ޒޫނާގެ އިސްތަށިގަނޑުގައި ހިފައިގެން އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ދަމަމުން އެ މަންޖެ ގެންގޮސް ގުޅަވަރަކަށް ބިންމައްޗަށް ހޫރާލިއެވެ. ޒޫނާ ރޮމުން ދިޔަ ނަމަވެސް އޭނާގެ މަންމައާ ދިމާއަށް ބަލައިވެސް ނުލައި އިނީއެވެ. އެއްޗެއް ބުނާކަށް ވެސް އޭނާ މަސައްކަތެއް ނުކުރެއެވެ.

އެއްފަރާތެއްގައި ހުރި ފިހިގަނޑު ޒުލޭހާއަށް ފެނުމާއެކު އެ ފިހިގަނޑު ހިފައިގެން އައިސް ޒޫނާއާ ދިމާއަށް މަޅާލުމުން ކަކޫ ޖަހައިގެން ބިންމަތީގައި އިން ޒޫނާ އޭނާގެ ހަށިގަނޑު މެއާލާ ގުދުކޮށްލިއެވެ. ޒުލޭހާ އަޅުވާލި އެތިފަހަރު އެރީ ސީދާ ޒޫނާގެ ބުރަކައްޓަށެވެ. ވީތަދުން ވޭނީ އާހުގެ އަޑަކާއެކު ޒޫނާ ރޮއެގަތެވެ.

އެވަރުންވެސް ޒުލޭހާ މައިތިރި ވީކީއެއް ނޫނެވެ. ފިހިގަނޑުން ޒޫނާގެ ބުރަކަށީގައި ގައިހުރި ބާރެއްލާ ތަޅަމުން ދިޔައިރު އެ ހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ.

ޒުނާ ރޯ އަޑަށް ކޮޓަރީގައި އޮތް ނޫރާ ދުވެފައި ބޭރަށް ނިކުތް އިރު، ޒުލޭހާގެ އަތުގައި އޮތް ފިހިގަނޑުގެ ހޮޅިދަނޑި އޮތީ ދެތިން ބަަޔަށް ބިނދިފައެވެ. ބިންމަތީ ގުޅަވަރަކަށް އޮވެ ގިސްލަ ގިސްލާ ރޮމުން ދިޔަ ޒޫނާ ފެނުމުން ނޫރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމަ މޮޔަވީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. މިއިން ދުވަހަކު ވެސް ޒުލޭހާ އޭހާ ރުޅި އައިސްފައި ހުރިތަނެއް ނޫރާއެއް ނުދެކެއެވެ.

އެ ހޮޅިދަނޑި ބިނދުމުން ވެސް އެއްފަރާތަކަށް ހޫރާލުމަށްފަހު ދެން އޭނާ ޒޫނާ ގައިގާ އަތުން ތަޅަން ފެށިއެވެެ. މަންޒަރު ބަލަން ހުރި ނޫރާ ރޮމުން އައިސް ޒުލޭހާއާއި ޒޫނާއާ ދެމެދަށް ވަދެ އޭނާގެ ދައްތަގެ ގައިގާ ނުތެޅުމަށް އެދި އާދޭސް ކުރަން ފެށިއެވެ. ނޫރާ އެދެމެދަށް ވަނުމުން ޒުލޭހާގެ ހަރަކާތް ހުއްޓުނެވެ. މަޑު ޖެހިފައި އެދެބޭންނާ ދިމާއަށް ބަލަން ހުރުމަށްފަހު އަތް އުކަމުން އޭނާ އެއްޗިހި ކިޔަން ފެށިއެވެ.

"ކަލެއާ ހެދި ލަދުން މަ ހަލާކުވެއްޖެ... ކަލޭގެ ވާހަކަ މަގޭ ރައްޓެހިން ވެސް ދެއްކަނީ... ޒުނާ އުޅޭ ވައްތަރޭ ކިޔާފަ... މިހާރު މަގޭ ރައްޓެހިން ވެސް މަށަށް މަލާމާތް ކުރަން ފަށައިފި... ބޭރަށް ނިކުމެ އުޅެން މަށަން އުނދަގޫވާ ހިސާބަސް ހިނގައްޖެ... ކަލެއާ ހެދި ރަނގަޅަށް އުޅެމުން ދިޔަ މަގޭ ނޫރާގެ ނަންވެސް ހަރާބު ވެއްޖެ... ކީއްކުރަން މަށަށް ދެއްވި ދަރިއެއް ބާއޭ ހިތަށް އަރާ..."

