1988 އަހަރު ނިއު ޔޯކަށް އުފަން ނަފީސާ ރިޒްވީ ހާން، އާންމު ނަމުން ނަމަ ޖިއާ ހާން، އުޅެ ބޮޑުވެ ތައުލީމް ހާސިލް ކުރީ ލަންޑަނުގައެވެ. އެންމެ ތުއްތުއިރުން ފެށިގެންވެސް ކާމިޔާބު އެކްޓްރަސް އަކަށްވުމުގެ ހުވަފެން ދެކެމުން އައި ޖިއާ އުމުރުގެ ވަކި ހިސާބަކަށް ދިޔުމުން މުމްބާއީ އަށް ދާން ނިންމީ ފިލްމީ މަސައްކަތް ކުރުމަށެވެ. މޮޅު އެކްޓްރަސް އަކަށް ވުމުގެ ހުވަފެނުގައި ޖިއާ މުމްބާއީ އަށް ބަދަލުވިއެވެ.
2007 އަހަރު އަމީތާބް ބައްޗަން އާއެކު ކުޅުނު ޑްރާމާ "ނިޝާބްދް" އިން ބޮލީވުޑުގައި ފުރަތަމަ ފައިތިލަ ބީއްސާލިއިރު އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އެ ފިލްމުން އޭނާ ވަނީ ފިލްމުފެއާގެ އެންމެ މޮޅު ފީމޭލް ޑެބިއު އަށް ނޮމިނޭޓްވެސް ވެފައެވެ. އެ ފިލްމުން ޖިއާ އަށް ލިބުނު ހިއްވަރާއެކު ބޮލީވުޑްގެ ނަން މަޝްހޫރު ތަރިންނާއެކު ފިލްމު ކުޅުމުގެ ޖާގަ ޖިއާ ހޯދިއެވެ. އެގޮތުން އާމިރު ހާން އާއެކު ކުޅުނު "ގަޖްނީ" އަކީ ޖިއާގެ އެކްޓިން އެންމެ ފާހަގަކޮށްލެވޭ ފިލްމުވެސް މެއެވެ. އޭގެ އިތުރުން އަކްޝޭ ކުމާރު، އަރުޖުން ރާމްޕާލް، ދީޕިކާ ޕަޑުކޯން އަދި ޖެކަލީން ފާނަންޑޭޒް އާއެކު ކުޅުނު ހައުސްފުލް އަކީ ވެސް ޖިއާގެ އެކްޓިންގެ ހުނަރު ފެނިގެން ދިޔަ ފިލްމެކެވެ. ކެރިއަރުގައި ހަތް ފިލްމު ކުޅުނު ޖިއާ ވަނީ އޭރު ބޮލީވުޑްގެ ގިނަ ފިލްމުތަކުން ޖާގަ ހޯދާފައެވެ.
ބަތަލާ ޖިއާ ހާން މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން 2013 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ. ކުއްލި ގޮތަކަށް ޖިއާ މަރުވިއިރު އޭނާގެ މަރާއެކު މުޅި ބޮލީވުޑް ވެސް އޮތީ ޝޮކެއްގައެވެ. ޖިއާ މަރުވިއިރު އޭނާގެ ލޯބިވެރިޔަކީ އެކްޓަރު ސޫރަޖް ޕަންޗޯލީ އެވެ. ސޯޝަލް މީޑިއާއިން ދެމީހުން ދިމާވިއިރު ޖިއާގެ މަންމަ ރާބިއާ ހާން ބުނީ ޖިއާގެ މަރުގެ ފަހަތުގައި ސޫރަޖްގެ އަތެއް ވާ ކަމަށެވެ. ޖިއާ މަރުވުމުގެ ކުރިން ސޫރަޖް، ޖިއާ އަށް ޖިސްމާނީ ހާނިއްކަ ކުރަމުން ދިޔަ ކަމަށާއި އޭނާއަށް ފާޑުފާޑުގެ ނަންނަމުން ގޮވި ވާހަކަ ބުނިކަމަށް ރާބިއާ ވަނީ ބުނެފައެވެ.
