ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ މި ކުޑަ ދިވެހި ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިގެންވާ މީހުން އުޅޭ ގައުމެކެވެ. އޭގެ ތެރެއިން އެންމެ އާންމުކޮށް ފެންނަ އެއް ބަޔަކީ ކޭކް އަޅާ މީހުންނެވެ. ފޭސްބުކް އަދި އިންސްޓަގްރާމް ހާވާލިއަސް މި މަސައްކަތް ކުރާ ގިނަ ބަޔަކު އުޅޭ ތަން ފެނެއެވެ. ނަމަވެސް މި މީހުން ތެރެއިން އެ މަސައްކަތް ފުޅާކޮށްގެން ކުރިއަށް ދާ މީހުން މަދޭ ބުނެވިދާނެއެވެ.
މި ރޯދަ މަހަށް ހާއްސަކޮށް 'ދަ ޕްރެސް' އިން ގެނެސް ދޭ "މީހުން" ސިލްސިލާގައި މިއަދު މި ގެނެސްދެނީ ކޭކް އެޅުމުގައި ރާއްޖޭގައި މަޝްހޫރު މީހެކެވެ. ޒުދޫ މިސް އެއް ބުނެފިއްޔާ ނޭނގޭނެ މީހަކު ވަރަށް މަދު ވާނެއެވެ.
ގއ. ވިލިގިއްޔަށް އުފަން ޒުދުލީނާ ޒައީމް އާންމު ނަމުން ނަމަ ޒުދޫ ވިޔަފާރީގެ ގޮތުގައި މި މަސައްކަތް ފަށާފައި ވަނީ އެ ދާއިރާއިން ރާއްޖެއިން ބޭރުން ގިނަ ތަމްރީންތަކެއް ވެސް ހޯދުމަށް ފަހުއެވެ. އެ ގޮތުން އޭނާ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް ފެށީ 2010 ވަނަ އަހަރު ތެރޭގައެވެ.
ކޭކް އެޅުމުގެ ދާއިރާއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ޒުދޫ ބުނީ، މި މަސައްކަތަށް ވަދެވުނީ އާއިލާ ތެރޭގައި ވެސް މިމަސައްކަތް ކުރަމުން އަންނާތީ ކަމަށާއި އޭރު އޭނާގެ އުމުރަކީ 22 އަހަރު ކަމަށެވެ. އެ މަސައްކަތަށް ހުރި ޝައުގެއްގެ ބޮޑު ކަމުން ނިއުޒިލެންޑްގައި އޭނާ އާއި އޭނާގެ ފިރިމީހާ ކިޔަވަން ތިބި ދުވަސްވަރު ހުސްވަގުތުގައި އެތަނުގައި ހިންގަމުން ދިޔަ ކޯސްތަކެއްގައި އޭނާ ވަނީ ބައިވެރިވެފައެވެ.
ނިއުޒިލެންޑް ނޫނަސް މެލޭޝިއާ އާއި، ޔޫކްރެއިން އާއި ސްރީލަންކާ އާއި އަދި ޗިކާގޯ ވެސް ހިންގި ކޯސްތަކެއް ޒުދޫ ފުރިހަމަ ކޮށްފައިވާ އިރު އޭނާ ވަނީ ޑެކަރޭޝަންގެ ދާއިރާއިން ވެސް ކޯސްތައް ހަދާފައެވެ.
