"އަސްލު ފައިސާ ދީގެން ތިކަން ހައްލު ވާނެ ކަމަކަށް އަހަރެން ނުދެކެން... ހިތުގައި ލީ ޒަހަމްތަކެއްގައި ބޭސް އަޅަން ޖެހޭނީ އެ ޒަހަމް ވީ ގޮތް އެނގި އެ ދުވަހު ހެދުނު މިސްޓޭކް ރަނގަޅު ކޮށްގެން... މި ބުނީ... މަންމަ އަށް ހަގީގަތް ނޭނގޭހާ ހިނދަކު ޒޫނާ ކޮންމެ ކަމެއް ކުރިއަސް މަންމައަކަށް ޒޫނާ ރަނގަޅެއް ނުވާނޭ..."

މުނާޒް ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން އިން ނޫރާ ބޯޖަހާލިއެވެ. މުނާޒް އެ ބުނީ ތެދު ވާހަކައެކެވެ. ފައިސާއަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫން ކަމަށް ނޫރާ ގަބޫލު ކުރިއެވެ. ނޫރާ ހިމޭނުން އިނީ އޭނާއަށް ބުނާނެ އެއްޗެއް ނުވިސްނުނީމައެވެ.

"އެ ދުވަހަށް ފަހު ނޫރާ ތިހުރި ހިސާބު ބަލާބަލަ. ވަޒީފާއަށް ގޮސް، ދިރިއުޅުމެއް ފަށައި، ދަރިއަކު ލިބި، އަމިއްލަ ވިޔަފާރިއެއް ފަށައިގެން ވަރަށް ކާމިޔާބު ދިރިއުޅުމެއް ތިއުޅެނީ.... އެކަމަކު ބަލަ ޒޫނާއަށް... އަދިވެސް ހުރިތާ އޭނާ އެ ހުރީ... މަންމަގެ ރުހުން ނުލިބި އޭނާ ކުރިއަށް ދާނީ ކިހިނެއް... އެކަން ހައްލު ކުރެވޭނީ ނޫރާއަށް... އެކަން ހައްލު ކުރަންޏާ ޖެހޭނީ ހުރިހާ ވާހަކައެއް ތެދުތެދަށް މަންމަ އަށް ކިޔައިދޭން... މިކަމުން ފައިދާ ކުރާނީ ޒޫނާއަކަށް އެކަންޏެއް ނޫން... ނޫރާގެ ހިތަށް ވެސް ފަސޭހަ ވާނީ އޭރުން.."

ވިސްނަމުން ދިޔަ ނޫރާގެ މޫނުމަތިން ވަރުބަލި ކަމާއި ލޮޑުކަން މުނާޒަށް ފެނުނެވެ. ނޫރާގެ ދެލޯ ކައިރި ދުޅަވެފައި ހުރުމުން މިރޭ އޭނާ ރޮއެރޮއެ އެއިނީ ވަރުބަލިވެފައި ކަން އެނގުނެވެ. މި ވަގުތު މާ ބޮޑަށް ނޫރާ ވިސްނާ ބޯ ގޮއްވަން ވެއްޖިއްޔާ ދެން ބޮލުގައި ރިއްސާތީ އުޅެން ޖެހިދާނޭ ހިތަށް އެރުމުން އެ މައުލޫއަށް އިތުރަށް ވާހަކަ ދައްކާކަށް މުނާޒް ބޭނުމެއް ނުވިއެވެ.

"ދެން ނޫރާއަށް އިނގޭނީ ހަދާނެ ގޮތެއް... ދެން ވިސްނާލާފަ ގޮތެއް ނިންމާ... ކޮންމެ ގޮތެއް ވިޔަސް އަހަރެން މި ހުރީ ނޫރާ އާ އެކީ... ނޫރާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..."