ޖިއާ މަރުވި ރޭ ކަންތައް ވީ ގޮތް
ޖޫން މަހުގެ 3 ވަނަ ދުވަހުގެ ރޭ ޖިއާ އޭނާގެ ގޭގައި އުޅުނީ އެކަންޏެވެ. މަންމަ ރާބިއާ އާއި ދައްތަ ހުރީ އޭރު ބޭރުގައެވެ. ޖިއާ މަރުވި ސީދާ ގަޑިއެއް ބުނަން ނޭނގުނު ނަމަވެސް އޮޓޮޕްސީ ރިޕޯޓް އިން ބުނީ ޖިއާ މަރުވެފައި ވަނީ އެރޭގެ 23:00 އާއި 23:30 އާއި ދެމެދުގައެވެ. ރާބިއާ ގެއަށް އައި ވަގުތު ޖިއާ ދަންޖެހިފައި ހުރިތަން ފެނުމާއެކު ފުލުހުންނަށް ރިޕޯޓް ކުރިއެވެ. ޖިއާ މަރުވީ އަމިއްލަ އަށް ނޫންކަމަށް އޭރުވެސް ރާބިއާ ބުންޏެވެ. މީޑިއާތަކުގައި ޖިއާގެ މަރުގެ ހަބަރު ފެތުރީ އޭނާ ދަންޖެހިގެން މަރުވީ ކަމަށެވެ. ޖިއާގެ މަރުގެ މައްސަލަ ވަރަށް ސީރިއަސްކޮށް މުމްބާއީ ފުލުހުން ބަލަމުން ގެންދިޔައިރު ޖިއާގެ މަންމަ ވަނީ ސޫރަޖް ޕަންޗޯލީ އާއި ޖިއާގެ މަރާ ގުޅުމެއް ވާކަމަށް ބުނެފައެވެ. އެއީ ޖިއާ މަރުވިއިރު އޭނާ ހުރީ ބަނޑުބޮޑުވެފައި ކަމަށާއި ޖިއާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން ސޫރަޖް ބުނި ކަމަށްވެސް ރާބިއާ ވަނީ ފުލުހުން ގާތު ބުނެފައެވެ. ޖިއާ މަރުވިއިރު ސުއިސައިޑް ނޯޓުގައި ވެސް ސޫރަޖްގެ ވާހަކަ އޮތުމާއެކު ފުލުހުންގެ ތަހުގީގަށް ސޫރަޖް ހާޒިރު ކުރިއެވެ. އަދި އަމިއްލައަށް މަރުވުމަށް ހިތްވަރުދިން ކަމުގެ މައްސަލައިގައި (އެބެޓްމެންޓް ޓު ސުއިސައިޑް) ސޫރަޖް ހައްޔަރު ކުރީ ޖެހިގެން އައި މަހުގައެވެ. ނަމަވެސް ސޫރަޖްގެ އާއިލާ އަކީ ބޮލީވުޑްގައި ނުފޫޒުގަދަ އާއިލާއަކަށް ވުމުން ކަލާފަތުގެ ދަށުން އޭނާ މިނިވަންވިއެވެ.
ޖިއާގެ މަރުގެ މައްސަލަ ސީބީއައި އަށް
ޖިއާގެ މަރުގެ ތަހުގީގަށް މުމްބާއީ ފުލުހުން އެއްބާރުލުން ނުލިބުމުން ޖިއާ މަންމަ ރާބިއާ އެ މައްސަލަ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް ހުށައެޅިއެވެ. އަދި ސީބީއައި އިން އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުުރަން ފެށިއެވެ. ޖިއާގެ މަންމަ ރާބިއާ ބުނީ ސީބީއައި އަށް ޖިއާ ގަސްތުގައި މަރުނުވާ ކަމުގެ ބައިވަރު ހެކި ހުށައެޅި ކަމަށާއި އޭރު އެމީހުންވެސް ބުނަމުން ގެންދިޔައީ ޖިއާ އަމިއްލަ އަށް މަރުނުވާ ކަމަށެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން މަރުގެ އަޕްޑޭޓެއް ބަލަން ދިޔުމުން މުޅި ވާހަކަ އޮޅުންބޮޅުން ކުރުމަށް ފަހު ބުނީ ޖިއާ މަރުވީ ދަންޖެހިގެން ކަމަށެވެ. ޖިއާގެ މަންމަ މިއަދުވެސް އޭނާގެ މަރަށް އިންސާފަށް ގޮވަމުން އަންނައިރު މީގެ ކުރިން ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޖިއާގެ މައްސަލައިގެ ޝަރީއަތަށް ސަލްމާން ހާންގެ ނުފޫޒު ވަރަށް ބޮޑަށް ފޯރިކަމަށެވެ. އޭރު ސީބީއައި އިން ޖިއާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނީ ޖިއާ މަރުވީ އަމިއްލަ އަށް ކަމަށާއި މީހަކު އޭނާ މަރާލީ ނޫންކަމަށެވެ. އަދި ޖިއާ މަރުވީ އަމިއްލައަކަށް އެނގޭ ވަރަށް ހެކި ލިބުނު ކަމަށް ބުނެ ސީބީއައި އިން ވަނީ އެ މައްސަލަ ނިންމާލާފައެވެ.
ސީބީއައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ޖިއާގެ މަންމަ ޔޫކޭގެ ފޮރެންސިކް ޓީމަކަށް އެ މައްސަލަ ހުށައެޅިއެވެ. ޖިއާގެ މެޑިކަލް ރިޕޯޓް އަދި ޕޯސްޓްމޮޓަމް ރިޕޯޓް ތަހުގީކުރުމަށްފަހު ޖިއާ މަރުވެފައި ނަގާފައިވާ ފޮޓޯތަކެއް އެމީހުން އެނަލައިޒްކުރި އެވެ. އަދި މައްސަލަ ތަހުގީގުކުރުމަށް ޖިއާ ދިރިއުޅެމުން ދިޔަ އޭރިއާގެ ސީސީޓީވީ ފުޓޭޖް އާއި ޖިއާގެ ކޮޓަރީގެ ފޮޓޯތައްވެސް އެމީހުން ވަނީ ތަހުގީގަށް ބޭނުންކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު ޔޫކޭ ފޮރެންސިކް އެކްސްޕާޓަކު ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނީ ޖިއާ މަރުވީ އަމިއްލައަށް ނޫންކަމަށާއި ބަޔަކު ވެގެން ޖިއާ މަރާލީ ކަމަށެވެ. އަދި އޭނާގެ މޫނުގައި އަދި ކަރުގައިވާ ނިޝާންތައް އެކަމަށް ހެކިދޭ ކަމަށްވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ. އެ ރިޕޯޓުގައި ބުނީ ޖިއާ އަމިއްލަ އަށް މަރުވިނަމަ އަނގަމަތީގައި އަދި ކަރުގައި ހުރި ނިޝާންތައް ހުންނާނީ އެގޮތަކަށް ނޫންކަމަށެވެ.
އުމުރުން އެންމެ 25 އަހަރުގައި ޖިއާ މަރުވިއިރު އޭނާ މަރުވެގެން ދިޔައީ މުޅި ބޮލީވުޑަށް ސިހުން ގެނެސްފައެވެ. ޖިއާގެ މަރަށް މި އަހަރުގެ ޖޫން މަހު ބަރާބަރު 10 އަހަރު ވެގެން ދާއިރު ޖިއާ މަންމަ ގަބޫލުކުރާގޮތުގައި އޭނާގެ ދަރިފުޅަށް އަދިވެސް އިންސާފެއް ނުލިބެއެވެ. މިއަދުވެސް އެކި މީޑީއާތަކަށް އިންޓަވިއުދޭ ރާބިއާ ހާން ހުއްޓުމެއްނެތި ބުނަމުން ދަނީ ޖިއާ އަމިއްލަ އަށް މަރުނުވާނެ ކަމަށެވެ. އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށެވެ. ބަޔަކު ވެގެން ޖިއާ މަރާލީ ކަމަށެވެ. ގިނަ މީހުންވެސް ގަބޫލު ކުރަނީ ހަމަ އެގޮތަށެވެ. މިއީ ބޮލީވުޑްގެ އަޑި ނޭނގޭ މަރުތަކުން ޖިއާ ހާންގެ މަރުގެ ވާހަކައެވެ. ޖިއާގެ މަރަކީ އަދިވެސް އިންސާފު ލިބިފައި ނުވާ މަރެކެވެ.