1974 އަހަރު މުމްބާއީ އަށް އުފަންވި ދިވްޔާ ބާރްތީ، އެންމެ ތުއްތު އިރުން ފެށިގެންވެސް އަވަށުގެ މީހުން އޭނާ ސިފަކުރީ "ޑޯލް" އެއްގެ ސިފައިގައެވެ. ދިވްޔާ އަށް ލިބިފައިވާ ރީތި ކަމާއި އޭނާގެ ރިވެތި އުޅުމުގެ ސަބަބުން އެންމެން ވެސް އޭނާ ދެކެ އިންތިހާ އަށް ލޯބިވިއެވެ. އިންޑިއާގެ ޖުހޫގައި ހުންނަ މަނެކްޖީ ކޫޕާ ހައި ސްކޫލުން އެކްޓިން ދާއިރާ އިން ތައުލީމް ހާސިލްކުރި ދިވްޔާ ފިލްމު އިންޑަސްޓްރީ އަށް ވަނީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައެވެ. އޭރު އޭނާ ކިޔަވަމުން އައީ 10 ވަނަ ގުރޭޑުގައެވެ.
ތެލުގޫ ފިލްމު "ބޮބިއްލީ ރާޖާ" އިން ފިލްމީ ދާއިރާ އަށް ނުކުތް ދިވްޔާ އަށް ފުލުފުލުގައި ސައުތު ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުންވެސް ފުރުސަތު ލިބެން ފެށިއެވެ. 1992 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ދިވްޔާ ބާރްތީ އަކީ އޭރު ބޮލީވުޑްގައި އެންމެ ބާރަށް ފިޔަޖަހަމުން އައި ބަތަލާއެވެ. އޭނާގެ އެކްޓިންގެ ހުނަރު މޮޅު ވާހަކައަކީ އޭރުގެ ހުރިހާ ޑައިރެކްޓަރުންވެސް ދައްކަމުން އައި ވާހަކަތަކެކެވެ. މީހުން އޭނާ ސިފަކުރަނީ އެތައް މިލިއަން މީހުންގެ ހިތް ފަތަހަ ކުރި ބަތަލާއެއްގެ ގޮތުގައެވެ. ފިލްމީ ދާއިރާގައި ތިން އަހަރު ހޭދަކުރި ދިވްޔާ ވަނީ ދުނިޔޭގެ އެންމެންގެ ލޮލުގައި ޖާދޫ ޖައްސާލާފައެވެ.
ދިވްޔާގެ މަރަށް މިމަހު ބަރާބަރު 30 އަހަރު ވެގެން ދިޔައިރު ވެސް އޭނާގެ އާދަޔާ ހިލާފު މަރަކީ މިއަދުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. އޭނާގެ ރީތިކަމާއި އޭނާ ބޮލީވުޑްގައި ފިޔަޖަހަމުން އައި ވާހަކަ އަކީ މިއަދުވެސް ހުރިހާ އެކްޓަރުންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. 1993 ވަނަ އަހަރު ދިވްޔާގެ މަރާއެކު މުޅި ބޮލީވުޑަށް ވެސް ސިހުން ގެނުވިއެވެ. އެ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މުމްބާއީގެ ވަސޯވާ ސަރަހައްދުގައި ހުންނަ އޭނާގެ އެޕާޓްމަންޓްގެ ފަސް ވަނަ ފަންގިފިލާ އިން ވެއްޓި އޭނާ މަރުވިއިރު މީޑިއާތަކުގައި އެ މަރުގެ ވާހަކަ އެތައް ގޮތަކަށް ދެކެވުނެވެ. ބަޔަކު މީހުން އޭނާ ގަސްތުގައި ކޮއްޕާލާ ވައްޓާލާއި މަރާލީ ކަމަށް ތުހުމަތު ކުރިއެވެ. އޭރުގެ އޭނާގެ ފިރިމީހާ ޕްރޮޑިއުސަރު ސާޖިދު ނަޑިއަދުވާލާގެ އަތެއް އެ މަރުގެ ފަހަތުގައި ވާކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ.
