ރަސްމީ ދަތުރެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަކްޝާ މަންތުރީ ޝްރީ ރާޖްނާތު ސިންގް މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.
މާދަމާ ރާއްޖެ ވަޑައިގަންނަވާކަން ހާމަކުރައްވާ ރާޖްނާތު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާދަމާ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއެކު ދެ ގައުމުގެ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކާއެކު އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެކަމަށް ވެސް ރާޖްނާތު ވިދާޅުވިއެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ ގައުމީ ދިފާއު ބާރު ކަމަށްވާ އެމްއެންޑީއެފްއަށް ޕެޓްރޯލް ވެސެލް ޝިޕްއެއްގެ އިތުރުން ލޭންޑިން ކްރާފްޓެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި ރާއްޖޭގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓް ސައިޓްތަކަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިޔާގެ ޑިފެންސް މިނިސްޓަރު ރާއްޖެވަޑައިގަންނަވާކަން ހާމަކޮށް މާރިއާ ދީދީ ވިދާޅުވީ ރާއްޖެއާ އިންޑިއާގެ ޒަމާންވީ ޑިފެންސް ޕާޓްނާޝިޕްގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ.