް ރޫޕްކުމާރު ވަނީ ބުނެފައެވެ.
ސުޝާންތު މަރުވިތާ އަންނަ މަހަށް ތިން އަހަރު ވާއިރު މިއަދުވެސް އޭނާގެ މަރުގެ ވާހަކައަކީ އެންމެން ދައްކާ ވާހަކައެކެވެ. އޭނާ އަށް އިންސާފު ލިބެންދެން މަސައްކަތް ކުރާނެ ކަމަށް ފޭނުންނާއި އާއިލާ އިން ބުނަމުން ދެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބަޔަކު ވެގެން ސުޝާންތު މަރާލީއެވެ. ރިއާ އާއި ބޮލީވުޑްގެ އިސް ބަޔަކު ވެގެން އޭނާ މަރާލީއެވެ. އެންމެންގެ ހިތުގައި ވެސް ބިންވަޅު ނެގިފައިވާ ސުޝާންތު އަކީ މި ފަހުގެ ކާމިޔާބު އެކްޓަރެކެވެ. ޖުމްލަ ހަ ޓީވީ ސިލްސިލާ އިން ސުޝާންތު ފެނިގެން ދިޔައިރު ބޮލީވުޑްގެ 12 ފިލްމަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ. ފިލްމީ ކެރިއަރުގައި ނުވަ އެވޯޑު ހާސިލްކުރި ސުޝާންތުގެ މަރަކީ މިއަދުވެސް އެންމެ ގިނަ ބަޔަކު ކަރުނަ އަޅާ އެއް މަރެވެ. ސުޝާންތު ވަކިވެގެން ދިޔައީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ރޮއްވާލާފައެވެ. ފޭނުންގެ ހިތްތައް ކުދިކޮށްލުމަށް ފަހުއެވެ. މިއީ ބޮލީވުޑްގެ އަޑިނޭނގޭ މަރުތަކުގެ ތެރެއިން ސުޝާންތު ސިންހް ރާޖްޕުތްގެ މަރެވެ. މިއީ އިންސާފު ލިބިފައިނުވާ މަރުތަކުގެ ތެރެއިން މަރެކެވެ.
ބޮލީވުޑްގެ ކޮންޓްރޯލު އޮންނަނީ އިންޑިޔާގެ އަންޑަރވޯލްޑަށޭ ބުނުން ދޮގަކަށް ނުވާނެ.
ވަރަށް ސަޅި ލިޔުމެއް. ހުރިހާ މައުލޫމާތެއް އެއް ހަބަރަކުން ލިބިއްޖެ.