އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އިރްފާން ހާންގެ އެންމެ ފަހުގެ ފިލްމު 'ދަ ސޯންގް އޮފް ސްކޯޕިއަންސް'ގެ ޓްރައިލާ ދައްކާލައިފިއެވެ.

ޑައިރެކްޓަރު އަނުޕް ސިންގުގެ މި ފިލްމުގައި އިރްފާންގެ އިތުރުން ގޮލްޝިފްތޭ ފަރަހާނީ އާއި ވަހީދާ ރެހްމާން ފަދަ ތަރިން ފެނިގެން ދާއިރު މިއީ ވަރަށް ތަފާތު ހިޔާލީ ވާހަކައަކަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމު ލޯތްބާ، ބަދަލުހިފުން އަދި ލަވައިގެ ބާރުން ކަންކަން ނިމިގެންދާ ގޮތް ފެނިގެންދާއިރު މި ފިލްމުގެ ޓްރައިލާއިން ފެނިގެންދަނީ ރާޖަސްތާނުގެ "ތާ" ހަނަފަސްބިމުގައި ހިނގާ ހާދިސާތަކެވެ. މި ގޮތުން ގޮލްޝިފްތޭ ފަރަހާނީ(ނޫރައިން) އަކީ އެއްވެސް ހިޔާލެއް ފިކުރެއް ނެތި އުޅެމުންދާ އަންހެންކުއްޖެކެވެ. އޭނާގެ މާމަ ފަރާތުން ވާރުތަވެފައިވާ ލަވައިގެ ބާރުން، ނަގުލުންދާށި ކަށިޖަހާފައިވާ މީހުންނަށް ފަރުވާ ދެމުން އަންނަ ނޫރައިން އެއް ސަހަރުން އަނެއް ސަހަރެއް ދަތުރުކުރަމުން ދަނީ މިނިވަންކަމާއެކުގައެވެ.

https://www.youtube.com/watch?v=ZRlBTRwPbFk&t=2s

ނޫރައިންގެ އަޑުގެ ޖާދޫގައި ޖަމަލު ވިއްކުމުގެ މަސައްކަތުގައި އުޅެމުންދާ އިރްފާންހާން ޖެހިގެންދާ މަންޒަރު ފިލްމުގެ ޓްރައިލާގައި ފެނިގެންދެއެވެ. ނޫރައިން އާއި އިރުފާނުއަށް އެކަކު އަނެކަކަށް ރަނގަޅަށް ދަސްނުވަނީސް ނަގުލުންދާށީގެ ވިހައިގެ އަސަރު ނޫރައިންއަށް ކުރެއެވެ. އަދި މި ފިލްމުގައި އެކަމުން ސަލާމަތްވުމަށް ނޫރައިން ކުރަމުންދާ މަސައްކަތް ފެނިގެންދެއެވެ.

ކޮވިޑް19 ގެ ސަބަބުން މި ފިލްމު ރިލީޒްކުރަން ނިންމި ތާރީހުގައި ފިލްމު ރިލީޒްކުރެވިފައިނުވާއިރު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އިރުފާނު މަރުވިތާ 3 އަހަރު ފުރޭ ދުވަހާ ދިމާކޮށް މިމަހުގެ 29 ވަނަ ދުވަހުއެވެ. ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުން ދަނިކޮށް އިރްފާން ހާން މަރުވީ 2020 ވަނަ އަހަރުގައެވެ.