އަނބިމީހާގެ ނިތްކުރިއަށް ބޮސްދެމުން މުނާޒް ސޯފާއިން ތެދުވެ ނޫރާގެ އަތުގައި ހިފައި ދަމާލީ އޭނާގެ އެތަނުން ނަގާށެވެ. ބަލަމުން ދިޔަ ފިލްމްގެ ބާކީ ބައި ބަލާނެ ހާ ހިތްވަރެއް އެ ދެމީހުންގެ ގަޔަކު ނެތް ކަމަށް ބުނެ އެ ފިލްމްގެ ދެން ބަލާނީ އެހެން ދުވަހަކުން ކަމަށް މުނާޒް ބުނުމުން އެކަމަށް ނޫރާ ވެސް އެއްބަސްވިއެވެ.

ނިދަންވެގެން ގޮސް އެނދުގައި އޮށޯވެ މާ ގިނަ އިރެއް ނުވަނީސް މުނާޒް ގުރުގުރި ދަމަން ފަށައިފިއެވެ. ނަމަވެސް އޭރު ވެސް ނޫރާގެ ލޮލަކު ނިދީގެ ކަންފުޅެއް ވެސް ނެތެވެ. މުނާޒް ދެއްކި ވާހަކަތަކާ މެދު ވިސްނަމުން ދޔަ ނޫރާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

ސިއްރު ހިފަހައްޓައިގެން ހުރުމުން އެ ކަމުގެ ތެރޭގައި ޒޫނާ ހަލާކުވެގެން ދިޔަ ކަން އެނގި ހުރެ ވެސް އެ ސިއްރު ހާމަ ނުކުރެވުނީ ކީއްވެތޯ އަމިއްލަ ނަފްސާ އޭނަ ސުވާލު ކޮށްލިއެވެ. އެ ވާހަކަ މަންމައަށް ކިޔައި ނުދިނީ އަމިއްލި ނަފްސަށް ގެއްލުމެއް ލިބިދާނެތީ ހެއްޔެވެ. ނޫނީ އަމިއްލަ އެދުން ބޮޑު ކަމުން ހެއްޔެވެ. ޒޫނާ ވީ ފަދަ ގުރުބާނީއަށް ވާން ނޫރާއަށް ނުކެރި މިހާ ދުވަސް ވޭތުވެގެން ދިޔައިމަ ޒޫނާ އާ އަޅާ ބަލާނަމަ އަމިއްލަ މީހާގެ ގޯސް ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ.

ދިރިއުޅުމުގައި އޭނާއަށް ކުރެވުނު ކުށެއް ފޮރުވަން ހެދި ދޮގަކާއެކު އެ ވާހަކަ ސިއްރުކޮށް އަމިއްލަ ދިރިއުޅުން އާރާސްތު ކުރަމުން އައިސް މިއަދު އޭނާ އެ ހުރީ އޭނާގެ މަންމަ ފަހުރުވެރިވާ ފަދަ ދަރިއަކަށް ވެފައެވެ. ނަމަވެސް ޒޫނާގެ ހަޔާތަށް އެ ދުވަހު އެޅުނު ހިޔަންޏާ އެކު އޭނާގެ ހަޔާތުން އަދިވެސް އެ އަނދިރިކަން ފިލައިގެން ނުގޮސް އެ ހުރީ ފުން ވަޅުގަނޑެއްގެ ތެރޭގައެވެ.

ޒޫނާއަށް އެހީވާން ނޫރާ ބޭނުންވިއެވެ. އެ އަނދަވަޅުން ދައްތަ ސަލާމަތްކުރަން ބޭނުންވިއެވެ. އަބަދު އެ ސިއްރު ހިފަހައްޓައިގެން ހުރުމަކީ ގޯހެއް ކަމަށް ނިންމައި މާދަމާ އިރު އެރުމާ އެކު މަންމަ ކައިރިއަށް ގޮސް ހުރިހާ ވާހަކައެއް މަންމައާ ހިއްސާ ކުރަން އޭނާ ނިންމިއެވެ. އެނޫން ގޮތަކުން ޒޫނާގެ ހަޔާތަށް އަލިކަމެއް ގެނެސްދެވޭކަށް ނެތެވެ.