ދިވްޔާ މަރުވި ރޭ ކަންތައްވީ ގޮތް
އޭރު ދިވްޔާ މަސައްކަތް ކުރަމުން އައި ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ޗެންނާއީ އިން އެނބުރި މުމްބާއީ އަށް ދިޔައެވެ. އެރޭ ޝެޑިއުލް ކޮށްފައި އޮތީ ފެޝަން ޑިޒައިނަރު ނީތާ ލައްލާ އާއެކު މީޓިން އަކަށް އެރުމަށެވެ. ނީތާ އައީ އޭނާގެ ފިރިމީހާ ޝިއަމްވެސް ބައިވެރިވި މީޓިން އޮތީ ދިވްޔާ ދިރިއުޅޭ ގޭގައެވެ. މީޓިން ނިންމުމަށް ފަހު އެމީހުން ރާ ބޯން ފެށުމުން، އެ ގޭގައި ގެންގުޅޭ ކައްކާ، އަމްރިތާ އަވަސްވެގަތީ މެހެމާނުންނަށް ކާނެ އެއްޗެއް ތައްޔާރު ކުރުމަށެވެ. ސަކަރާތާއި މަޖަލުގައި އެންމެން ޓީވީ ބަލަން ތިބުމަށް ފަހު ދިވްޔާ ސޯފާ އިން ތެދުވެ ބެލްކަންޏަށް ދިޔައެވެ. އަދި ބެލްކަނީގެ ރެއިލިންގްސް މަތީގައި އޭނާ އިށީނދެގެން އިނެވެ. އެހެން އިށީނދެގެން އިންދާ މީހަކު ގޮވާލި އަޑަށް ފަހަތަށް އެނބުރެން އުޅެނިކޮށް އޭނާގެ ބެލެންސް ކަޓައިގެން ފަސް ވަނަ ފްލޯ އިން ވެއްޓުނެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕެރެމެޑިކްސް އަށް ދިވްޔާގެ ގެއަށް ދެވުނު އިރުވެސް އޭނާ ނޭވާލައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ މަރުވީ ސިކުނޑިއަށް ލޭއެޅި ހަށިގަނޑަށް އެކި ވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުންން ކަށް އޭރު ރިޕޯޓް ކުރިއެވެ.
ދިވްޔާގެ މަރާ ގުޅޭގޮތުން އޭނާގެ ބައްޕަ އޯމް ޕްރަކާޝް ބާރްތީ ބުނީ ހަގީގަތުގައި އަމިއްލަ އަށް މަރުވީކަމެއް ނޫނީ މީހަކު އޭނާ މަރާލީ ކަމުގެ ސުވާލު ނުއުފެދޭ ކަމަށެވެ.
"އޭނާ ރާ ބުރަސް. 30 މިނެޓު ތެރޭގައި މީހަކު ބުއްދިފިލާ ވަރަށް ރާ ނުބޮވޭނެ ކަމަށް އަހަރެން ބަލަނީ. އޭނަ ހުރީ ވެސް ޑިޕްރެޝަނެއްގައެއް ނޫން އަމިއްލަ އަށް މަރުވާކަށް. އަމިއްލަ އަށް މަރުވަނީ ކީއްކުރަން؟ އެއީ އޭނާއަށް ފިލްމުތަކުން އެންމެ ފުރުސަތު ލިބުނު ދުވަސްވަރު،"
