ކޭކު އެޅުމަކީ ޝައުގުވެރިކަމާއެކު އެތައް ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ގޭގައި އިނދެގެން އަމިއްލަ މަސައްކަތެއް ފަށައިގެން ކުރިއަށް ދިޔުމުގެ ހުވަފެން ދެކޭ މަންމައިންނަށް މިއީ ނަމޫނާއެވެ. ދައްކަން މިއުޅެނީ އުމުރުން 27 އަހަރުގެ އާމިނަތު ޝަމީމް އިބްރާހިމް އާންމު ނަމުން ނަމަ އައިމިންގެ ވާހަކައެވެ. އޭނާއަކީ އެކަމުގައި ނަމޫނާ، ކާމިޔާބު ވިޔަފާރިއެއް ހިންގަމުން އަންނަ އަންހެނެކެވެ.
އައިމިން ކޭކު އަޅަން ފުރަތަމަ ފެށީ ހޮބީއެއްގެ ގޮތުގައެވެ. އޭނާ މިކަމަށް އިތުރަށް ޝައުގުވެރިވީ އޭނާގެ އާއިލާގެ މެންބަރު ކޭކު އަޅާތަން ފެނި، އޭނާ ހިންގާ ކޯހެއްގައި ބައިވެރިވެގެންނެވެ. އެއީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. އޭރު އައިމިން ކޭކު އަޅައިދެމުން ދިޔައީ އާއިލާ މެންބަރުން ނުވަތަ ރަހުމަތްތެރިންނަށެވެ. އޭނާ މި މަސައްކަތް ރަސްމީކޮށް ފެށީ 2020 ވަނަ އަހަރުގެ މެދުތެރެއިންނެވެ.
ކޭކު އަޅަން އިތުރު އޯޑަރުތައް ލިބި މިހާރު އައިމިން އަކީ ކޭކު އެޅުމުގައި ރާއްޖޭގައި ނަން މަޝްހޫރު އެކަކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ރަސްމީކޮށް މިމަސައްކަތް ފަށައިގެން އައިއިރު ވެސް ކްލައިންޓުންގެ ފަރާތުން ކޭކުތަކަކަށް ވަރަށް ޕޮޒިޓިވް ކޮމެންޓު ލިބުނު ކަމަށް އައިމިން ފާހަގަކުރިއެވެ. އޭނާ އަންނަނީ ކާމިޔާބު ކަމާއެކު "ފްރޮލިކްސް" ނަމުގައި އިންސްޓަގުރާމުގައި ޕޭޖް ހިންގަމުންނެވެ.
މަހެއްގެ މައްޗަށް އާންމުކޮށް 20-25 ކޭކު އަޅާ
އައިމިން ބުނިގޮތުގައި ކޭކު އަޅަން އާންމުކޮށް ލިބެނީ އުފަން ދުވަހު އަދި ވެޑިންތަކަށެވެ. އެކަން އޭނާގެ އިންސްޓަގުރާމު ޕޭޖު ބަލާލީމަވެސް އެނގެއެވެ. ތަފާތު އެކި ތީމް ތަކަށް އޭނާ ކޭކު އަޅާފައިވާއިރު މި ހުރިހާ ކޭކެއްވެސް އެހާ ފުރިހަމައެވެ. ގިނަ ބަޔަކު އޭނާގެ ކޭކުތައް ވަރަށް ރިއަލިސްޓިކް ކަމަށް ވެސް ފާހަގަކުރެއެވެ.
މަހެއްގެ މަހެއްގެ މައްޗަށް އާންމުކޮށް 20-25 ކޭކު އަޅާއިރު އާދައިގެ ކޭކެއް އެޅުމަށް 4 ގަޑިއިރު ނަގާ ކަމަށް އައިމިން ބުންޏެވެ. އައިމިން ބުނިގޮތުގައި އޭނާއަށް އެންމެ އުނދަގުލީ "ލާސްޓު މިނެޓް"ގައި ދޭ އޯޑާތަކަށް ކޭކު އެޅުމެވެ.