ވަރުބަލިވެފައި ހުރި ޒުލޭހާ މައިނޭވާ ލަމުން ވާހަކަ ދެއްކީ އޭނާ ރުޅިއައި ސަބަބު ހާމަ ކުރަމުންނެވެ. އެ ވަގުތު ޒޫނާ އެތަނުން ނަގައިގެން ކޮޓަރިއާ ހަމައަށް ދައްތަ ގެންދަން ނޫރާ މަސައްކަތް ކުރިއެވެ. އޮތް ތަނުން ޒޫނާއަށް ތެދުވެވުނީ ނޫރާގެ އެހީއާ އެކީގައެވެ. އޭނާގެ ގައިގައި ވޭން ނާޅާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. ހީވަނީ ގައިގެ ހުރިހާ ކަށިތަކެއް މުގުރިފައިވާ ހެންނެވެ. ކޮޓަރިއާ ދިމާއަށް ދިޔައިރު ވެސް ޒޫނާ އެއް ފަހަރު ވެސް އޭނާގެ މަންމައާ ދިމާއަށް ބަލާކަށް މަސައްކަތެއް ނުކުރެއެވެ.

ޒޫނާ ކޮޓަރިއާ ލާފައި ނޫރާ ބޭރަށް ނުކުތެވެ. އޭރުވެސް ޒުލޭހާ އައިސްފައި ހުރި ރުޅީގައި ގޭތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. "މަންމާ... ތިހާ ވަރު ކުރާކަށް ނުޖެހޭ ދޯ... ޒޫނާ ގޮވައިގެން ޑޮކްޓަރަށް ދާން ހިނގާބަލަ... ކައްޓަށް ގެއްލުމެއް ވެސް ވެދާނެއްނު..."

ނުރާ ކުރަމުން ދިޔަ އާދޭސް އަޑުއަހާކަށް ޒުލޭހާ ބޭނުމެއް ނުވިއެވެ. ޒުލޭހާ ކޮޓަރީއާ ދިމާއަށް ހިނގައިގަތުމުން މަންމަގެ އަތުގައި ހިފާ ނޫރާ އިތުރަށް އާދޭސް ކުރަން ފެށިއެވެ. ޒޫނާ އަކީ ގޯސް މީހެއް ނޫން ކަމަށް ބުނެ ނޫރާ އަމިއްލަ ނަފްސު ކުށްވެރިކޮށް ވާހަކަ ދައްކަމުން ދިޔައެވެ.

ނޫރާގެ އަތް ފޯޅާލާފައި ޒުލޭހާ ކޮޓަރިއާ ހަމައަށް ދިޔައިރު ނޫރާ ކިޔަމުން ދިޔަ އެއްޗެއް އޭނާއަށް ފަހުމް ވާވަރެއް ނޫނެނެވެ. އެއަށް ވުރެ ޒުލޭހާ ހުރީ ރުޅި ގަދަ ވެފައެވެ. ކޮޓަރިއަށް ވަދެ، ކޮޓަރިއާ ދިމާއަށް ދިޔަ ނޫރާގެ މޫނުމައްޗަށް ބަން ލާފައި އޭނާ ދޮރުޖެހި އިރު އައިސްފައި ހުރި ރުޅިއާ އެކު ޒުލޭހާ ދިޔައީ ތުރުތުރު ލަމުންނެވެ.