އެކި ހިޔާލުތައް ސިކުނޑީގައި ފުނި ޖެހެމުން ދިއުމުން، އެރޭ ހަތަރު ދަމު ނުރާއަށް ލޮލު ފިޔަ ޖަހާލެވޭ ގޮތެއް ނުވިއެވެ. އެއް އަތުން އަނެއް އަތަށް ފުރޮޅިލަ ފުރިޅިލަ އޮތީ މަންމަ ގާތު އެ ވާހަކަ ކިޔައިދޭނެ ގޮތަކާ މެދު ވިސްނާށެވެ. އެހެން އޮއްވާ ބަންގީގެ އަޑު ނޫރާގެ ކަންފަތުގައި ޖެހުމުން އޭނާ މުނާޒަށް ގޮވާލިއެވެ. ދެތިން ބުރަކަށް ގޮވުމުން ވެސް މުނާޒް ނުދެތުވެ ނިދަން އޮތުމުން ނޫރާ ތެދުވެ ފާހާނާއަށް ވަދެ ވުޟޫކޮށްގެން ފަތިސް ނަމާދަށް އެރިއެވެ.

*** *** *** *** *** ***

ސަލާމް ދިނިމުމަށް ފަހު މުސައްލަ މަތިން ޒުލޭހާ ތެދުވެ އޭނާގެ ބޮލުގައި އަޅާފައިވާ ދޮޅި ބޭލިއެވެ. އަދި މުސައްލަ އޮޅާލުމަށް ފަހު އެ ކޮޓަރިތެރޭ ހުރި މޭޒުމަތީ ބާއްވާފައި، ފޯނު ހިފައިގެން އޭނާ ކޮޓަރިން ބޭރަށް ނިކުތީ، ހެނދުނުގެ ޒިކުރުތައް ކިޔަން އިންނާށެވެ. ސޯފާގައި ޒުލޭ އިންދާ އޭނާގެ ފޯން ރިންގް ވުމުން ފޯނަށް ބަލާލިއެވެ. އެ ގުޅަނީ ނޫރާ ކަމުން މިހާ ހެނދުނާ ނޫރާގެ ކޯލެއް އައުމުން ހައިރާންވެ އިނދެ ފޯން ނަގާ ކަންފަތުގައި ޖަހާލިއެވެ.

"ދަރިފުޅާ... ހާދަ ހެނދުނަކާ.... ކޮބާ މައި؟..."

"މައި ނިދާފަ އޮތީ... އަހަރެން ހެނދުނު ހިނގާލަން ނިކުމެ މިއުޅެނީ.. ހިނގަމުން ގެއާ ހިސާބަށް އާދެވުނީމަ މަންމަ ހޭލަ އުޅޭތޯ ބަލާލީ... އެބަ އަރަން މައްޗަށް.." ނޫރާ ފޯން ކަނޑާލުމުން ޒޫލޭހާ ސޯފާއިން ތެދުވިއެވެ. އެޕާޓްމަންޓަށް ވަންނަ ދޮރުގެ ތަންޑު ނައްތާލުމަށްފަހު، މިހާ ހެނދުނާ ނޫރާ އެގެއަށް އައުމުން އެއްޗެއް ތައްޔާރު ކޮށްލަން އަވަސްވެގަތެވެ.

ދެމައިންނަށް ކިރު ކޮފީ ތައްޔާރު ކުރަން ޒޫލޭހާ އަވަދިނެތި އުޅެނިކޮށް އެގެއަށް ނޫރާ އައިސް ވަދެއްޖެއެވެ. ތަށީގައި ސަމްސާ ތެޅޭ އަޑު އިވުމުން މަންމަ އެ ހުރީ ބަދިގޭގައި ކަން ނޫރާއަށް އެނގުނެވެ. "ކޯއްޗެއް ތި ހަދަނީ... މިއޮއް ހެނދުނާ..."

ބަދިގެއާ ދިމާއަށް ދަމުން ނޫރާ ވާހަކަ ދެއްކީ ގޭތެރެއަށް ނަޒަރު ހިންގާލަމުންނެވެ. މި ވަގުތު ޒޫނާ އޮންނާނީ ނިދާފައި ކަން އޭނާއަށް ޔަގީނެވެ. މަންމައާ ވާހަކަ ދައްކަން މިއަށް ވުރެ ރަނގަޅު ވަގުތެއް ނުލިބޭނެ ކަން ނޫރާއަށް އެނގުނެވެ. ބަދިގެއާ ހަމައަށް ނޫރާ އައިސް ހަމަވި އިރު، ދެ ކޮފީތަށި ހިފައިގެން ޒުލޭހާ ބަދިތެރެއިން ނިކުންނަނީއެވެ. އޭގެއިން ތައްޓެއް ނޫރާ އަތަށް ދިއްކޮށްލަމުން ބެލްކަންޏަށް ހިނގާށެ ކިޔާފައި ޒުލޭހާ ކުރިއަށް ހިނގައިގަތެވެ.