ޒުދޫ ފުރިހަމަ ކޮށްފައިވާ ކޯސްތައް:
- ޑިޕްލޮމާ އިން ކްރިއޭޓިވް ކްރާފްޓް (ނިއުޒިލެންޑް)
- ޑިޕްލޮމާ އިން ހޯމް ސައިންސް - ކޭކް ޑެކަރޭޝަން (ނިއުޒިލެންޑް)
- ޑިޕްލޮމާ އިން ޝުގާ ކްރާފްޓް - - ބްރިޓީޝް އެން ވިލްޓޮމް މެތަޑް (ނިއުޒިލެންޑް)
- ޑިޕްލޮމާ އިން ހޯމް ސައިންސް - މޮޑާން ކޭކް ޑެކަރޭޝަން (ނިއުޒިލެންޑް)
- ޑިޕްލޮމާ އިން ހޯމް ސައިންސް - ޕޭސްޓްރީ އެންޑް ބްރެޑް މޭކިން (ނިއުޒިލެންޑް)
- ޕީއެމްއީ ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޝުގާ ފްލާވާސް އެން ރޯޔަލް އައިސިން ވޯކް (ނިއުޒިލެންޑް)
- ޕީއެމްއީ މާސްޓާސް ސެޓްފިކެޓް (ނިއުޒިލެންޑް)
- އެޑްވާންސް ގަމް ޕޭސްޓް ފްލާވާސް (ނިއުޒިލެންޑް)
- ސެޓްފިކެޓް އިން ކޭކސް ޑެކަރޭޝަން (ނިއުޒިލެންޑް)
- ސެޓްފިކެޓް އިން ފްލާވާސް އެން ކޭކް ޑިޒައިން (ނިއުޒިލެންޑް)
- ސެޓްފިކެޓް އިން ގަމް ޕޭސްޓް އެން ފޮންޑަންޓް (ނިއުޒިލެންޑް)
- މާސްޓާސް އިން ބަޓާ ކްރީމް ޕެކެޓް ނައިފް (މެލޭޝިއާ)
- މާސްޓާސް އިން ޑެޒާޓްސް (ޔޫކްރެއިން)
- މާސްޓާސް އިން ޑެޒާޓްސް (ޗިކާގޯ)
- މާސްޓާސް އޮފް ކޭކް ޑެކަރޭޝަން (ސްރީލަންކާ)
ކޯސްތައް ފުރިހަމަ ކުރުމަށް ފަހު ރާއްޖެއަށް އައިސް އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި މަސައްކަތް ފެށީ، އޭނާ އަކީ އަބަދުވެސް އަމިއްލަ މަސައްކަތެއް ކުރަން ލޯބި ކުރާ މީހެއް ކަމަށް ވާތީއެވެ. ކޭކް އަޅަން ފެށުނު ހިސާބުން އެ މަސައްކަތް އެހެން މީހުންނަށް ދަސްކޮށް ދިނުމަށް ވެސް ޒުދޫ ވަނީ ކޭކް ކޯސްތައް ހިންގާފައެވެ. އެ ގޮތުން އެތައް ބަޔަކަށް އޭނާ ވަނީ ކޭކް އަޅަން ދަސްކޮށްދޭ ބޭސިކް ކޯހުން ފެށިގެން ވެޑިން ކޭކް ވެސް އަޅަން ދަސްކޮށް ދީފައެވެ. އެގޮތުން ގާތްގަނޑަކަށް 12 އަހަރުތެރޭ 5000 އެއްހާ މީހުން އޭނާ ތަމްރީން ކުރިއެވެ.
12 އަހަރު ތެރޭ ކޭކް އަޅާ ކޯސް ހިންގުމަށް ފަހު ޒުދޫ ދެން ބޭނުންވީ އޭނާ ކުރަމުން ދިޔަ މަސައްކަތް ފުޅާ ކޮށް އިތުރު ހަރުފަތަކަށް ޖެހިލާށެވެ. އެ ގޮތުން އާއިލާ މީހުންގެ އެހީތެރިކަމާ އެކު އޭނާ ވަނީ 2021 ވަނަ އަހަރު "ކަނަންދޫ އިވެންޓް އެންޑް ޑިޒައިންސް" ނަމުގައި ހަލްފާލަތައް ޑެކަރޭޓް ކޮށްދޭ ވިޔާފާރިއެއް ފަށާފައެވެ. ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ބުރަ މަސައްކަތުން ޒުދޫއަކީ ކައިވެނި ހަފްލާތައް ތައްޔާރުކޮށް ދިނުމުގައި ފާހަގަ ކޮށްލެވޭ ހުނަރުވެރިއެއް ކަން އޭނާގެ މަސައްކަތާއި އޭނާއަށް ލިބޭ ތަރުހީބުން ވެސް އެނގިގެން ދެއެވެ.