ދިވްޔާގެ ބައްޕަ ބުނީ އޭނާގެ މަރަކީ އެކްސިޑެންޓެއްކަން ގަބޫލުކުރެވޭ ކަމަށެވެ. ދިވްޔާ ގޭގެ ބެލްކަނި ފިޔަވާ އެ ފްލެޓުގެ އެހެން ހުރިހާ ބެލްކަންޏެއްގައި ތޭރި ޖަހާފައި ހުރިކަަމަށް ބައްޕަ ބުންޏެވެ. އޯމް ބުނީ ދިވްޔާ ދިރިއުޅެމުން އައި ފްލެޓް ތިރީގައި އަބަދުވެސް ކާރު ޕާކްކޮށްފައި އޮންނަ ކަމަށާއި ނަމަވެސް ނަސީބުދެރަ ކަމުން އެރޭ އެ ފުލެޓް ތިރީގައި އެއްވެސް ކާރެއް ޕާކް ކޮށްފައި ނެތް ކަމަށެވެ. ކާރެއްގެ މައްޗަށް އޭނާ ވެއްޓުނު ނަމަ ދިވްޔާ މިއަދު ދިރިހުންނާނެ ކަމުގެ އުންމީދު ކުޑަކޮށްވެސް އޮތް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
ދިވްޔާ އާއި ސާޖިދުގެ ކައިވެނި ކުރީ ސިއްރުން
ދިވްޔާ އާއި ސާޖިދުގެ ފުރަތަމަ ދިމާވުމުންވެސް ދެމީހުންނަށް އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވެވުނެވެ. ދިވްޔާގެ އުމުރުން 16 އަހަރުގައި ދެމީހުން ދިމާވިއިރު ދެމީހުންވެސް ގަސްތުކޮށްގެން ތިބީ ދިވްޔާ އަށް 18 އަހަރުވާތަނުން ކައިވެނި ކުރާށެވެ. ދިވްޔާގެ ބައްޕަ އަށްވެސް ސިއްރުން 1992 ވަނަ އަހަރު ދެމީހުން ކައިވެނި ކުރިއިރު ދިވްޔާ މަރުވީ ކައިވެންޏަށް އެންމެ 11 މަސްވީ ތަނާއެވެ. ރަސްމީގޮތުން މިއަދާ ހަމައަށްވެސް އެ ކައިވެންޏާ ގުޅޭގޮތުން މީޑިއާތަކުގައި ސާޖިދު ވާހަކަ ދައްކާފައި ނުވާއިރު ސާޖިދު އާއި ދިވްޔާގެ ކައިވެންޏަށް ހަތަރު މަސް ވީތަނާ ދިވްޔާ ބައްޕަ ގާތު ކައިވެނިކޮށްގެން އުޅޭ ވާހަކަ ބުނިކަމަށް ވެއެވެ. އަދި ބައްޕަގެ ރުހުންވެސް ސާޖިދު ހޯދި ކަމަށް ނޫސްތަކުން ބުނެފައި ވެއެވެ.
އޭރު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު ބަތަލާ ދިވްޔާ ބާރްތީ އަކީ ސާޖިދުގެ އަލަތު ލޯބިވެސްމެއެވެ. ކައިވެނީގެ ކުރީކޮޅުގައި އުމުރުދުވަހަށް ބައިވެރިޔާ ވަކިވުމަކީ ސާޖިދުއަށް ބަރުތާސްކުރަން ދަތިވި ކަމެކެވެ. އަށް އަހަރުވީއިރު ވެސް މީހަކާ ކައިވެނި ނުކޮށް ހުރި ސާޖިދުގެ މިހާރުގެ ބައިވެރިޔަކީ އޭރު ދިވްޔާގެ ވާހަކަ ހޯދުމަށް އިންޓަވިއު ކުރަން ދިޔަ ނޫސްވެރިޔާ ވަރްދާ ނަދިއަދްވާލާ އެވެ. 2000 ވަނަ އަހަރު މި ދެމީހުން ކައިވެނި ކުރިއިރި ވަރްދާ ބުނީ މިއަދުވެސް ސާޖިދު ދިވްޔާ ދެކެ އިންތިހާ އަށް ލޯބިވާ ކަމަށެވެ.