ބެލްކަނީގައި ޕޮޓް ޕޮޓުގައި ހައްދާފައި ހުރި މާގަސްތަކުގައި އަޅާފައިވާ މާތައް ފޮޅިފައިވާ އިރު، ހެނދުނުގެ އެވަގުތު މުޅި ބެލްކަނީގައި ވަނީ މާމެލާމެލީގެ މީރު ހުވަނދު ވަހެވެ. ބެލްކަންޏަށް ނިކުތުމާ އެކު ނޫރާ ފުންނޭވާއެއް އެތެރެ ކޮށްލިއެވެ. އޭނާ ގެއަށް ނާންނަތާ ދުވަސްތަކެއް ވުމުން އެ ހިތްގައިމު ބެލްކަނި މަތިން އޭނާ ވަރަށް މިސްވިއެވެ. އެއްފަރާތެއްގައި ހުރި ދެ ގޮނޑިން ގޮނޑިއެއްގައި ޒުލޭހާ އިށީނުމުން ދެން ހުރި ގޮނޑީގައި ނޫރާ އައިސް އިށީނދެ ހިފަހައްޓައިގެން ހުރި ހޫނު ކޮފީތަށި އެތާ ހުރި ކުޑަ ވަށް މޭޒު މަތީ ބެހެއްޓިއެވެ.

ކޮފީތަށިން އެތިފޮދެއް ބޯލަމުން ނޫރާގެ މޫނަށް ޒުލޭހާ ފުން ނަޒަރަކުން ބަލާލިއެވެ. އެ މޫނު މަތިން ޒުލޭހާއަށް ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. ދެލޯ ކައިރި ވަޅު ވަދެ، ކަޅުވެފައި ހުރި ގޮތުން ނޫރާ ވިސްނާ ކަންބޮޑުވާ ކަމެއް ދިމާވެއްޖެ ކަމަށް ޒުލޭހާއަށް ހީވިއެވެ.

"ކޮބާ މުނާޒް؟ ދަރިފުޅު އެކަނިތަ ހިނގަން ނިކުމެ ތިއުޅެނީ... އަނެއްކާ މުނާޒާ ދެކުދިން ކޯޅުނީތަ؟.." ނޫރާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ފެނި ނޫރާ ހިތާމަ ކުރަންޖެހޭ ވަރުގެ ކަމެއް ޖެހުނީތޯ ބަލަން ޒުލޭހާ ސުވާލު ކޮށްލިއެވެ.

ޒުލޭހާ އާ ހަތަރުކަޅި ހަމަކޮށްލި އިރު ނޫރާގެ ދެލޯ ބޮޑުވެގެން ދިޔައީ މަންމަ އެފަދަ ސުވާލެއް ކުރުމުންނެވެ. މަންމަ ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ދެއަތަށް ބޯ ހޫރާލިއެވެ. "މައި އެކަނި ބާއްވާފަ ކިހިނެއް ދެމީހުން އަންނާނީ... މުނާޒްވެސް އެބަ އޮތް ނިދާފަ... އަސްލު މި އައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންށޭ..."

މަންމަ ބުނާނޭ އެއްޗަކަށް ބެލުމެއް ނެތި ނޫރާ އޭނާގެ ފޯނުގެ ސްކްރީން އޮންކޮށްލުމަށް ފަހު އޭގެން އެއްޗެއް ހޯދަން ފެށިއެވެ. ނޫރާގެ ހަރަކާތްތައް ހުރި ގޮތުން އެހާ ހެނދުނާ ނޫރާ އެއައީ ކީއްވެކަން ޒުލޭހާއަށް ނަގައިގަންނަށް އެނގުނެވެ.

- ނުނިމޭ -