ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތައްކަމަށެވެ.

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިންގެއް އެޅުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެ ތަނުގައި އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ޑިޒައިން އެންޑް ބިލްޑު އުސޫލުން ހަވާލުކުރި މި މަޝްރޫއަކީ 426.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.