މީޑިއާތަކާ ވާހަކަ ދައްކަމުން ވަރްދާ ބުނީ ދިވްޔާ މަރުވީއްސުރެ ސާޖިދުގެ ހިތްފަތަހަކުރަން އޭނާ މަސައްކަތްކުރި ކަމަށާއި އެކަން ކާމިޔާބުވީ އޭގެ އަށް އަހަރުފަހުން ކަމަށެވެ. ވަރްދާ އާއި ސާޖިދުގެ ކައިވެންޏަށް 22 އަހަރުވީއިރު ދެމަފިރިންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. ވަރުދާ ބުނީ މިހާރުވެސް އޭނާގެ އާއިލާ، ދިވްޔާ މަތިން ހަނދާން ކުރާ ކަމަށާއި އޭނާގެ ދަރިންވެސް ދިވްޔާ އާއި މުހާތަބު ކުރަނީ ބޮޑު މަންމަ ކިޔާފައި ކަމަށެވެ. ސާޖިދުވެސް ދިވްޔާ މަތިން ހަނދާން ކުރާ އިރު ދިވްޔާ، އޭރު ގެންގުޅުނު ސެންޓް ފުޅިތަކާއި ކްރީމް ފުޅިތަކާއި އަންނައުނުތައް މިއަދުވެސް ރައްކާކޮށް ގެންގުޅޭ ކަމަށް ވަރުދާ ބުންޏެވެ.
ދިވްޔާ މަރުވިއިރު އޭނާ ވަނީ 11 ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެ ތެރެއިން "ދޯ ގަދަމް" ގެ ޑައިރެކްޓަރު ނިންމީ، ދިވްޔާގެ މަރާއެކު އެ ފިލްމު އެއްވެސް އިތުރު ބަތަލާއަކު ލައްވާ ނުކުޅުވުމަށެވެ. ފިލްމީ ކެރިއަރުގެ ތިން އަހަރު ދުވަސްތެރޭ ދިވްޔާ ވަނީ 24 ފިލްމު ކުޅެފައެވެ. ފިލްމު "ޝޯލާ އައުރް ޝަބްނަމް"، "ޖާންސޭ ޕިޔާރާ"، އަދި "ރަންގް" ފަދަ ފިލްމުތަކަކީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ހިޓު ފިލްމުތަކެވެ.
ދިވްޔާގެ މަރު ފުލުހުން ތަހުގީގު ކުރުމަށް ފަހު އޭނާގެ ހަށިގަނޑު އާއިލާ އާ ހަވާލުކުރީ ދިވްޔާ މަރުވިތާ ދެދުވަސް ފަހުން ހަތެއް އޭޕްރިލްގައެވެ. ހަމައެދުވަހު ދިވްޔާގެ ޖަނާޒާ ވަނީ ބާއްވާފައެވެ. ފުލުހުންގެ ރިޕޯޓް ނިންމާލީ ދިވްޔާ މަރުވީ ބެލްކަނިން ވެއްޓުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުންކަމަށް ބުނެއެވެ. ނަމަވެސް ބެލްކަނިން ވެއްޓެން މެދުވެރިވީ ސަބަބެއް އަދި އަދަށްވެސް ހޯދިފައެއް ނުވެއެވެ. ބައެއް މީހުން ބުނަނީ އޭނާ އަމިއްލަ އަށް މަރުނުވާނެ ކަމަށެވެ. އޭނާގެ ފްލެޓް ފިޔަވާ އެހެން ހުރިހާ ފްލެޓެއްގެ ބެލްކަނީގައި ތޭރި ޖަހާފައި، ދިވްޔާގެ ބެލްކަނީގައި ތޭރި ނުޖަހާ ހުރުމަކީ ޝައްކުކުރެވޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ބައެއް މީހުން ބުނާގޮތުގައި ސާޖިދު ގަސްތުގައި ދިވްޔާ ކޮއްޕާލާ މަރާލީއެވެ. ދިވްޔާ ބާރްތީގެ މަރަކީ އަދިއަދަށް ވެސް ހަގީގަތް ހޯދިފައިވާ ނުވާ ބިރުވެރި މަރެކެވެ. މިއީ ވެސް ބޮލީވުޑްގެ އަޑިނޭނގޭ މަރުތަކުން ފާހަގަކޮށްލެވޭ އެއް މަރެވެ.