ކޮޓަރިއަށް ވަދެ ބޭސްތައް އަޅާފައި ހުރި ވަތްގަނޑު ހުޅުވާލަމުން ލޭމައްޗަށް ދާތީ ކާ ބޭސް ކާޑުން ގުޅައެއް ނަގާ ޒުލޭހާ އަނގަޔަށް އެ ގުޅަ ލިއެވެ. އަދި ފެންފޮދަކާ ނުލައި އެ ބޭސްގުޅަ ދިރުވާލުމަށްފަހު އެނދުގައި އޮށޯވެ މީހާ ހަމައަކަށް އަޅުވަން އޭނާ މަސައްކަތް ކުރިއެވެ. ރުޅި ގަދަވެ އަތުން ފައިން ގޯސް ހެދުނު ކަމަށް ގަބޫލު ކުރެވުނަސް އެވަރުގެ ހަސްކާއެއް ނުލިބި ޒޫނާ ރަނގަޅެއް ނުވާނެ ކަމަށް އޭނާ ނިންމިއެވެ.

*** *** *** *** *** ***

ޒޫނާ ގައިގާ ތަޅައި އަނިޔާ ކުރެވުނު ދުވަސް ހަނދާންވުމުން ޒުލޭހާގެ ދެލޯ ކަރުނުން ފުރުނެވެ. އެއީ އޭނާއަށް ދޭން ޖެހޭ ވަރުގެ އަނިޔާއެއް ނޫން ކަން އެނގުމުން ޒުލޭހާއަށް އެތާކު ނީނދެވުނެވެ. ގޮނޑިން ތެދުވެ އޭނާ ގޭތެރެއަށް ވަނީ ޒޫނާ ގާތަށް ދިއުމަށެވެ. އެ ދަރިފުޅު ގައިގާ ފިރުމާލައި ބައްދާލަން ބޭނުން ވެފައި ހުރި ވަރުންނެވެ. މާޒީގައި ކަން ކުރެވުނު ގޮތުން ޒުލޭހާގެ މައި ލަގޮނޑިއަށް ކެތް ކުރަން ދަތިވިއެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލަމުން ކޮޓަރި ތެރެއަށް ޒުލޭހާ ބަލާލިއެވެ. އެނދުގައި ބިއްދޮށަށް އެނބުރިގެން ނިދަން އޮތް ޒޫނާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ހިތްވަރުކޮށްފައި ކޮޓަރި ތެރެއަށް ވަންނަން އޭނާ ފިޔަވަޅު އެޅިއެވެ. ކަމެއްގެ ހަގީގަތް ނޭނގި ރުޅި އިސްކޮށް ކަމެއް ކުރި ދުަ=ވަހަކު ވިސްނާފައި އެ ކަމެއް ކުރަން ޖެހިލުމެއް ނުވިއެވެ. ނަމަވެސް ހަގީގަތް ހާމަވީ ދުވަހު ޒުލޭހާއަށް އޭނާގެ ފިނޑިކަން އިހްސާސް ކުރެވުނެވެ.

ނޫރާގެ މަގަތުގައި ޒުލޭހާ މަޑުމަޑުން އިށީނީ އެ މަންޖެގެ ނިންޖަށް އުނގަދޫ ކުރަން ބޭނުން ނުވާތީއެވެ. ހޭލައި ހުރި ނަމަ ޒޫނާއާ މި ވަގުތު ހަތަރު ކަލީ ހަމަކުރަން ވެސް ޒުލޭހާ ފަސްޖެހޭނެއެވެ. މަޑުމަޑުން ޒުލޭގެ އަތް ތިލަ ޒޫނާގެ ބުރަކަށީގައި ޖައްސާލިއެވެ. ތަޅއިގަނެވުނު ދުވަހު ޒޫނާގެ ހަށީގަނޑުގައި ހާދަ ވޭނެއް އަޅާނޭ ޒުލޭހާ ހިތަށް އެރިއެވެ. އެ ވަރުން ވެސް ޒޫނާ ބަހެއް ނުބުނެއެވެ. ނޫރާގެ ސިއްރު ހާމަކުރާކަށް ވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ.

ޒޫނާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އަތް މަޑުމަޑުން ޒޫނާގެ އިސްތަށިގަނޑާ ހަމައަށް ދަތުރުކުރިއެވެ. ކުރުކޮށް ކޮށާފައިވާ ޒޫނާގެ އިސްތަށިގަނޑަށް ބަލަން އިން އިރު، ޒޫލޭހާގެ ހަނދާނަށް އައީ ޒޫނާއަށް އޭނާ ދިން އަނިޔާއެއްގެ ހަނދާނެވެ.

