2013 ވަނަ އަހަރު މަރުވި ބޮލީވުޑްގެ ބަތަލާ ނަފީސާ ރިޒްވީ ހާން (ޖިއާ ހާން)ގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވުނު އޭނާގެ ލޯބިވެރިޔާ އެކްޓަރު ސޫރަޖް ޕަންޗޯލީ އެ މައްސަލައިން ސަލާމަތްވެއްޖެއެވެ.

މުމްބާއީ ކޯޓުން އިއްޔެ ވަނީ ޖިއާގެ މަރުގެ ފަހަތުގައި ސޫރަޖް އަތެއް ނެތް ކަމަށް ނިންމައި އޭނާ އަކީ ކުށެއްނެތް މީހެއް ކަމަށް ހުކުމްކޮށްފަ އެވެ. ސޫރަޖްގެ ކުށެއްނެތް ކަން ކޯޓުން ނިންމުމާއެކު އޭނާ ވަނީ އިންސްޓަގްރާމުގައި އަބަދުވެސް ތެދު ހަގީގަތަކީ އޮންނަ އެއްޗެއް ކަމަށާއި ތެދު ހަދާ މީހުންނަށް އަބަދުވެސް ކާމިޔާބުވާނެ ކަމަށް ބުނެފައެވެ.

ސޫރަޖް ބުނީ ވޭތުވެދިޔަ 10 އަހަރުތެރޭ އޭނާ އުޅުނުގޮތް އެނގޭނީ ހަމަ އޭނާ އަށް ކަމަށާއި އުންމީދަކީ އެއްވެސް މީހަކަށް އެފަދަ ދުވަހެއް ނައުން ކަމަށެވެ. އުމުރުން ހަގު އިރު މަރުގެ މައްސަލައެއްގައި ބެދި ދިރިއުޅުމަށް އެކި ކަހަލަ އަސަރުތަކެއް ކުރުވިކަމަށާއި ނަމަވެސް މިއަދު އުފާކުރަނީ އެ ހުރިހާ ކަމަކުން ސަލާމަތްވެވުމުން ކަމަށެވެ.

"އަހަރެންގެ ހަޔާތުން ގެއްލުނު 10 އަހަރު އަނބުރާ ހޯދާނީ ކިހިނެއް؟،" ސޫރަޖް ބުންޏެވެ.

2015 ވަނަ އަަހަރު ބޮލީވުޑަށް ތައާރަފްވީ ސޫރަޖް ޕަންޗޯލީ އަކީ ފިލްމު އިންޑަސްޓްރީގައި މާކާމިޔާބު އެކްޓަރެއް ނޫނެވެ. ޖިއާގެ މަރުގެ މައްސަލައިގައި އޭނާ ބެދި އޭނާގެ ކެރިއަރު ހުއްޓުނުއިރު ބޮލީވުޑުން އޭނާ އަށް ކުރިއަށްދާން ފުރުސަތުތަކެއް ނުލިބުނެވެ.

ސޫރަޖްގެ ކުށެއްނެތްކަން ކޯޓުން ހުކުމް ކުރުމާއެކު ޖިއާގެ މަންމަ ރާބިއާ ޚާން ބުނީ އެ ނިންމުމަކީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫންކަމަށާއި މި މައްސަލަ ހައިކޯޓަށް ނޫނީ ސުޕްރީމް ކޯޓަށް ހުށައަޅާނެކަމަށެވެ. ޖިއާ މަރުވީ ސޫރަޖްގެ ސަބަބުން ކަމަށާއި އޭނާއަށް ލިބެންޖެހޭ ހައްގު އަދަބު ދޭންޖެހޭ ކަމަށްވެސް ރާބިއާ ބުންޏެވެ. އޭނާ ބުނީ ވޭތުވެދިޔަ 10 އަހަރު މަސައްކަތްކުރަމުން އައީ ޖިއާ އަށް އިންސާފު ހޯދައިދޭން ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެ މަސައްކަތް ކުރުން މަތީ ދެމިހުންނާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޖިއާ މަރުވިއިރު އޭނާ ބަނޑުބޮޑު ކަމަށް ޕޯސްޓްމޮޓަމް ރިޕޯޓުން ދެއްކިއެވެ. އޭރު ޖިއާ އުޅުނީ ސޫރަޖް އާއި ލޯބީގެ ގޮތުން ގުޅިގެން ކަމަށްވުމުން ރާބިއާ ތުހުމަތުކުރަނީ ޖިއާގެ ބަނޑުގައި އޮތީ ސޫރަޖްގެ ދަރިއެއް ކަމަށެވެ.