ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރު ކުޅޭ ފިލްމު "ބްލަޑީ ޑެޑީ" ވެގެންދާނީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ތަފާތު އެންމެ މޮޅު ފިލްމަކަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އޮންލައިން ޕްލެޓްފޯމް ޖިއޯ ސިނެމާ އިން ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޝާހިދު ކަޕޫރުގެ ވަރުގަދަ ތަޅާފޮޅުންތަކެއް ފެނިގެންދާނެ ފިލްމެކެވެ. ޖޫން މަހުގެ ނުވަ ވަނަ ދުވަހު ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ 2011 ވަނަ އަހަރު ނުކުތް ފްރާންސް ފިލްމު "ނުއީ ބްލާންޗް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ވަރުގަދަ ރޯލަކުން ޝާހިދު ފެނިގެންދާ މި ފިލްމަކީ އެކްޝަން މަންޒަރުތައް ވަރަށް ގިނަ ފިލްމެކެވެ. އަންހެން ދަރިއަކަށްޓަކައި ބައްޕައަކު ވާ ގުރުބާނީ މި ފިލްމުން ފެނިގެން ދާއިރު މިހާރު އަންނަނީ މި ފިލްމު ވަރަށް ގަދައަށް ޕްރޮމޯޓްވެސް ކުރަމުންނެވެ.
ޢަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް އުފައްދާ މި ފިލްމާ ގުޅޭގޮތުން ޝާހިދު ބުނީ މި ފިލްމު ޝޫޓްކުރި އިރު އޭނާ އަށް ޒަފަރު ގާތުން ބައިވަރު އެއްޗެހި ދަސްވި ކަމަށާއި ޝޫޓިން ދުވަސްވަރަކީ ވަރަށް މަޖާ ދުވަސްވަރެއް ކަމަށެވެ. އެކްޝަން ޖޯންރާ ވަރަށް ރަނގަޅަށް އެނގިގެން މި ފިލްމު ޒަފަރު ޑައިރެކްޓްކޮށްފައިވާ ކަމަށާއި އޭނާއާއެކު މަސައްކަތްކޮށްލެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ޝާހިދު ބުނީ މި ރޯލަކީ އޭނާއަށް ވަރަށް ތަފާތު ރޯލެއް ކަމަށާއި މި ފިލްމުގައި އެހެން އެކްޝަން ފިލްމުތަކަށްވުރެ މާ ގިނައިން އެކްޝަން މަންޒަރު ހިމެނިފައިވާނެ ކަމަށެވެ. ސަބަބަކީ މިއީ އަންހެން ދަރިއަކު ސަލާމަތްކުރަން ބައްޕަ އަކުވާ ގުރުބާނީ ދައްކުވައިދޭ ފިލްމަކަށް ވުމުން ކަމަށެވެ. އަދި މި ފިލްމަކީ އަސަރުން ފުރިގެންވާ ފިލްމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފިލްމުގައި ޝާހިދުގެ އިތުރުން އެކްޓަރު ސަންޖޭ ކަޕޫރު، ރޮނިތް ރޯއި، ރާޖް ކަންޑޭލްވަލް އަދި ޑަޔާނާ ޕެންޓީ ގެ އެކްޓިން ފެނިގެންދާނެއެވެ.