*** *** *** *** *** ***

އެ ހާދިސާއަށް އަހަރެއްވީ އިރު، ނޫރާ ކިޔަވަމުން ދިޔަ ކޯސް ފުރިހަމަކޮށް ޒަވާޖީ ހަޔާތެއް ފަށަން ވަނީ ތައްޔާރުވެފައެވެ. މުނާޒާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން ދިޔަ އިރު، ނޫރާ ވަނީ ބުރުގާވެސް އަޅާފައެވެ.

ގޭގައި ހުރެ އަބަދު ހިތާމަ ކުރަމުން ދިޔަ ޒޫނާގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. ދެލޯ ކައިރި ވަލުވަދެ ސިފައަށް ވެސް ބަދަލު އައިސްފައިވާ އިރު އެ މޫނުމަތިން ފާޅުވަނީ މޮޅިކަމެކެވެ. އެހެންކަމުން މިހާރު އެ ދެބެއިން އެކުގައި ތިއްބާ މީހަކަށް ފެނުނަސް އެކަކު ކަމަށް ހީކޮށް އޮޅުން އަރާ ވަރަށް ވުރެ ދެމީހުންގެ ސިފަ ވަނީ ތަފާތުވެފައެވެ.

މުނާޒާއި ނޫރާގެ ކައިވެނީގެ ކަންކަމަށް ތައްޔާރުވަމުން ދިޔަ އިރު، ބޮޑު ކައިވެނި ހަފްލާއެއް ބައްވާކަށް ނޫރާ ބޭނުމެއް ނުޏެވެ. އަދިވެސް އަޖޫގެ ފަރާތުން އުންދަގުލެއް ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭރުގެ ރައްޓެހިންނަށް އޭނާގެ ހަޔާތުގެ ކަންކަން ހާމަކުރާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ދެ ފާރާުގެ އާއިލާ މީހުން ދާ ގޮތަށް ކުޑަ ހަފްލާއެއް ބާއްވާ ގޮތަށް ނިންމީ މުނާޒަކީ ވެސް ބޮޑު ޕާޓީއެއް ބާއްވަން ބޭނުންވާ މީހަކަށް ނުވާތީއެވެ.

ކައިވެންނަށް ތައްޔާރުވުމަށް ޒޫނާވެސް އެކި ކަންކަމުގައި އެހީތެރިވަމުން ދިޔައެވެ. އެ ދުވަހުގެ ކައިވެނި ހަފްލާއަށް ދާން އޭނާ ވެސް ރީތި ހެދުމެއް ފެހިއެވެ. އެ ހެދުން ހެޔޮވަރުކުރަން ފަހަން ހަވާލުކުރި ތަނަށް ދާން ގެއިން ނިކުތް އިރު އެ މަންޒަރު ބަލަން ގޭތެރޭ ހުރި ޒުލޭހާ ހިތްހަމަނުޖެހުނެވެ. ނަމަވެސް ބަހެއް ނުބުނެ ހުރީ އެ ވަގުތު ގޭގައި މުނާޒާއި ނޫރާ އުޅޭތީއެވެ.

އެމީހުން އުޅުނީ، އެ ހަފްލާ ޒީނަތްތެރިކުރަން ބޭނުންކުރާ ބައެއް ތަކެތި ތައްޔާރުކޮށް ނިންމުމުގައެވެ. ބައެއް ކަރުދާސްތައް ކަފަން ކަތުރާއި ތެރެހާއި ބައެއް ސާމާނުތައް ހިފައިގެން އުޅުނު އެ ދެމީޙުންނާ އެކު ޒުލޭހާވެސް އެ ަމސައްކަތުގައި އުޅުނު އިރު، އެ ުއފާވެރި ވަގުތު ހަރާބުކޮށްލަން އޭނާ ޒޫނާ ހުއްޓުވައި އެއްޗެހި ކިޔަން އެ ވަގުތު ބޭނުން ނުވީއެވެ.

ހެދުން ހިފައިގެން ގެއަށް ނޫރާ އައީ ޕާޓީއަށް ދާން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އޭރު މުނާޒާއި ނޫރާއެއް ވެސް ގެއަކު ނެތެވެ.

- ނުނިމޭ -