އިވެންޓް ޑެކަރޭޝަންގެ ތެރެއިން ވެޑިންގް ހަފްލާތަކުގެ ޑެކަރޭޝަނާއި ބެކް ޑްރޮޕް އާއި ސެންޓާ ޕީސް އާއި ބުކޭ އާއި ލައިޓިންގެ ކަންކަން ކުރުމުގައި ޒުދޫގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އޭނާ ހިއްސާ ކުރިއެވެ. އެގޮތުން ކްލަޔަންޓުން ބޭނުންވާ ތީމެއް ބެލުމަށްފަހު ބޭނުންވާ ކުލަތަކާއި ޑިޒައިނާ ބެހޭ ގޮތުން މަޝްވަރާކޮށް ކްލަޔަންޓުން ހިތްހަމަޖެހޭ ގޮތަށް ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަކަށް ގެނެސްދެވޭތޯ ޒުދޫ މަސައްކަތް ކުރެއެވެ.
މި ފަދަ އިވެންޓްތަކުގައި އާންމުކޮށް ވަރަށް އެއްގޮތް ޑިޒައިންތަކާ ޑެކަރޭޝަންތައް ބޭނުންކުރަމުން އަންނަ ތަން ފެންނަ ކަން ފާހަގަ ކުރަމުން ޒުދޫ ބުނީ، އޭނާ އިސްކަން ދެނީ އަބަދުވެސް ވަރަށް އުފެއްދުންތެރި ތަފާތު ގޮތަކަށް މުޅި އިވެންޓް ތައްޔާރު ކުރުމަށް ކަމަށެވެ.
މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ ބައެއް ފަހަރު މާލެއިން ބައެއް ތަކެތި ނުލިބުން ކަމަށް ޒުދޫ ބުނެއެވެ. ބައެއް ޕާޓީތަކުގެ ޑެކަރޭޝަނަށް ބޭނުންވާ ކުލަތަކުގެ މާތައް ނުލިބޭ ފަހަރުތަކުގައި ހަފްލާ އޮންނަ ވަގުތަށް ރާއްޖެއިން ބޭރުން އެ ތަކެތި ނުލިބޭ ފަދަ ހާލަތްތަކުގައި ޑިޒައިންނަށް ބޮޑެތި ބަދަލު ގެންނަން ޖެހުމަކީ އެންމެ ބޮޑު ގޮން ޖެހުން ގޮތުގައި އޭނާ ސިފަ ކުރެއެވެ.
މި މަސައްކަތުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ދެނީ ފިރިމީހާ ކަމަށް އުފަލާ އެކު އޭނާ ފާހަގަ ކުރެއެވެ. ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު ދުވަސްވަރާއި އެ ކުއްޖާ ތުއްތު ދުވަސްވަރު ވެސް ކޭކް އެޅުމާއި ކޯސްތައް ހިންގުމުގައި ޒުދޫއަށް އުޅެވުނީ ފިރިމީހާގެ އެހީތެރިކަމާއެކުގައި ކަން އޭނާ ފާހަގަ ކުރެއެވެ. މީގެ އިތުރުން ކަނަންދޫ އިވެންޓްގެ މަސައްކަތުގައި އާއިލާއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަން ފާހަގަކޮށް އެ އާއިލާއަށް އޭނާ ވަނީ ހާއްސަ ޝުކުރެއް ރައްދު ކޮށްފައެވެ.
މިހާރު ޒުދޫ އެންމެ ބޮޑަށް ފޯކަސް ކުރަމުން ދަނީ އިވެންޓް ޑެކަރޭޝަން މަސައްކަތަށް ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އަދިވެސް އޭނާ ކޭކް އެޅުމުން ދުރަކަށް ނުދެއެވެ. ވަގުތުވީ ވަރަކުން ކޯސްތައް އަދިވެސް ހިންގާނެ ކަމަށް ޒުދޫ ބުނެއެވެ.
