އެމެރިކާގެ ޓައިމް މެގަޒިންއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝާހްރުކް ހާން ހިމެނިއްޖެއެވެ.

އުމުރުން 57 އަހަރުގެ ޝާހްރުކް މި ލިސްޓުން ޖާގަ ހޯދި އިރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ވެސް ވަނީ މި ލިސްޓުން ޖާގަ ހޯދާފައެވެ. އާއްމުންގެ ފަރާތުން ވޯޓަށް ހުޅުވާލުމުން ގިނަ ބަޔަކު ވަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ޝާހްރުކް ހިމެނޭ ކަމަށް ވޯޓް ލާފައެވެ. މީގެ ކުރިންވެސް ޝާހު މި ލިސްޓުން ޖާގަ ހޯދާފައި ވާއިރު މިއަހަރު ޓައިމް މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ލަވަކިޔުންތެރިޔާ ބިޔޯންސޭ، މޮޑެލް ބެލާ ހަދީދްގެ އިތުރުން ބިލިއަނަރު އެލޮން މަސްކް ވެސް ހިމެނިފައިވެއެވެ.

އޭގެ އިތުރުން ވެސް އެމެރިކާގެ މަޝްހޫރު އެކްޓަރު މައިކަލް ބީ ޖޯޑަން، ޑޯޖާ ކެޓް އަދި ފެތުންތެރިން ކަމަށްވާ ސާރާ މަރްދިނީ އާއި ޔުސްރާ މަރްދީނީ ވެސް ލިސްޓުގައި ހިމެނިފައިވެއެވެ. ޓައިމްސް މެގަޒިންގައި ޝާހްރުކްގެ ހާއްސަ ޕްރޮފައިލްއެއް ހިމަނާފައިވާއިރު މި ޕްރޮފައިލްގައި ވަނީ ޝާހްރުކް އާ ގުޅޭގޮތުން ދީޕިކާ ޕަޑުކޯން ދެއްކި ވާހަކައެއް ޝާއިއު ކޮށްފައެވެ.

އެ ލިޔުމުގައި ދީޕިކާ ބުނީ ހަޔާތުގައި ދުވަހަކުވެސް ޝާހްރުކް އާއި ދިމާވި ފުރަތަމަ ދުވަސްމަތިން ހަނދާން ނައްތާނުލެވޭނެ ކަމަށާއި އެ ދުވަހަކީ ބެންގަލޯރުން މުމްބާއީ އަށް އައި ދުވަސް ކަމަށެވެ.

"ބެންގަލޯރުން މުމްބާއީ އަށް ކުޑަ ފޮށްޓެއް ހިފައިގެން އަހަރެން އައީ އަހަރެންގެ ހުވަފެންތައް ހާސިލްކުރަން. ދެން އެނގޭ ކަމަކީ މުމްބާއީ އައި ތަނުން އަހަރެން އިނީ ޝާހުމެން ގޭގައި ކަން. އަދި ޝާހު އާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބެން އުޅޭކަން،" ފިލްމު "އޯމް ޝާންތި އޯމް" އިން ޝާހު އާއެކު ބޮލީވުޑަށް ތައާރަފްވި ކުޅަދާނަ ބަތަލާ ދީޕިކާ ބުންޏެވެ.

ޖުމްލަ 110 ފިލްމަށްވުރެ ގިނަ ފިލްމު ކުޅެދީފައިވާ ޝާހްރުކްގެ ދިގު 35 އަހަރުވީ ފިލްމީ ކެރިއަރުގައި އޭނާ ވަނީ އާންމުންގެ ލޯތްބާއި އިހުތިރާމް ހޯދާފައެވެ. އެކްޓަރު އެންމެ ފަހުން ފެނިގެން ދިޔައީ ދީޕިކާ ޕަޑުކޯން އާއި ޖޯން އަބްރަހަމް އާއެކު ފިލްމު "ޕަތާން" އިންނެވެ. އެ ފިލްމަށް ވަނީ ކްރިޓީކުންގެ އިތުރުން އާންމުންގެ ބޮޑޫ ތަރުހީބެއް ލިބިގެން ގޮސްފައެވެ.