އައިމިން އެންމެ އަޅާ ހިތްވަނީ ފިގާސް ކޭކެވެ. އޭނާ ވަނީ މިދިޔަ އަހަރު އޭގެ ކޯހެއް ވެސް ހަދާފައެވެ. އައިމިން ބުނިގޮތުގައި އަމިއްލަ ހިޔާލުތައް ބޭނުންކޮށްގެން އަޅާ ކޭކުތަކީ އޭނާ ވަރަށް ހިތްހަމަޖެހިގެން އަޅާ ކޭކުތަކެވެ.
ރީތި އެތައް ކޭކެއް އައިމިން އަޅާފައިވާއިރު އައިމިން މިހާތަނަށް އެޅުނު އެންމެ ރީތި ކޭކަކީ ދާދި ފަހުން އޭނާ އެޅި އެނިމަލްސް ތީމް ކޭކެވެ. އެކޭކު އަޅާފައިވަނީ 3 ވަރަކަށް ދުވަހު ތެރޭގައެވެ. އެކޭކާ މެދު ކްލައިންޓުން ވަރަށް ހިތްހަމަޖެހުނު ކަމަށް އައިމިން ފާހަގަކުރިއެވެ.
އައިމިން ބުނީ މި މަސައްކަތަކީ ގޭގައި ހުރެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. އޭނާ މިމަސައްކަތް ކުރަނީ އިތުރު ވަޒީފާއަކަށް ނުގޮހެވެ. އައިމިން ބުނީ، ގޭގައި ދަރިފުޅު ބަލަމުން ހިތްހަމަ ޖެހިލައިގެން މި މަސައްކަތް ކުރަން ލިބޭ ކަމަށެވެ.
ކޮންމެ މަސައްކަތެއްގައި ގޮންޖެހުންތައް ހުންނައިރު ކޭކު އެޅުމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ހިއްސާކުރަމުން އައިމިން ބުނީ ކޭކު އަޅަން ބޭނުންވާ ތަކެތި އަގުބޮޑުވުމާއި ކޭކު އެޅުމަށް ބޭނުންވާ ތަކެތި މާލެއިން ނުލިބުމަކީ އެންމެ ބޮޑު ގޮންޖެހުންތައް ކަމަށެވެ.
ކޭކު އެޅުމުގެ މި ދާއިރާއިން ޝަފާއަށް އެންމެ އެހީތެރިކަން ލިބެނީ އޭނާގެ ފިރިމީހާގެ ފަރާތުން އަދި އާއިލާ މެންބަރުންގެ ފަރާތުން ކަމަށް އައިމިން ބުނެއެވެ. އައިމިން މިދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޭކު އަޅާ މުބާރާތެއްގައި ބައިވެރިވާނެ ދުވަހެކެވެ.
މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުއްޖަކަށް އައިމިން ދޭން ބޭނުންވާ މެސެޖަކީ " ވަރަށް ރަނގަޅު ކަމެއް މިއީ ހަމަ ކޮންމެ މީހެއް ވެސް ކުރަން، ހިތްހަމަޖެހިގެން ގޭގައި ކުރެވޭ މަސައްކަތެއް، އަދި އާންދަނީ ހޯދަން ވެސް ވަރަށް ރަނގަޅު މަސައްކަތެއް" މިއެވެ.
ކޭކު އެޅުމުގެ އިތުރުން އިތުރު ހުނަރެއް ވެސް އަމިނިންގެ ހުރެއެވެ. އޭނާއަކީ ކުރަހާ ވެސް މީހެކެވެ. މިގޮތުން އެކި ކަހަލަ ކާޓޫން އަދި ފްލޯރަލް އެއްޗެހި ވަރަށް ގިނައިން ކުރަހާ ކަމަށް އޭނާ ބުނެއެވެ.