މިހާރުވެސް ކޭކް އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު އޭނާގެ ކޭކްގެ ރަހައަށް ގިނަ ބަޔަކު ތައުރީފް ކުރެއެވެ. ކޭކްގެ ރަހަ ތަފާތު ކަމަށް ގިނަ ބަޔަކު ބުނާ އިރު، ޒުދޫ ބުނަނީ އެ ކޭކްތަކުގެ ޓޭސްޓް ހުންނަނީ ރާއްޖެއިން ބޭރުން އޭނާ ދަސްކުރި ކޭކްގެ ރަހަތައް ކަމަށެވެ. އެހެންކަމުން މާލޭގައި އާންމުކޮށް މީހުން އަޅާ ކޭކާއި އޭނާ އަޅާ ކޭކްގެ ރަހަ ވަރަށް ތަފާތުވާނެ ކަމަށް ޒުދޫ ބުނެއެވެ.
މީގެ އިތުރުން ޒުދޫ ވަނީ މީގެ ދެ މަސް ކުރިން "ބޭކްސް އެންޑް ޑެޒާޓްސް" ގެ ނަމުގައި ކެފޭއެއް ހުޅުވާފައެވެ. އެ ތަނަކީ ކޭކާއި ޑިޒާޓްސްއަށް ހާއްސަތަނެއް ކަމުން ތަފާތު ފޮނި ކާއެއްޗެއް ކާލަން ބޭނުންވާ ފަރާތްތަކަށް މީ ވަރަށް ސަޅި ތަނެކެވެ.
"ބޭކްސް އެންޑް ޑެޒާޓްސް" ހުޅުވީތާ ކުޑަ ދުވަސްކޮޅެއް ވީ ނަމަވެސް މި ތަނަކީ ގިނަ ބަޔަކު ދަންނަ ތަނެކެވެ. މިތަނަށް ދާ މީހުން ބުނާ ގޮތުގައި އެ ކެފޭއިން ލިބޭ އެއްޗިސް ތަކަކީ ވަރަށް ތަފާތު ރަހަތައް ހުންނަ ތަކެއްޗެވެ. ޒުދޫ ބުނި ގޮތުގައި، އެ ތަނުގެ އުފެއްދުންތަކުގެ ރަހަ އާއި ކޮލިޓީ އެއްވަރެއްގައި ހިފެއްހެއްޓުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރެއެވެ.
"ބޭކްސް އެންޑް ޑެޒާޓްސް" އާއި "ކަންނަދޫ އިވެންޓް އެންޑް ޑިޒައިންސް" ހިންގަމުން ދާ ޒުދޫ ބުނާ ގޮތުގައި ހުވަފެންތައް ހަގީގަތަކަށް ހެދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ބޮޑެތި ކަންކަން ވާނީ ވަރަށް ދުވަހުން ކަމަށާއި އެ ދުވަސްތަކުގެ ތެރޭގައި އެތައް ހުރަސްތަކަކާ ކުރިމަތީ ލާންޖެހޭނެ ކަމަށެވެ. ނަމަވެސް "ގިވްއަޕް" ނުކޮށް މަސައްކަތް ކުރަން ވަރުގަދަ އަޒުމެއްގައި ނިކުމެއްޖިއްޔާ ކޮންމެ ކަމެއް ވެސް ހާސިލް ކުރެވިދާނެ ކަމަށެވެ.
އަންހެން މަސައްކަތްތެރިންނަށް ޒުދޫއަކީ ނަމޫނާއެކެވެ. އޭނާ ކޭކް އަޅަން ފެށީ ގޭގެ ބަދިގެއިން ދަރިންނަށް ވެސް ވަގުތު ދެމުންނެވެ. ކޯސްތައް ހިންގާފައި ވަނީ އަމިއްލަ ގޭގައި ކަމުން ގޭގައި ތިބޭ އަންހެނުންނަށް ވެސް މިފަދަ މަސައްކަތްތައް ކުރެވިދާނެ ކަން ޒުދޫ މި ވަނީ ސާބިތުކޮށް ދީފައެވެ. އަދި އެ މަސައްކަތް ފުޅާ ކުރުމަށް ހަރުފަތަަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ގޮސް، ޒުދޫ ފެށި ދެ ވިޔަފާރިން ކާމިޔާބުގެ ކުލަތައް ފެންނަމުން ދާ ކަމަކީ ހިތްވަރާ އެކު މަސައްކަތް ކޮށްފި ނަމަ އެކަމެއް ހާސިމް ވާނެ ކަން ދޭހަ ކޮށްދޭ ކަމެކެވެ.