ތެލުގޫ އަދި ބޮލީވުޑްގެ ފިލްމުތަކުން ފެންނަ ބަތަލާ އިލިއާނާ ޑި ކްރޫޒް 36، މަންމަ އަކަށްވާން އުޅޭކަން ހާމަކޮށްފިއެވެ.

ބަތަލާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯގެ ކެޕްޝަނުގައި ޖަހާފައި ވަނީ "ސޫން ޓު ބީ މަމާ" އެވެ. މި ޕޯސްޓާއެކު ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ކިޔަމުން ދާއިރު ދަރިފުޅުގެ ބައްޕަ އަކީ ކާކުތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު ކޮށްފައެވެ. އިލިއާނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުއަރާފައި ވަނީ ބަތަލާ ކެޓްރީނާ ކައިފްގެ ހަމައެކަނި ފިރިހެން ކޮއްކޮ ސެބެސްޓިއަން ލޯރެންޓްއާއެވެ.

އިލިއާނާ ބުނީ މަންމަ އަކަށް ވާތީ ވަރަށް އުފާވާ ކަމަށާއި ދަރިފުޅާ ބައްދަލުކުރަން ކެތްމަދުވެފައި ހުރި ކަމަށެވެ. ކެޓްރީނާގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރަން މިދިޔަ ޖުލައި މަހުގެ ސެބެސްޓިއަން އާއި އިލިއާނާ ވަނީ ރާއްޖެ އައިސްފައެވެ. އޭގެ ފަހުން މިދެމީހުން އެއްކޮށް ބޭރުތެރެއިން ވަރަށް ފެނެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ދެމީހުންކުރެ އެކަކުވެސް މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

2012 ވަނަ އަހަރު އަނޫރާގް ބާސޫ ޑައިރެކްޓްކޮށް ނެރުނު ފިލްމު "ބަރްފީ" އިން ބޮލީވުޑަށް ތައާރަފްވި އިލިއާނާ އެ ފިލްމުގެ ރޯލު ކުޅެގެން ވަނީ އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައެވެ. އެ ފިލްމުގައި އިލިއާނާ އާއެކު ހަރަކާތްތެރިވީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ރަންބީރު ކަޕޫރެވެ.