މި ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރިނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ގަރާރަކުންވެސް 'ކޮތަޅުގެ' މައްސަލައަށް ހައްލެއް ހޯދިދާނެކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މިހާރު ގާނޫނު ފާސްކޮށްފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ނަމަ ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.

މިކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އާންމު ގޮތެއްގައި ކޮތަޅު ބޮނޑިއެއްގައި ހުންނަނީ 100 ކޮތަޅު ކަމަށް ވާއިރު ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200ރ. ފީއެއްގެ ގޮތުގައި ދައްކަން ޖެހޭތީ އަގު ބޮޑުވަނީ ކަމަށެވެ.

ސަރުކާރުން އެހެން ބުނި ނަމަވެސް، ރާއްޖެއަށް ކޮތަޅު އެތެރެ ކުރާ ފަރާތުން ދައްކާ 2 ރުފިޔާ އިން ފެށިގެން، ހޯލްސޭލް ކުރަ ފަރާތްތަކުގެ އަތްމަތިން ގޮސް ރީޓެއިލް ކުރާ ފަރާތްތަކާ ހަމައިން އާންމުންނާ ހިސާބަށް ކޮތަޅު ދާއިރު، އެ ކޮންމެ މަރުހަލާއަކުން 2 ރުފިޔާ ދައްކަން ޖެހުމުން ބައެއް ހާލަތުގައި ކޮތަޅަކަށް 20 ރުފިޔާ ޖެހޭ ހާލަތުވެސް އާދެއެވެ.

ކޮތަޅުގެ އަގު ދަށް ކުރެވޭނީ ރައްޔިތުން މަޖިލީހުގެ މަސައްކަތް އަވަސް ވެގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން މޮސްޓާ ވިދާޅުވީ އެކަން މަޖިލީހުގެ 'ބޮލަށް ކަނޑައިގެން' ނުވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ 100 ޕަސެންޓް ސަރުކާރުގެ ކޮންޓްރޯލް ކުރާތަނެއްކަން ފާހަގަކޮށް މޮސްޓާ ވިދާޅުވީ ރައްޔިތުންނަށް ހެވެއް އެދިގެން ކަމެއް ކުރުމުގެ އިހްލާސްތެރިކަން ހުރިނަމަ ރައީސްގެ ގަރާރަކުން އެކަން ކުރެވޭނެކަމަށެވެ. "އިންޑިޔާ އައުޓް ހުއްޓުވުމަށް ގަރާރު ނެރެވުނު މިކަން ކުރަންވީމަ ފަހަތަށް ނުޖެހޭ." މޮސްޓާ ވިދާޅުވިއެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު މަޖިލީސް އޮތީ ޗުއްޓީއަށް ދިއުމަށް ތައްޔާރު ވެފައެވެ.