ބޮލީވުޑްގެ ކުޅަދާނަ ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރު އަދި ޝްރައްދާ ކަޕޫރު އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ނެޓްފްލިކްސްގައި ސްޓްރީމްކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދުގެ ވަގުތެއްގައި މި ފިލްމު ނެޓްފްލިކްސް އަށް ދޫކޮށްލަން ނިންމިއިރު މި ފިލްމަކީ މިއަހަރު ސިނަމާތަކުގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ފިލްމުވެސްމެއެވެ. ލަވް ރަންޖަންގެ ޑައިރެކްޝަނުގެ ދަށުން އުފެއްދި މި ފިލްމު މާލެ ގަޑިން 12:00 ގައި ނެޓްފްލިކްސް އިން ފެންނާނެއެވެ. ފިލްމު "ތޫ ޖޫތީ މޭ މައްކާރު" އަށް ތަރިން ހޯދިއިރު ރަންޖަން ބޭނުންވީ އެ ފިލްމު ޝްރައްދާ އާއި ރަންބީރު ލައްވައި ކުޅުވުމަށެވެ. މި ފިލްމުގެ ކާސްޓު އިއުލާން ކުރުމާއެކު ކްރިޓީކުންނާއި ބެލުންތެރިން ތިބީ މި ފިލްމު ބެލުމަށް ކެތްމަދުވެފައެވެ. ސަބަބަކީ މި ފިލްމަކީ ރަންބީރު އާއި ޝްރައްދާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު ކަމަށް ވުމުންނެވެ.

ފިލްމު ބެލުމަށްފަހު ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު ކްރިޓީކުން ވެސް ވަނީ މި ފިލްމަށް ވަރަށް ޕޮޒިޓިވް ރިވިއު ދީފައެވެ. 200 ކުރޯޑަށް ވުރެ ގިނަ އާމްދަނީ މި ފިލްމަށް ލިބުނު އިރު މި ފިލްމަކީ 175 ކުރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ޝްރައްދާ އާއި ރަންބީރުގެ އިތުރުން މި ފިލްމުން ފެނިގެންދިޔަ ބައެއް ތަރިންނަކީ ބަތަލާ ޑިމްޕަލް ކަޕާޑިއާ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރެވެ. ލޯބީގެ މަޖާ ހާދިސާތައް ދައްކުވައިދޭ މި ފިލްމަކީ އަހަރުގެ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން ބޮޑު އާމްދަނީއެއް ލިބުނު އެއް ފިލްމުވެސްމެއެވެ.