ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސިންގަމް" ގެ ތިން ވަނަ ބައި ރިލީޒްކުރާ ތާރީހު އިއުލާން ކޮށްފިއެވެ.

އަޖޭ އާއި ބަތަލާ ދީޕިކާ ޕަޑުކޯން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ. އަންނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ސިނަމާތަކުގައި ގެނެސްދޭން ނިންމާފައިވާ މި ފިލްމުގެ ޝޫޓިން މަސައްކަތް އަންނަ އޮގަސްޓް މަހު ފަށާނެއެވެ. ސިންގަމް އަގެއިން ގެ ނަމުން ނަން ދީފައިވާ މި ފިލްމަކީ އެކްޓަރު އަޖޭ އާއި ބަތަލާ ދީޕިކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމުވެސްމެއެވެ. ގިނަ ބަޔަކު ދެތަރިންގެ ކެމިސްޓްރީ ބެލުމަށް އިންތިޒާރު ކުރަމުން އަންނައިރު ސިންގަމްގެ ބައިތަކަކީ މީގެ ކުރިންވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެކެވެ.

އަޖޭ ފުލުސް އޮފީސް މީހެއްގެ ރޯލުން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ބައި 2011 ވަނަ އަހަރު ވަނީ ގެނެސްދީފައެވެ. އެ ފިލްމުގައި އަޖޭ އާއެކު ބަތަލާގެ ރޯލުން ފެނިގެންދިޔައީ އޭނާގެ އަނބިމީހާ ބަތަލާ ކާޖޮލްއެވެ. ފިލްމުގެ ދެވަނަ ބައި "ސިންގަމް ރިޓާންސް" 2014 ވަނަ އަހަރު ގެނެސްދިން އިރު އެ ފިލްމުގައި އަޖޭ އާއެކު ފެނިގެންދިޔައީ ބަތަލާ ކަރީނާ ކަޕޫރެވެ. ފިލްމުގެ ތިން ވަނަ ބައެއް އާންމުންނާ ހަމައަށް މި އަންނަނީ 10 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ގައެވެ.