މިއަހަރު ރާއްޖެއިން ހައްޖާއި އުމްރާއަށް ދާ މީހުންނަށް ދިނުމަށް ބޭނުންވާ މެނަންޖައިޓަސް ވެކްސިން ސަޕްލައި ކޮށްދޭނެ ފަރަތެއް ހޯދުމަށް އަނެއްކާވެސް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މެނަންޖައިޓަސް ވެކްސިން ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ މަހުގެ 03 ވަނަ ދުވަހު ކުރި އިއުލާން އިސްލާހު ކޮށްފައި ވާކަމަށެވެ.

މިއަދު ފިނޭންސް މިނިސްޓްރީން ކުރި އުއުލާނުގައި ވަނީ މި ބީލަން ކުރިއަށް ދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓުގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތަށް ކަމަށެވެ. އަދި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް ފަސްސަތޭކަ ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ އިރު މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ފަސްދޮޅަސް ހަތަރުހާސް އަށްސަތޭކަ ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސްކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ހައްޖާއި އުމްރާއަށް ސައުދީ އަރަބިއްޔާއަށް ދާމީހުން ޖަހަން ޖެހޭ މެނިންޖައިޓިސް ވެކްސިން ހޯދުމުގައި ގިނަ ދަތިތަކެއް ހުރިކަންވަނީ ފާހަގަވެފައެވެ.