ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން ހަތް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ.

އާބަންކޯ އިން ބުނީ މިހާރު އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި މި ހާދިސާ ހިނގާފައިވާގޮތް މިހާރު ބަލަމުންދާ ކަމަށެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައި އެ އެޕާޓްމަންޓުގެ ބެލްކަނީގައެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން އެސަހަރައްދަށް ގިނަ ބަޔަކު ވަނީ އެއްވެފައެވެ.

މިއީ ހިޔާ ޓަވަރުގެ ފްލެޓެއްގައި މި މަސް ތެރޭގައި ހިނގާދިޔަ ތިން ވަނަ ހާދިސާއެވެ. މިމަހު 7 ވަނަ ދުވަހު އަލިފާނުގެ ދެ ހާދިސާއެއް ހިޔާ ފްލެޓުގައި ހިނގާފައި ވާއިރު މީގެ ތެރެއިން އެއް ހާދިސާ ހިނގާފައިވަނީ ބެލްކަނީގައި ހުރި ކުނި ތަކެއްގެ މައްޗަށް ނިއްވާ ނުލާ އޮތް ސިނގިރޭޓް ބުރިއެއް އެއްލުމުގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި ދެވަނަ ހާދިސާ ހިނގާފައި ވަނީ އޭސީ އައުޓްޑޯ ޔުނިޓުގެ މަތީގައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ.

އެފަދަ ހާދިސާ ތަކުން ރައްކާތެރި ވުމަށް އާބަންކޯއިން ވެސް ވަނީ އާންމުންނަށް ނަސޭހަތްތެރި ވެފައެވެ.

ހިޔާ ޓަވަރުތަކަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތަނެއް ކަމުން އެފަދަ ކުޑަ ހާދިސާއަކުން ވެސް ގިނަ އަދަދެއްގެ އާންމުން ދަނީ ނުރައްކަލަށް ހުށަހެޅެމުންނެވެ.

މީގެ ކުރިންވެސް ވަނީ ސިނގިރޭޓް ފިލްޓަރު ނުނިއްވާ އެއްލާލުމުގެ ސަބަބުން ހިޔާ ފްލެޓް ގައި އަލިފާނުގެ ހާދިސާ ހިނގާފައެވެ.