2016 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "އެމް އެސް ދޯނީ" ދަ އަންޓޯލްޑް ސްޓޯރީ" އެނބުރި ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
އިންޑިއާގެ ކުރީގެ ކްރިކެޓް ޓީމުގެ ކެޕްޓަން މަހެންދުރަ ސިންހް ދޯނީ ގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މި ފިލްމު އެނބުރި ސިނަމާތަކަށް ގެންނަން ނިންމީ ބޮޑު މަގްބޫލު ކަމެއް ހޯދި މި ފިލްމު އަނެއްކާވެސް ސިނަމާތަކުގައި އަޅުވައި އާންމުންނަށް ބެލުމުގެ ފުރުސަތު މަގުފަހިކުރުމަށެވެ. ބޮލީވުޑްގެ ކުރީގެ ކުޅަދާނަ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ދޯނީގެ ރޯލުން ފެނިގެންދާ މި ފިލްމަކީ އެއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުވެސްމެއެވެ.
ބަތަލާ ކިއާރާ އަދުވާނީ އާއި ދިޝާ ޕާޓްނީ އަންހެން ލީޑު ރޯލުން ފެނިގެންދާއިރު ދިޝާ ފެނިގެންދަނީ ދޯނީގެ ހަޔާތުގައި އޭނާ އަށް ކާމިޔާބު ނުވި ލޯބިވެރިޔާ ޕްރިޔަންކާ ޖާ ގެ ރޯލުންނެވެ. އަދި ކިއާރާ ފެނިގެންދާނީ ދޯނީގެ މިހާރު އަންހެނުން ސަކްޝީ ދޯނީ ސިންހް ގެ ރޯލުންނެވެ. މި ފިލްމުގައި ދޯނީ އާއި ޕްރިޔަންކާ އާއި ދިމާވި ގޮތާއި އެ ވާހަކަ ނިމިގެން ދިޔަ ގޮތް ފެނިގެންދާނެއެވެ. އަދި ދޯނީގެ މިހާރުގެ އަނބިމީހާ ސަކްޝީ އާއި ދިމާވެ ކައިވެނިކުރި ވާހަކަ ވެސް މި ފިލްމުގައި ކިޔައިދޭނެއެވެ.
ދޯނީ ކްރިކެޓްގެ ދުނިޔެއަށް ވަދެ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމަށް ވަންނަން ކުރި މަސައްކަތް މި ފިލްމުން ފެނިގެންދާނެއެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމު ސިނަމާތަކުގައި އަޅުވާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ މި ފިލްމު ސިނަމާތަކުގައި އަލުން ބަލައިލަން ބޭނުންވާ މީހުންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އަދި 2020 ވަނަ އަހަރު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު ގެ ފޭނުންނަށް އަދި އެއްފަހަރު އޭނާ ބޮޑު ސްކްރީނުން ބަލައިލުމުގެ ފުރުސަތު މި ފިލްމުގެ ޒަރިއްޔާއިން ލިބިގެންދާނެއެވެ.
2013 ވަނަ އަހަރު "ކައި ޕޯޗޭ" އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރު ސުޝާންތު އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ޝްރައްދާ ކަޕޫރު އާއެކު ކުޅުނު ފިލްމު "ޗިޗޯރޭ" އިންނެވެ. 2020 ވަނަ އަހަރު އޭނާ މަރުވިއިރު އޭނާގެ ރިލީޒްނުކުރާ ފިލްމު "ދިލް ބޭޗާ" ރިލީޒްކުރީ އޭނާ މަރުވި އަހަރު އޮންލައިން ޕްލެޓްފޯމެއްގައެވެ. ބޮލީވުޑަށް ތައާރަފްވުމުގެ ކުރިން ސުޝާންތު އަކީ މަޝްހޫރު ޓީވީ އެކްޓަރެކެވެ.