ފެޝަންގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ "މެޓް ގާލާ"ގައި ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މެއި މަހުގެ ފުރަތަމަ ދުވަހު ބާއްވާ މެޓް ގާލާގައި އާލިއާ ބައިވެރިވާއިރު މި ގާލާ ވެގެންދާނީ އޭނާގެ ފުރަތަމަ މެޓް ގާލާ އިވެންޓަށެވެ. އާލިއާގެ ހޮލީވުޑްގެ ޑެބިއު ފިލްމު "ހާޓް އޮފް ސްޓޯން" ރިލީޒްކުރަން ދުވަސްކޮޅަކަށް ވެފައި ވާއިރު އޭނާ މެޓް ގާލާ އިން ފެނިގެން ދާނީ ބޮލީވުޑްގެ ކާމިޔާބު ދެ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް އާއެކުގައެވެ. މި ދެތަރިންނަކީ ވެސް މީގެ ކުރިން މެޓް ގާލާގައި ބައިވެރިވި ދެތަރިންނެވެ.

މި އަހަރުގެ މެޓް ގާލާގެ ތީމަކީ "އަ ލައިން އޮފް ބިއުޓީ"އެވެ. މި ތީމަކީ މީގެ ހަތަރު އަހަރުކުރިން މަރުވި ޖަރުމަންގެ ފެޝަން ޑިޒައިނަރު ގާލް ލެގަފެލްޑާ ގުޅުވައިގެން އުފެއްދި ތީމެކެވެ. އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޕްރަބަލް ގުރަންގު، އާލިއާގެ ހެދުން ޑިޒައިން ކުރަން ހަމަޖެހިފައި ވާއިރު އާލިއާ ބުނީ މެޓް ގާލާގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ގާލާ އަށް ދިޔުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ލެގަފެލްޑް 2019 ވަނަ އަހަރު މަރުވިއިރު އޭނާ އާ ގުޅޭގޮތުން އެތައް ތުހުމަތުތަކާއި ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. އިންޑަސްޓްރީގައި އުޅޭ މޮޑެލުންތަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ އެތައް މައްސަލަތަކެއް ވަނީ އޭނާ އާ ދެކޮޅަށް ފެންމަތިވެފައި ވެއެވެ.