އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކުރަންޖެހުނީ ފާއިތުވި ދެ އަހަރު ސަރުކާރުން ސަބްސިޓީ ދީފައިނުވާތީކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން އިން އެތެރޭގެ ދަތުރުތަކުގެ ޓިކެޓް އަގު ބޮޑުކޮށްފައިވާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ އިސްވެރިން ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމަށް މިއަދު ހާޒިރުކޮށްފައެވެ.
މި ބައްދަލުވުމުގައި މިހާދު ވިދާޅުވީ 2019 ވަނަ އަހަރު މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދާ އެއްގޮތަށް އެތެރޭގެ އުދުންތަކުގެ އަގު ކުޑަ ކުރިކަމަށް އެ އަހަރު ސަރުކާރުން ސަބްސިޑީގެ ގޮތުގައި 35 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ. ސަބްސިޑީއާ އެކު ވެސް އެ އަހަރު ކުންފުންޏަށް 126 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނުކަން ފާހަގަކޮށް މިހާދު ވިދާޅުވީ ފާއިތުވި ދެ އަހަރު ސަރުކާރުން ސަބްސިޓީ ލިބިފައިނުވާކަމަށެވެ.
ސަރުކާރުން ސަބްސިޑީ ނުދޭހާ ހިނދަކު އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ނުކުރެވޭނެކަން ފާހަގަކޮށް މިހާދު ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ އަގުތައް ހިފެހެއްޓުމާއެކު ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. ކުންފުނީގެ މާލީ ހާލަތު ދަށްވެ، ހިންގުމުގެ ހަރަދު ބޮޑުވުމާ ގުޅިގެން ޓިކެޓް އަގު ބޮޑުކުރަންޖެހުނުކަން ފާހަގަކޮށް މިހާދު ވަނީ މިހާރު މޯލްޑިވިއަން އިން 14 އެއާޕޯޓަކަށް ދަތުރުކުރާއިރު، ލޯޑު ހަމަނުވިޔަސް ދަތުރުކުރަން މަޖުބޫރުވުމުން ގެއްލުންވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާދު ވިދާޅުވީ ކޮވިޑްގެ ކުރިން ޖެޓް ފިއުލް ވިއްކީ ލީޓަރަކަށް 12 ރުފިޔާއަށް ކަމަށާ މިދިޔަ ސެޕްޓެމްބަރުގައި ހުރީ 22 ރުފިޔާއަށްކަމަށެވެ. އަދި މޯލްޑިވިއަންގެ ޑޭޝް މަރުކާގެ ބޯޓުތަކުގެ އުމުރަކީ 25 އަހަރުކަމަށާ އެ ބޯޓުތަކަށް ދުވަސްވުމުން މެއިންޓެނެންސް ހަރަދު ވަރަށް ބޮޑުކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ މާޗު މަހާ ދޭތެރޭ އޭޓީ މަރުކާގެ އާ ތިން ބޯޓު، މޯލްޑިވިއަން އިން ގަނެފައިވާކަން ފާހަގަކޮށް މިހާދު ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ވަރަށް ދަށްކަމަށެވެ. އަދި އެ ހާލަތުން އަރައިގަތުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް މިހާރު ހޯދަމުން އަންނަކަން ފާހަގަކޮށް މިހާދު ވަނީ އެ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ.
މި ގޮތުން މިހާދު ވިދާޅުވީ ނ. މާފަރު އެއާޕޯޓުގައި ތެޔޮ އެޅުމުގެ ހިދުމަތް ދޭން ފެށުމާ، މާފަރަށް ކޮމާޝަލް ފްލައިޓުތައް އިތުރުކުރުމަށް މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި ވަރަށް އަވަހަށް މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ވެސް ފެށޭނެކަމަށް މިހާދު ވިދާޅުވިއެވެ. އިތުރަށް މިހާދު ވިދާޅުވީ އެ އެއާޕޯޓުގައި ޖެޓު ޕާކު ކުރެވޭ އަދަދު އިތުރުކުރުމަށް ޕާކިން ސަރަހައްދު ބޮޑުކުރުމަށް ވިސްނަމުން އަންނަކަމަށެވެ.
ނުފޯރާފޮތިން ފޫގަޅަން އުޅޭއިރު ތިޔަހެން ވާނެ. ކުންފުނި ހިންގަން ނޭނގޭނަމަ އަވަހަށް ފެޔަށް ޖެހިލައްވަންފެނޭ