ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށި ލުމާއި އެއްގަމުތޮށި ލުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.

ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށި ލުމާއި އެއްގަމުތޮށި ލުމުގެ މަޝްރޫއުގެ ދަށުން 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާ، ރޭމްޕެއް ހެދުމާ، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާ، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް، 19.80 މިލިއަން ރުފިޔާއަށެވެ.